ޒައިނަބް ބިންތް ޖަހްޝް ރޢ ގެ ކައިވެނިފުޅަކީ ޚާއްޞަ އަދި އެހައިމެ މަތިވެރިކަންބޮޑު ކައިވެނިފުޅަކަށްވާ ސަބަބު-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޒައިނަބް ބިންތް ޖަހްޝް ރޢ ގެ ކައިވެނިފުޅަކީ ޚާއްޞަ އަދި އެހައިމެ މަތިވެރިކަންބޮޑު ކައިވެނިފުޅަކަށްވާ ސަބަބު-

ޒައިނަބް ބިންތް ޖަހްޝް رضي الله عنها އަކީ މާތް ﷲ ތަޢާލާ އެ ބޭކަނބަލެއްގެ ކައިވެނިފުޅު ކޮށްދެއްވެވި މާތް ނަބިއްޔާ ހަތްވަނަ އަނބިކަނބަލުންނެވެ. އެއީ ދީންވެރި، ތަޤުވާވެރި އަދި އެހާމެ ރީތި ބޭކަނބަލެކެވެ. ޒައިނަބް ބިންތް ޖަހްޝް رضي الله عنها އަކީ ރަސޫލާ ގެ ބައްޕާފުޅު ފަރާތުގެ ބޮޑުދައިތާފުޅު ކަމަށްވާ އުމައިމާ ބިންތް އަބްދުލް މުއްތަލިބްގެ ދަރިކަނބަލެކެވެ. މާތް ނަބިއްޔާ އާ ކުރެވުނު އެކައިވެނިފުޅަކީ އެކަމަނާގެ ދެވަނަ ކައިވެނިފުޅެވެ. އެކަމަނާގެ ފުރަތަމަ ކައިވެނިފުޅު ކުރެވުނީ ނަބިއްޔާ ގެ ސަހާބީއެއް ކަމަށްވާ ޒައިދް ބިން ހާރިޡް رضي الله عنه އާއެވެ. 

ޒައިދް ބިން ހާރިޡް رضي الله عنه އަކީ މާތް ނަބިއްޔާ މިނިވަންކުރެއްވި އަޅެކެވެ. އެއަށްފަހު މާތް ނަބިއްޔާ ޒައިދް ބިން ހާރިޘް رضي الله عنه އެޑޮޕްޓް ކުރެއްވެވިއެވެ. ( އާއިލާ މެމްބަރަކަށް ހަދައި ވާރުތަވާގޮތަށް އާއިލާއިން ބޭރުގެ މީހެއް ބަލައިގަނެ ގެންގުޅުން)  

ޒައިދް ބިން ހާރިޘް رضي الله عنه އަކީ މާތް ނަބިއްޔާ ވަރަށް ލޯބިފުޅުވާ ޙާއްސަ ސަހާބީއެކެވެ. އަދި އެއީ ކިރިތި ޤުރުއާނުގައި ބަޔާންވެގެންވާ ހަމައެކަނި ސަޙާބީވެސް ވެސްމެއެވެ. ޒައިނަބް ބިންތް ޖަހްޝް رضي الله عنها އާއި ޒައިދް ބިން ހާރިޘް رضي الله عنه ގެ ކައިވެނިފުޅު ކުރެވުނީ ރަސޫލާ ގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ނަމަވެސް ކައިވެނިފުޅަށް ގާތްގަނޑަކަށް އެއް އަހަރު ފާއިތުވެގެން ދިޔައިރު ކައިވެނިފުޅުގައި ގިނަ މައްސަލަތަކެއް ޖެހި އެކައިވެނި ރޫޅުނެވެ.  އެހެންކަމުން އެކަމަނާއާއި ކައިވެނިފުޅު ބައްލަވައިގަތުމަށް ނަބިއްޔާ އަށް ވަހީކުރައްވަވައި އެކައިވެނިފުޅު ކޮށްދެއްވީ ހަތްއުޑުގެ މަތިން ﷲ ތަޢާލާއެވެ. މި ޙާއްސަ ކައިވެނިފުޅު ކުރެވުނީ އެއްވެސް ވަލީވެރިއަކާއި އެއްބަސްވުމެއް އަދި ހެކިވެރިއެއްވެސް ނެތިއެވެ.  

މިކައިވެނިފުޅާއިމެދު އެކަމާ ފަޙްރުވެރިވެވެޑައިގެން ނަބިއްޔާގެ އެހެން އަނބިކަނބަލުންނަށް އެކަމަނާ ވިދާޅުވިއެވެ. " ތިޔަ ކަނބަލުންނަށް ކައިވެނިކޮށްދެއްވީ ތިޔަ ކަނބަލުންގެ އަހުލުންނެވެ. އަދި ތިމަން ކަމަނާގެ ކައިވެނި ކޮށްދެއްވީ ހަތްއުޑުގެ މަތިން ﷲ ތަޢާލާއެވެ." (ބުޙާރީ) 

މިކައިވެނިފުޅަކީ އެޑޮޕްޓްކުރާ ކުދީންނަކީ އަމިއްލަ ދަރިންނެއް ނޫންކަން އަންގައިދިނުމުގެ ގޮތުން ކުރެވުނު ކައިވެންޏެއްވެސް މެއެވެ. އަދި އަމިއްލަ ދަރިންނަށް ހަދައިގެން އުޅޭ ކުދިންގެ ވަރިކޮށްފައިވާ ފިރިން ނުވަތަ އަނބިންނާ ކައިވެނި ކުރުން ހުއްދަކަން އަންގައިދިނުމުގެ ގޮތުންވެސްމެއެވެ. 

އަލް އަޙްޒާބް ސޫރަތުގެ 37 ވަނަ އާޔަތުގެ މާނައިގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

"ﷲ، އެމީހަކަށް އިސްލާމީ ޙިދާޔަތުގެ ނިޢުމަތް ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނުގެ ހެޔޮކަން ދެއްވާފައިވާ މީހަކަށް، ކަލޭގެފާނު ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ﷲ ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅުގަނެތެވެ. އަދި ކަލޭގެފާނުގެ ބިރުފުޅުގަތުން ހައްޤުކަން ބޮޑީ ﷲ ދެކެއެވެ. ފަހެ ޒައިދު، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު ( އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް އިއްދަހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކައިވެނިކޮށްދެއްވީމެވެ. އަދި މުއުމިނުންނަށް އެއުރެން ދަރިންކަމަށް ހަދައިގެން އުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި ވަރިކޮށްފި ހިނދު އެއުރެންނާ ކައިވެނިކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި ﷲ ގެ އަމުރުފުޅަކީ ހިނގަނިވި ކަމެއް ކަމުގައިވިއެވެ."

 

- ޢައްޒަ މުޙައްމަދު

 

މިއަދު އޮންލައިން