ރަނގަޅު މަރަކުން މަރުވުމަށް އެދޭމީހާ ސަމާލުކަންދޭން ޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރަނގަޅު މަރަކުން މަރުވުމަށް އެދޭމީހާ ސަމާލުކަންދޭން ޖެހޭ ކަންކަން-

ތިމާއަށް އާޚިރަތް ކާމިޔާބުކުރެވެން އޮތީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ހުއްޓައި އެމީހެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވިގެންކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. ސުވާލަކީ އެކަން ޙާޞީލްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ސުވާލުގެ ޖަވާބަކީ އެކަން ޙާޞިލްކުރެވެން އޮތް ހަމައެކަނި މަގަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ދެން ކުރެވޭ ސުވާލަކީ އެކަން ޙާޞިލްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ސުވާލުގެ ޖަވާބަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބަލައި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމެވެ. ފާފަކުރުން ހުއްޓާލައި ތައުބާވެ ހެޔޮޢަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އިން ޝާ ﷲ  

ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ އެކަމެއް ކާމިޔާބުކުރަން ތިމާއަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްގެންނެވެ. އާޚިރަތް ކާމިޔާބުކުރެވޭނީވެސް އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.  

ވީމާ އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ ހުންނަންވީ ޢުމުރުން ދުވަސްވުމުން އެކަމަށް މަސައްކަތް ކުރަން ފަށާކަށް ނޫނެވެ.އެންމެ ޒުވާން ޢުމުރުން ފެށިގެން އެކަމަށް މަސައްކަތްކުރަންވާނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މަރުމަޔީގައި ޝަހާދަތް ކިޔައިލުމުގެ ފުރުޞަތު ލިބޭ މީހުންގެ ޢަދަދު މަދުވަމުން އަންނަކަން ޑޮކްޓަރުން ފާހަގަކުރެއެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ މަރުމަތީގައި ޝަހާދަތް ކިޔަން އެދޭ މީހާއަށް އޮތީ އެކަން އެދިގެން ކުރިއާލައި މަސައްކަތްކުރަމުން އައުމެވެ. ނޫންނަމަ މަރުމަތީގައި ކިޔަން ބޭނުންވި ނަމަވެސް އޮންނާނީ އެކަން ނުކުރެވިފައެވެ.  

ހެޔޮލަފާ ބައެއް މީހުންނަށް ޖެހޭ ބައްޔެއްގެ ސަބަބުން މަރުމަތީގައި ޝަހާދަތް ނުކީވެސް ހިނގައިދާނެއެވެ. އެމީހުންނަށް ހިތުން ކިޔުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ މަރުމަތީގައި ޝަހާދަތް ކިޔޭނެގޮތް ނުވުމަކީ އޭނާއަކީ ނުބައި މީހަކު ކަމަށް ޤަބޫލުކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. އެއްވެސް މީހަކާއި ދިމާއަށް އެފަދަ ބަސްތައް ނުބުނާށެވެ!

 

މިއަދު އޮންލައިން