އިސްލާމް ދީން އައުމުގެ ކުރިން އަނބިންގެ ޢަދަދު ކަނޑައެޅިފައެއް ނެތެވެ. އެމީހަކު ބޭނުންވަރަކަށް އަންހެނުން ގެންގުޅެންވީއެވެ. އެމީހުންނާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް ބަހެއް ބުނުމުގެ ޙައްޤެއްވެސް ނުއޮވެއެވެ. ތިބެންޖެހެނީ އަޅުންގެ ގޮތުގައެވެ.
މިނުބައި އާދަ ނައްތައިލަދިނީ އިސްލާމް ދީނެވެ. ގިނަވެގެން ގެންގުޅެވޭނީ 4 އަނބިން ކަމުގައި ލެއްވެވިއެވެ. އަދި އެކަން ލައްވަވާފައިވަނީ މަޖުބޫރު ކަމެއް ގޮތަކު ނޫނެވެ. އެއް އަންތބަށްވުރެ ގިނަކުރަން އޮތީ އަނބިންގެ މެދުގައި ހަމަހަމަ ކުރެވޭނެނަމައެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
ޙަޤީޤަތުގައި ގިނަ އަންހެނުންނާއި ކައިވެރިކުރަން ހުއްދަވީ އުހުދު ހަނގުރާމައިގައި ގިނަ ޢަދަދެއްގެ ފިރިހެނުން ޝަހީދުވުމުން އެމީހުންގެ އަނބިން ހުވަފަތްވީތީއެވެ. އެމީހުންނަށް ކުރިމަތިވި ނިކަމެތި ޙާލުން ސަލާމަތްވެވިގެން ތިބެވޭނެ މަގެއް ދެއްކެވުމަށެވެ. އެމީހުންނަށް އެހީތެރިވާނެ ބައަކު ލިބޭނެ ގޮތް މަގުފަހިވުމަށެވެ.
ވީމާ ގިނަ އަންހެނުންނާއި ކައިވެނިކުރަންވާނީ އެކަނބަލުންނަށް އެހީތެރިވުމަށެވެ. އަދި އެކަން ކުރަންވާނީ އެއިރު އިން އނބިމީހާއަށް އެއްވެސް ނިކަމެތިކަމެއް ނުލިބޭނެ ގޮތަށެވެ.
ވިސްނާލަން ޖެހޭނެ ކަމަކީ ގިނަ އަނބިން ތިބެ، އަނބިންގެ މެދުގައި ހަމަހަމް ނުކުރިމީހާ ޤިޔާމަތް ދުވަހު މަޙްޝަރުކުރައްވަވާނީ އެއްފަޅި ވާގިނެތް މީހެއްގެ ގޮތުގައި ކަމަށް ޙަދީޘްފުޅުގައި އޮތްކަމެވެ.
އަހުރެން މިބަސްކޮޅު މިބުނީ އިސްލާމް ދީނުގައި ފިރިހެނުންނަށް ގިނަ އަނބިން ހުއްދަވެފައި އޮތުމަކީ އަންހެނުންނަށް ދެވިފައިވާ އަނިޔާއެއް ކަމަށް ބުނެ ވާހަކަ ފަތުރާ މީހުންނަށް ޖަވާބެއްގެ ގޮޔުންނެވެ. އިސްލާމް ދީނުގައި އެއީ އަންހެނުންނަށް ދީފައިވާ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ނޫނެވެ. އަންހެނުންނަށް ލައްވަވާފައިވާ ރަޙްމަތެއްކަން މިކުރުކުރު ވާހަކަކޮޅުންވެސް ވިސްނޭނެއެވެ.
އެއްވެސް ޝައްކެއް ނެތެވެ. ގިނަ އަނބިން ގެންގުޅުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. ގިނައަނބިން ހޯދަންވާނީ އެމަސްއޫލިއްޔަތު އަދާކުރެވޭނެ ނަމައެވެ.
- އިސްލާމް ދީނުގެ ތަފްޞީލް