އިންސާނުންގެ ތެރޭގައި ޝައިޠޯނާގެ ބައިވެރިން މިވަނީ ގިނަވެފައެވެ. އަންނަނީވެސް ގިނަވަމުންނެވެ. ވީމާ އަހުރެމެންނަށް އޮތީ އެކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. އެފަދަ ޝައިޠޯނުންގެ ކިބައިން ސަލާމަތްވެ ތިބެން ގަދައަޅައި ަމސައްކަތްކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޝައިޠޯނާއަކީ މީސްތަކުންނަށް ހުރި ޢަދުއްވެއް ކަމަށާއި ޝައިޠޯނާ އާއި ދުރުހެލިވުމަށެވެ.
މިވަޙީބަސްފުޅު މިހެން އޮއްވައިމެ ބައެއް މީހުންނަށް މިވާގޮތަކީ ޝައިޠޯނާ ތަޖުރިބާކޮށްލަން ބޭނުންވެވެނީއެވެ. ތިމާއަށް ހެޔޮއެދިގެން ތިމާއަށް ފައިދާހުރި ކަމެއްކޮށްދީފާނެ ކަމަށް ބަލައި ޝައިޠޯނުންނާއި ގާތްވެލެވެނީއެވެ. އިތުބާރުވެސް ކުރެވެނީއެވެ.
ނަތީޖާއަކަށް ވެގެންދަނީ ތިމާގެ ކިބައިގައި ހުރި އީމާންކަންވެސް ފިލައިގެން ދިއުމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި މަގުފުރެދިގެން ދެވުމެވެ. ދުނިޔެއާއި އާޚިރަތްވެސް ގެއްލި މީހާ ނިކަމެތިވެގެން ދިއުމެވެ. އެކަން ތިމާއަށް އިޙްޞާޞްކުރެވޭއިރު ގިނަފަހަރަށް އޮންނަނީ ވަޤުތު ފާއިތުވެފައެވެ. ދެން ސަލާމަތް ނުވެވޭ ޙިސާބަށް ކަންކަން ގޮސްފައެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އެވަނީ ބޮޑު ޝައިޠޯނާގެ ވާހަކަނަމަވެސް ބޮޑު ޝައިޠޯނާއަށް ހެއްލި ބޮޑު ޝައިޠޯނާއަށް ވާގިވެރިވާ ކޮންމެ މީހަކީވެސް ޝައިޠޯނުންގެ ތެރެއިންވާ އިންސާނެކެވެ. ވީމާ އެފަދަ މީހުންނާއިމެދުވެސް ބަލަން ޖެހޭނީ ހަމަ ޝައިޠޯނެއްގެ ގޮތުގައެވެ. އެފަދަ މީހެއްގެ ކިބައިން ތިމާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ބަލައިގެންނުވާނެއެވެ.
ތިމާއަށް ދެރަގޮތެއް ނުހަދާނެކަމަށް، ކޮޅުކެއްސެއް ނުދޭނެ ކަމަށް ވިސްނައި ޢަޖުމަ ބަލައިލަންވެސް އެފަދަ މީހަކާއި އެކުވެރިނުވާށެވެ! އެންމެ ފުރިހަމަ ގޮތުގައި އެފަދަ މީހުންނާއިމެދު ރައްކައުޔތެރިކަމުގެ ފިޔަވަޅު އަބަދުވެސް އަޅައިގެން ހުންނާށެވެ.
ހަނދާނުގައި ބަހައްޓަން އެންމެ މުހިންމު އެއްކަމަކީ ނަރަކައަށް ވަންނަން ޖެހޭ މީހުންގެ ތެރެއިން އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްކަމަކީ ނުބައި އެކުވެރިން އިޚްތިޔާރުކުރެވުނުކަން ކަމެވެ. އެކަމަށް މިއަދު ނުވިސްނައި ނަރަކައަށް ވަންނަން ޖެހުމުން ހިތާމަކުރުމަކުން ކުރާނެ އެއްވެސް ނުއޮންނާނެ ކަމެވެ.
ޚުލާޞާއަކީ ތިބާ ލައްވައި ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރުވަން މަސައްކަތްކޮށް އެކަމަށް ހިތްވަރުދޭ މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވާށެވެ. އެއީ ތިމާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަން ޔަޤީންކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން