މަރުވިޔަސް ގިނަ ބައެއްގެ ފަތަށް ފާފަތައް ޖަމާވެ ބަރުވަމުންދާނީ އެކަމަށް ވިސްނައިވެސް ނުލާ ކުރެވޭ ފާފަތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މަރުވިޔަސް ގިނަ ބައެއްގެ ފަތަށް ފާފަތައް ޖަމާވެ ބަރުވަމުންދާނީ އެކަމަށް ވިސްނައިވެސް ނުލާ ކުރެވޭ ފާފަތަކުން!

ތަންކޮޅެއް ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ އެމީހަކު މަރުވުމުން އެމީހާގެ ޢަމަލުތައް އެހިސާބުން ހުއްޓުނީއެވެ. މުންކަރާތެއް ފެތުރުން، ބިދުޢައެއް ފެތުރުން ފަދަ ބޮޑު ފާފައެއް ނުކުރާނަމަ މަރުވާ ހިސާބުން އެމީހާގެ ލަގެޖް ތަޅުލެވުނީއެވެ. ނަމަވެސް ޝައިޠޯނާގެ މަސައްކަތުން މިއަދު މިވަނީ ޙާލަތު ބަދަލުވެފައެވެ. މަރުވިޔަސް އެމީހާގެ ލަގެޖް ތަޅެއް ނުލެވެއެވެ. އިތުރު ފާފަތައް ދަނީ ލަގެޖަށް އެޅެމުންނެވެ. ޤިޔާމަތްވުމުން ކައްވަޅުން ތެދުވަންޖެހޭނެ ދުވަހު އެލަގެޖް އުފުލައި ނުލެވޭނެ ވަރަށް ބަރުވުމަކީ ހަމަ ވަރަށް ގާތުގައި އޮތް ކަމެކެވެ.

މި ދައްކާ ވާހަކައަކީ ޝައިޠޯނާ މިއަދު މިވަނީ ފާފަކުރުން ފަސޭހަކޮށްދީފައެވެ. ފާފަކުރެވޭނެ މަގުތައް ފަސޭހަކޮށްދީފައެވެ. ކައްވަޅުގައި އޮތަސް ޢަޛާބް އިތުރުވާނެ މަގުތައްވެސް ފަސޭހަކޮށްދީފައެވެ. އެހެކަމުން ނަރަކައިން ސަލާމަތްވުމަށް އެދޭމީހާއަށް ޖެހޭނީ ވަރަށް ބޮޑަށް ހޭލުންތެރިވާށެވެ! މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!

ތިބާ ދުނިޔޭގައި އުޅުނީ ފާފަތަކެއް ނުކޮށް ރަނގަޅު ގޮތުގައިކަމަށްވެދާނެއެވެ. މީޒާނުގައި ހެޔޮކަމުގެ ކޮޅު ތިބާގެ ކޮޅަށް ބުރަވެ ސުވަރުގެ ވަދެވޭނެ ގޮތަށް ކަމަށްވެސްވެދާނެއެވެ. ނަމަވެސް ތިބާ ޢާންމުކުރި އެންމެ ވީޑިއޯއެއްގެ ސަބަބުން ނަރަކައަށް ވަންނަން ތިބާއަށް ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ!

ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ މަންޒަރެއް، ނުވަތަ ކަމެއް ތިބާ ޢާންމުކުރީއެވެ. ތިބާގެ އައުރައިން މިންވަރެއް ނަމަވެސް ޢާންމުކުރީއެވެ. މީހަކު ފަޟީޙަތްކުރުމަށް އޭނާގެ މަންޒަރެއް ޢާންމުކުރީއެވެ. ތިބާ މަރުވީއެވެ.

މަރުވެ ކައްވަޅުގައި އޮތް ނަމަވެސް އެމަންޒަރު މީސްތަކުން ބަލާނެއެވެ. އެބަލާ ކޮންމެ ބެލުމަކުން ތިބާ ފާފަވެރިވާނެއެވެ. ތިބާގެ ފާފައިގެ ފޮތުގައި ލިޔުއްވަވާނެތެވެ. އެހެރަދަނީ މީޒާނުގައި ފާފައިގެ ކޮޅަށް ބަރުވަމުންނެވެ. ޤިޔާމަތް ދުވަހު ހިސާބުބައްލަވާއިރު ބަރުވެފައި އޮންނާނީ ކިހައި މިންވަރަކަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟

ކޮންމެ ގޮތަކަށް ނަމަވެސް ދެމިގެންދާ ގޮތަށް ކުރެވޭ ކޮންމެ ނުބައި ޢަމަލެއްގެ ސަބަބުން މެދުވެރިވާނީ ހަމަ މިބުނި ޙާލަތެވެ. ސޯޝަލް މީޑިއާގައި ހާމަކުރާ އެފަދަ ކޮންމެ ކަމަކުންވެސް މެދުވެރިވާނީ ހަމަ މިބަޔާންކުރި ޙާލަތެވެ.

ދުނިޔޭގައި ކިތަންމެ މަޝްހޫރުވިނަމަވެސް އެއީ ހެޔޮ ޢަމަލުކުރުމުން ނޫންކަމުގައިވެއްޖެނަމަ އެކަމަކުން ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދެއްކުންތެރިކަމެއް ނެތި ހެޔޮ ޢަމަލުކުރުމުން މަޝްހޫރުވެއްޖެނަމަ ނުވަތަ މަޝްހޫރުނުވި ނަމަވެސް އެވަރަށް ހެޔޮ ޢަމަލުކުރެވިއްޖެނަމަ އެމީހާ ދުނިޔޭގައި ހުއްޓައި އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެއާއިއެކު އުޑުތަކުގައި އެމީހަކު މަޝްހޫރުވެގެންދާނެއެވެ. ސުވަރުގެ ލިބުން އޮތީ ކުރިން ބުނިފަދައިން ދުނިޔޭގައި މަޝްހޫރުވެގެނެއް ނޫނެވެ. ހަމައެކަނި އުޑުތަކުގައި މަޝްހޫރުވެވިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން