އެއްދުވަހަކު ހެނދުނު މަންމަ ވަރުބަލިވާކަމަށް ބުނުމުން ހޮސްޕިޓަލަށް ގެންދިއައިމެވެ. ޓެސްޓްތައް ހަދާފައި ޑޮކްޓަރުން ޙައިރާންވިއެވެ. އެއީ ކިޑްނީގެ ބޮޑުބައެއް ފޭލްވެ އަދި އެކަމުގެ ސަބަބުން ހިތަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު އެކަންކަމުން ކުރަންޖެހޭނެ އަސަރާ ގާތަކަށްވެސް މަންމައަށް އުނދަގޫނުވާތީއެވެ. ފުރިހަމަ ޞިއްޙަތުގައި ހުންނަ މީހަކު އުޅޭ ފަދައިން އުޅެވޭތީއެވެ.
އެހެންވެ އަޅުގަނޑާއި ސުވާލުތައް ކުރަން ފެށުމުން ބުނީމެވެ. "މަންމައާއި މާތް ﷲ އާއި ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަޅުގަނޑުމެން ހަނދާންހުންނަން ފެށީންސުރެ އެގުޅުން މަންމަ ބާއްވައެވެ. ނަމާދު ވަޤުތު ޖެހިއްޖެނަމަ އަޅުގަނޑުމެންނަށް ކާންދޭނީވެސް ނަމާދުކޮށްފައެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި ނުއިންނަ ރެއެއް ހަނދާނެއް ނެތެވެ."
އެހެން ބުނީމާ ބޭސް ލިޔެދީފައި ޤަވާޢިދުން ޑޮކްޓަރަށް ދައްކަން ބުނެފައި ފޮނުވައިލީއެވެ. ކިޑްނީ އަވަހަށް ބަދަލުކުރަންވެސް ބުންޏެވެ. ނަމަވެސް މަންމަ އެކަމަށް އެއްބަސްނުވީތީ އެކަންވެސް ނުކުރެވުނީއެވެ. ނިޔާވީ އެއިގެ 8 އަހަރުފަހުންނެވެ. ހަމަ ޢާންމު ދިރިއުޅުމުގައި އުޅެމުންނެވެ.
މިފަދަ ޙާދިސާތަކުގެ ވާހަކަ ކިޔުންތެރިންގެ ފަރާތުން ލިބެއެވެ. އަދި މީހުން ޙިއްޞާކޮށްފައި ހުއްޓައިވެސް ފެނެއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
އަހުރެންގެ މަންމަ ޤަވާޢިދުން ޑޮކްޓަރަށް ދައްކަމެވެ. ބައެއް ޢާންމު ބަލިތައް ހުންނަކަން ފާހަގަކުރެވި ބޭސްވެސް ކުރަމެވެ. ޢުމުރުން 83 އަހަރުގައި އެއްދުވަހަކު ކުއްލިއަކަށް ހޭނެތުނީއެވެ. އަވަސް އަވަހަށް ހޮސްޕިޓަލަށް ގެންދިއުމުން ހެދީ ހަމަ ކުރިންވެސް ހަދައި އުޅުނު ޓެސްޓްތަކެވެ.
އެވަޤުތު ހެދި ޓެސްޓްތަކުން ބޮޑު 2 ކަންތައް ފާހަގަކުރެވުނެވެ. ހިތުގެ 2 ވޭލްވްއެއް މަސައްކަތްނުކުރާތާ އެތައް އަހަރެއް ވެއްޖެކަމެވެ. ސިކުނޑީގައި ބޮޑު ޓިޔުމަރެއް އިންނަތާ އެތައް ދުވަހެއް ވެއްޖެކަމެވެ.
އެކަންކަން ކުރިން ހެދި މެޑިކަލް ޗެކަޕްތަކުން ފާހަގަނުކުރެވުނު ސަބަބާއިމެދު ބޮޑަށް ކަންބޮޑުވީވެސް ޑޮކްޓަރުންނެވެ. އެއީ އެމީހުންނަށް އެކަންކަން ފާހަގަނުކުރެވުނީތީއެވެ. ކޮންމެއަކަސް ދެން ކަންތައްކުރަންވީ ގޮތަކާއިމެދު ޑޮކްޓަރުން ސައްލާކުރަން ތިއްބައި މަންމަ ނިޔާވެއްޖެއެވެ. ނިޔާވުމުގެ ކުރިން ލޯހުޅުވާލައި އެންމެންނަށް ހިނިތުންވެލިއެވެ. އަމިއްލައަށް ޝަހާދަތް ކިޔެވެ.
ދެން ބުނެލަން ޖެހެނީ މަންމަ ހޭނެތުނު ޙާލަތެވެ! ހޭނެތުނީ ޤުރްޢާން ކިޔަވަން އިންދައެވެ.
މިއީ ޒުވާނަކު ކިޔައިދިން ވާހަކައެކެވެ. މިފަދަ ޢިބްރަތްތެރި އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާއިން ނުފެނޭހެއްޔެވެ؟ ފެނެއެވެ. މިފަދަ ޢިބްރަތްތެރި އެތައް ކަންތައްތަކެއް އަބަދުވެސް ދަނީ ހިނގަމުންނެވެ. ހަމަ ވިސްނައި ނުލެވެނީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކެންސަރާއި އެނޫންވެސް ބޮޑެތި ބަލިތައް ޖެހިފައި ތިބެމެ އެމީހާ މަރުވުމުގެ ވަޤުތާއި ހަމައަށް އެބަލީގެ އެއްވެސް އުނދަގުލެއް ނުފޯރައި އުޅެވުމަށް ﷲ ތަޢާލާ އިރާދަކުރައްވަވާ އެތައް ބައަކު އުޅެއެވެ. އެފަދަ މީހުންގެ ވާހަކަތައް އެތައް ގޮތަކުން ފެންނަންވެސް އެބަހުއްޓެވެ. ޚުދު ތިމާއަށްވެސް އެފަދަ ބައެއް މީހުންގެ ކަންކަން އެނގިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
ސުވާލަކީ އެކަން އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އެކަން އެގޮތަށްވުމަށް މެދުވެރި ކުރެއްވެވި ސަބަބު އަހުރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ކީރިތި ޤުރްޢާން ކިޔެވުމަކީ އެންމެ ބޮޑު ޝިފާއެވެ. ޤުރްއާނުން ޢާންމުކޮށް ކިޔަވާ ސޫރަތްތަކުގެ އިތުރުން ކޮންމެ ދުވަހަކުވެސް ޚަޠިމްކުރަން ކޮންމެވެސް މިންވަރެއް ކިޔަވާށެވެ! އެންމެ ޞަފްޙާއެއް ނަމަވެސްމެއެވެ. ހީވެސް ނުކުރެވޭފަދަ ބޮޑެތި މައްސަލަތަކުން ސަލާމަތް ކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން