ލިބިފައިވާ ގިނަދަރިން ބަސްޤަބޫލުނުކުރާނަމަ، ރަނގަޅުމަގުން ނުދާނަމަ އެކަމުގަ ބެލެނިވެރިންގެ ކުށް ބޮޑުވާނެ! މިކަންކަމަށް ވިސްނަވާލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ލިބިފައިވާ ގިނަދަރިން ބަސްޤަބޫލުނުކުރާނަމަ، ރަނގަޅުމަގުން ނުދާނަމަ އެކަމުގަ ބެލެނިވެރިންގެ ކުށް ބޮޑުވާނެ! މިކަންކަމަށް ވިސްނަވާލައްވާ!

ހެޔޮލަފާ މައިންބަފައިންގެ ކިބައިން ތަރުބިއްޔަތު ލިބޭ ކުދިންނާއި އެނޫން މައިންބަފައިން ގެންގުޅެ ބޮޑުކުރާ ކުދިންގެ މެދުގައި ތަފާތުތަކެއް ހުންނަކަން އެންމެންނަށްވެސް ފާހަގަކުރެވޭނެއެވެ. ވީމާ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާނަމަ އެކަމުގެ ބިންގަލަކީ މައިންބަފައިންނެވެ.

ބައެއް މީހުން ބުނެއެވެ. ދަރިންނާއި އަޅައިލަމެވެ. ޚަރަދުކުރަމެވެ. ހެޔޮކޮށް ހިތަމެވެ. އެކަމަކުވެސް ބަސް ޤަބޫލެއް ނުކުރެއެވެ. ބޮޑެތިވުމުން މަގުފުރެދިގެންދެއެވެ. ދޭ ނަޞީޙަތުން ފައިދާއެއް ނުކުރެއެވެ. މިހެން ބުނަންޖެހޭ މީހުން މިބަޔާންކުރާ ކަންކަމަށް ވިސްނައިލާށެވެ!

ދަރިން ބަސް ނޭހުމާއި މަގުފުރެދުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެކަމުގެ ޝަކުވާކުރުމަކުން އަދި ނުފުދެއެވެ. އެކަމާއިހުރެ ދަރިން ދެކެ ރުޅި އައިސް ކަންކަން ކުރުމުގެ ކުރިން ތިމާގެ ޒިންމާ އެކަމުގައި އޮތް މިންވަރަށް ވިސްނާލަންޖެހޭނެއެވެ.

އެއްވެސް ޢާއިލާއެއްގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ، އެ ދަރިން ބަލައި ބޮޑުކުރަން ޚަރަދުކުރި ގޮތާމެދު ވިސްނަން ޖެހޭނެ އެވެ. އެއިރުން ވަރަށް ރަނގަޅަށް ސަބަބު އޮޅުން ފިލާނެއެވެ.

100 އިންސައްތަ ޙަލާލު ފައިސާއިން ޚަރަދުކޮށްގެން ޢާއިލާ ބެލެހެއްޓި ނަމަވެސް ގޯސްމަގުން ދަރިއަކު ހިނގައިދާނެއެވެ. ނަމަވެސް ޢާއިލާގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ އެއީ މައްސަލައެކެވެ. އެކުދިން ބަލައި ބޮޑުކުރަން ފައިސާ ޚަރަދުކުރި ގޮތާއިމެދު ފުންކޮށް ވިސްނާށެވެ! އަނބިދަރިންނަށް ޙަލާލު ތަކެތި ކާންދޭން ޖެހެނީ މި ސަބަބަށްޓަކައެވެ.

ބައެއް މީހުން ކިރިޔާ އަތްމަތިދަތިވެލާއިރަށް މީހުންނަށް މަކަރުހަދައިގެންނާއި ވައްކަންކޮށްގެން ފައިސާ ހޯދައެވެ. ވަޒީފާއަދާކުރާތަނުން ވައްކަންކުރެއެވެ. މަކަރާއި ޙީލަތް ހަދައެވެ. އެފައިސާއަށް ތަކެތި ގަނެގެން ގެއަސް ގެންގޮސް ޢާއިލާއަށް ކާންބޯންދެއެވެ.

ހަރާމްތަކެތި ކައިގެން ގައިގައި ޖަހާ މަސް ދިއުން ގާތީ ނަރަކައަށްކަން ޞަޙީޙް ޙަދީޘްފުޅުން އެންމެންނަށްވެސް އެނގޭނެއެވެ. އެކަން ނުއެނގޭ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ބައެއް މީހުންނަށް ހީވަނީ ޙަރާމް ތަކެތި ކެއުމަކީ އޫރު މަސް ފަދަ ތަކެތި ކެއުމާއި ބަނގުރާ ބުއިން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހައި ތިލަކޮށް ނިންމައި ލެވެން އޮތް ކަމެއް ނޫނެވެ. ތިމާއަށް ޙަލާލު ނޫން އެންމެ ވަކިލާރިއެއް ބޭނުން ކުރުމުން ވެސް އެ ކެވެނީ ހަމަ ޙަރާމް ތަކެއްޗެވެ. ވައްކަމާއި ކޮރަޕްޝަން ފަދަ އަމަލުތައްކޮށްގެން ހޯދާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. އެކެވެނީ ޙަރާމް ތަކެއްޗެވެ.

ބައެއް މައިން އަތްމަތިދަތިވުމުން ޒިނޭކުރުމާއި ޙަރާމްކަންކަން ކޮށްގެން ފައިސާހޯދައި ޚަރަދުކުރާއިރު ވިސްނައިލާށެވެ. ދަރިންނަށް ކާން އެދެވެނީ ކަނޑައެޅިގެން ޙަރާމް ތަކެއްޗެވެ. އަލިފާނެވެ.

ބައެއް މީހުންނަށް މަޤާމެއް ލިބުމުން އަތުގައިޖެހޭ ފައިސާއިން ވައްކަންކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުވެސް އެނގެނީ ކަމަށްވެދާނެއެވެ. ވައްކަންކުރުމަކީ ބިރުހުރި ކަމެކެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން ވިސްނާށެވެ! ޤަމުގައި ތިބި ހުރިހާ ޔަތީމުންގެ ފައިސާވެސް ހުންނާނީ ދައުލަތުގެ ފައިސާގެތެރޭގައެވެ. ޔަތީމުންގެ ފައިސާއަށް ޚިޔާނާތްތެރިވާނަމަ ބިރުވެރިކަން އިންތިހާއަށް އިތުރުވެއެވެ.

 

"ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކައަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ." (އައްނިސާ: 10)

ވީމާ ތިމާގެ ދަރިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ތެދުވެރި މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުން ނަމަ ޙަރާމް ގޮތުގައި ފައިސާ ނުހޯދާށެވެ! އެފައިސާއިން އެކުދިންނަށް ކުރާ ޚަރަދުތަކުން ހޯދައިދެވޭ އުފާވެރިކަމަކީ ތިބާ އެންމެ ލޯބިވާ ދަރިން ނަރަކައިގައި އަންދާނެ ދަރަށް ވެދާނެ ކަމަށްޓައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން