ޙައްޤު ގޮތުގަ ތިބާ ހުއްޓައި ދޮގުބަދުނާމު އަޅުވައި ފަޟީޙަތްކުރަން މަސައްކަތްކުރާ މީހުންގެ މައްޗަށް މިއަދުވެސް ތިބާއަށް ނަޞްރުދެއްވަވާނެ! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 6މ 24ސ
ޙައްޤު ގޮތުގަ ތިބާ ހުއްޓައި ދޮގުބަދުނާމު އަޅުވައި ފަޟީޙަތްކުރަން މަސައްކަތްކުރާ މީހުންގެ މައްޗަށް މިއަދުވެސް ތިބާއަށް ނަޞްރުދެއްވަވާނެ! އިން ޝާ ﷲ

މިއަދުގެ ޙާލަތަށް ބަލައިފިނަ ތިމާނުރުހޭ މީހާ ފަޟީޙަތްކުރަން ނުދައްކާނެ، ނުފަތުރާނެ ވާހަކައެއް ނެތެވެ. އަދި ގިނައިން ފަތުރަނީވެސް ދޮގުވާހަކަތަކެވެ. ސޯޝަލް މީޑިއާއަކީ ކޮންމެ މީހަކަށްވެސް ބޭނުންކުރެވެން އޮތް ޕްލެޓްފޯމަކަށްވުމުން އެއިގެ ބޭނުން ހިފަނީ އެއްވެސް ވަރަކަށް ވިސްނައިގެނެއް ނޫނެވެ. ތިމާއަށް މިފެތުރެނީ ދޮގުވާހަކައެއްކަން އެނގިހުރެވެސް ފަތުރާލަން ޖެހިލުމެއް ނުވެއެވެ. 

އަހުރެންގެ ފުރަތަމަ ނަޞީހަތަކީ ތިމާ ފާފަވެރިވާނެ މިފަދަ ކަންކަން ނުކުރުމެވެ. ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެކަމަށް ބިރުވެތިވުމެވެ. ދެވަނަ ނަޞީޙަތަކީ މީހަކު އެފަދަ ކަމެއް ކުރިނަމަވެސް ކަންބޮޑުނުވެ ޘާބިތުވުމެވެ. ކުށެއް ނެތި މީހުންދޭ އެފަދަ އަނިޔާތަކަށް ކަންބޮޑުނުވުމެވެ. ބަލަންވީ ތިމާއަށް މިހުރެވެނީ ޙައްޤުމަގުގައި ކަމެވެ. ތިމާ ފާފައެއް ނުކުރާކަމެވެ. މީހަކަށް ދެރައެއް ތިމާ ނުދޭކަމެވެ. އެއިރުން އަނިޔާވެރިން ބަލިކުރައްވަވައި އެމީހަކަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިޜީގައިވާ ލިޔުމުން ހިތްވަރު ލިބިގަންނާށެވެ! ހަމައެގޮތަށް ތިބާއަށްވެސް ރަޙްމަތް ލައްވަވާނެކަން ޔަޤީންކުރާށެވެ! 

އެއްފަހަރަކު އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ރަސޫލާ އާއެކު ދަތުރުފުޅެއްގައި ބައިވެރިވެ ވަޑައިގަތެވެ. މިދަތަރުފުޅު ނިންމަވައިލައްވާފައި އެނބުރި މަދީނާއަށް ވަޑައިގަތް ދަތުރުފުޅުގައި ދަތުރު ޤާފިލާ ވަރުބަލިކަން ފިއްލަވާލެއްވުމަށްޓަކާ ވަކި ހިސާބެއްގައި މަޑުކޮށްލެއްވިއެވެ. އެދަތުރުފުޅަކީ ހިޖާބުގެ ޢާޔަތް ބާވައިލެއްވުމަށްފަހު ކުރެވުނު ދަތުރުފުޅަކަށް ވުމާއެކު ޢާއިޝާ رضي الله عنها ސަވާރުވެވަޑައިގެން އިންނެވީ ޖަމަލުގެ މަތީގައި ބަހެއްޓޭ ކަހަލަ ގެގަނޑެއްގެ ތެރޭގައެވެ. އަނެއްކާވެސް ދަތުރުފުޅު ފަށަން އިއުލާން ކުރެއްވުމާއެކު އެވަގުތު ހާޖަތެއް ޖެހިވަޑައިގެން، ގެގަނޑު ތެރެއިން ނިކުމެވަޑައިގެން ޤާފިލާއާ ތަންކޮޅެއް ދުރު ހިސާބަކަށް ޖެހިވަޑައިގަތެވެ. އެއަށްފަހު އަވަސްކޮށްގެން އައިސް އެނބުރި ގެގަނޑުގެ ތެރެއަށް ވަދެ ވަޑައިގަތެވެ. އެހިނދު ކަރުފުޅުގައި އަޅުއްވާފަފައި އޮތް އަބާރަނަކޮޅު ނެތްކަން އިހުސާސްވެ އަނެއްކާވެސް ގެގަނޑުން ނިކުމެ ވަޑައިގެން އަބާރަނަ ކޮޅު ހޯއްދަވަން ފެއްޓެވިއެވެ. އާއިޝާ رضي الله عنها ގެގަނޑުގައި ނެތްކަން އިޙުސާސްނުވާ ހާލު ރަސޫލާ އާއި ދަތުރުގެ ޤާފިލާ ދަތުރުފުޅައިގެން ކުރިއަށް ވަޑައިގަތެވެ. 

އަބާރަނަކޮޅު ހޯއްދަވައިގެން ޢާއިޝާ رضي الله عنها އެނބުރި ދަތުރުގެ ޤާފިލާ އޮތް ހިސާބަށް ވަޑައިގެންނެވިއިރު އެހިސާބުން އެއްވެސް މީހަކު ފެނިވަޑައެއްނުގަތެވެ. އެހިނދު އިތުރު ގޮތެއް ނެތި، އިތުރު ރަސޫލާ އެނބުރި އެކަމަނާ ބަލައި އަންނަވާނެ ކަމުގެ އުއްމީދުގައި އެތަނުގައި މަޑުކުރެއްވިއެވެ. އެތާ އިށީނދެވަޑައިގެން އިންނަވަނިކޮށް އެކަމަނާ ނިދިޖެހިވަޑައިގަތެވެ. އެހެން އިންނަވަނިކޮށް އެކަމަނާ ފެނިއްލެއްވީ އެހެން ދަތުރެއްފުޅެއްގައި އެމަގުން ދަތުރުފުޅު ކުރެއްވި ޞަފްވާން ބިން މުއްތަލް އައްސުލަމީ رضي الله عنه އަށެވެ. 

އެކަމަނާގެ ޙާލަތު އިހުސާސްވެ އެޙާލަތަށް އެކަމަނާ ދޫކޮށްލާފައި ވަޑައިގަންނަން ޞަފްވާން ބިން މުއްތަލް رضي الله عنه އަށް ކެރިވަޑައި ނުގަތެވެ. އެހެންކަމުން އެކަލޭގެފާނު ޖަމަލު މަތިން ފައިބައިވަޑައިގަތުމަށްފަހު އެޖަމަލް އެކަމަނާގެ ކުރިފުޅުމަތީގައި ބަނޑުޖެއްސެވުއްވިއެވެ. ދެން އެކަމަނާފާނު ޖަމަލަށް ސަވާރުވެވަޑައިގަތުމުން މަދީނާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އަދި އެކަމަނާފާނު ރައްކައުތެރިކަމާއެކު މަދީނާއާ ހަމައަށް ގެނެސްދެއްވިއެވެ. 

ނަމަވެސް މުނާފިޤުންގެ ބަޔަކަށް މިމަންޒަރު ފެނިގެން އެކަމަނާގެ އިސްތަށިފުޅުގައި ދޮގު ބަދުނާމްތަކެއް އެޅުއްވިއެވެ. އެކަމަނާގެ އިސްތަށިފުޅުގައި އެމީހުން އަޅުއްވަމުން ގެންދިޔައީ އެންމެ ނުބައި ޢަމަލު ކަމަށްވާ ޒިނޭގެ ތުޙުމަތެވެ. މި ހަޑިމުޑުދާރު ވާހަކަ ފެތުރުމުގެ އެންމެ ކުރީގައި ހުރީ އަބްދުﷲ ބިން އުބައްޔުއެވެ. 

އެންމެ ފަހުން މިވާހަކަތައް މާތް ނަބިއްޔާ ކަންފަތްފުޅާ ހަމައަށްވެސް ފޯރިއެވެ. ޢާއިޝާ رضي الله عنها އާލާސްކަންފުޅެއްގައި އުޅުއްވަން ޖެހިވަޑައިގެން ގެއިން ނިކުމެވަޑައިނުގަންނަވާތީ ދެކެވޭ ވާހަކަތައް އެކަމަނާއަށް އެނގިވަޑައިނުގަންނަވައެވެ. ނަމަވެސް އެކަމަނާގެ ފިރިކަލުން މާތް ނަބިއްޔާ އަށް ބަދަލުތަކެއް އަންނަކަން ފާހަގަވެވަޑައިގަތެވެ. މިގޮތުގައި އެއްމަސް ދުވަސް ފާއިތުވެގެން ދިޔައީއެވެ. ދެކެވެމުން ދިޔަ ވާހަކަތަކާ ބެހޭގޮތުން އިތުރު އެކަލޭގެފާނު ޢާއިޝާ رضي الله عنها އާއި އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. އެކަލޭގެފާނު އިންތިޒާރުފުޅު ކުރައްވަމުން ގެންދެވީ އެކަމާ ގުޅިގެން މާތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކަށެވެ. ނަމަވެސް މަސްދުވަސް ވެގެން ދިޔައިރުވެސް ޥަޙީއެއް ނުއިއްވަވާތީ އެކަލޭގެފާނު މުޅިން މާޔޫސްވެވަޑައިގެންނެވިއެވެ.  

ޢާއިޝާ رضي الله عنها އަށް މިކަމުގެ ޙަބަރެއް ލިބިވަޑައިގަތީ އެކަމަނާފާނުގެ އެކުވެރި ކަނބަލެއްގެ ފަރާތްޕުޅުންނެވެ. އެކަމާ އެކަމަނާފާނު އިންތިހާއަށް ދެރަފުޅުވެ މާތް ނަބިއްޔާ އަރިހުގައި އެކަމަނާގެ މައިންބަފައިންގެ ގެއަށް ފޮނުއްވައިދިނުމުގެ އިޛުނައަށް އެދިވަޑައިގަތެވެ. އިޛުނަފުޅު ލިބުމާއެކު އެކަމަނާ މައިންބަފައިންގެ ގެކޮޅަށް ވަޑައިގެން އެކަމުގެ ތެދު ދޮގު ބެއްލެވިއެވެ. އެއީ ދެކެވޭ ވާހަކައެއްކަން ޔަގީންވެވަޑައިގަތުމާއެކު އެކަމާ ހިތްދަތިފުޅުވެ ވަރަށް ގިނައިން ކީރިތިކުރެއްވެވިއެވެ. 

އެކަމަނާގެ އިސްތަށިފުޅުގައި އެޅުނު ބަދުނާމާ މެދު ހިތާމަ ކުރައްވާ ކީރިތި ކުރައްވަން އިންނަވަނިކޮށް މާތް ނަބިއްޔާ އެކަމަނާގެ އަރިހަށް ވަޑައިގެން އެކަމަނާގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގަތެވެ. އެކަމަނާގެ ދެފަރާތުގައި ތިއްބެވީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅެވެ.

އެންމެ ފުރަތަމަ ކަމަކަށް ރަސޫލާ ތަޝައްހުދް ވިދާޅުވިއެވެ. އެއަށްފަހު ޢާއިޝާ رضي الله عنها އަށް ދެންނެވިއެވެ. 

"އޭ ޢާއިޝާއެވެ. ކަމަނާއާ ބެހޭގޮތުން އެވެނި މިވެނި ވާހަކަތަކެއް ތިމަންކަލޭގެފާނަށް ވަނީ އިވިވަޑައިގެންފައެވެ. ކަމަނާފާނުގެ ކުށެއްނުވާނަމަ މާތްﷲ އެކަން ހާމަކުރައްވާ ވަޙީ އިއްވަވާނެއެވެ. ނަމަވެސް ކަމަނާފާނު ފާފައެއް ކޮށްފިނަމަ ލަސްނުކޮށް މާތް ﷲ ހަޟްރަތަށް ތަޢުބާ ވާށެވެ. ހަމަކަށަވަރުން އަޅަކު ފާފައެއް ކޮށްފައި ދެން އެއަށްފަހު އެކަލާނގެ ހަޟްރަތުގައި ތަޢުބާވެއްޖެ ނަމަ އެކަލާނގެ އެމީހެއްގެ ތަޢުބާ ޤަބޫލު ކުރައްވާނެއެވެ."  

އެހިނދު ޢާއިޝާ رضي الله عنها އަށް އެކަމަނާގެ ލޯފުޅުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް އައި ކަހަލަ އިހުސާސެއް ކުރެވިވަޑައިގަތެވެ. ދެން އެކަމަނާ ﷲގެ ރަސޫލާ އަށް ދެންނެވިއެވެ. 

ﷲ އަށްޓަކާ ބުނަމެވެ. ކަލޭގެފާނަށް އެވާހަކަތައް އެކިގޮތްގޮތަށް އިވިވަޑައިގެންނެވިލެއް ގިނަ ކަމުން ކަލޭގެފާނުގެ ސިކުނޑފުޅު އެވާހަކަތައް ޤަބޫލުކުރެއްވީކަން ތިމަން ކަމަނާއަށް އެނގިވަޑައިގެންފިއެވެ. ތިމަންކަމަނާ އެއްވެސް ފާފައެއް ނުކުރާކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިމަންކަމަނާ އެއްވެސް ފާފައެއް ނުކުރާކަމަށް ދެންނެވިނަމަވެސް ކަލޭގެފާނު ޤަބޫލުފުޅު ނުކުރައްވާނެއެވެ. އަދި ތިމަންކަމަނާ ތިތުހުމަތުތަކަށް އެއްބަސް ވެއްޖެނަމަ ކަލޭގެފާނު އެކަން ޤަބޫލުފުޅުކުރައްވާނެއެވެ. "  

އެއަށްފަހު ޢާއިޝާ رضي الله عنها ޔޫސުފް ސޫރަތުގެ 18 ވަނަ ޢާޔަތް ކިޔަވައި ވިދާޅުވިއެވެ. އެއާޔަތުގައި މާނައިގައި ވެއެވެ.

"އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއް ކުރުމަށް ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲ އެވެ."

އެއަށްފަހު އެކަމަނާފާނު މޫނުފުޅު އަނެއްފަރާތަށް އަނބުރުއްވަވާ އެކަމަނާގެ އެނދުކޮޅުގައި އޮށޯވެވަޑައިގަތެވެ.

މާތްﷲ ޢާއިޝާ رضي الله عنها ފާފައެއްނުކުރައްވާކަން ހާމަކުރައްވަވައި ވަޙީބަސްފުޅު ބާވައިލެއްވެވިއެވެ. އެކަމާއި ގުޅިގެން އިތުރު އެކަލޭގެފާނު ހިނިވަރުނަ ކުރައްވަމުން ވިދާޅުވިއެވެ. އޭ ޢާއިޝާއެވެ. މާތްﷲ ތިޔަކަމަނާ ފާފައެއް ނުކުރއްވަވާކަން ހާމަކުރައްވައި ވަޙީ ބަސްފުޅު ބާވައިލައްވަވައިފިއެވެ. އެހިނދު ޢާއިޝާ رضي الله عنها މާތްﷲގެ ކިބަފުޅަށް ޙަމްދުކުރިއެވެ.

މާތްﷲ ޢާއިޝާ ގެ ކުށެއްނެތް ހާމަކޮށް ވަހީކުރައްވާފައިވާ އާޔަތްތަކަކީ ނޫރު ސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެން އެކާވިސްވަނަ އާޔަތާ ހަމައަށެވެ. 

 

- ޢައްޒަ މުޙައްމަދު

މަސްދަރު

އައް ތިރމިޛީ 3180

ތަފްސީރް އިބްން ކަޘީރް

 

 

 

 

މިއަދު އޮންލައިން