ޙަފްޞަތުގެފާނު 04: މާތް ރަސޫލާ ޞޢޥ މާމުއި ޙަރާމްކުރެއްވި ހާދިސާ

ކިޔުމަށް ހޭދަވާނީ 8މ 50ސ
ޙަފްޞަތުގެފާނު 04: މާތް ރަސޫލާ ޞޢޥ މާމުއި ޙަރާމްކުރެއްވި ހާދިސާ

ޢަލީ އިޙްޞާން ފިރާޤް

 

އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަ ޢަންހާގެ ގެކޮޅުގައި މާ ގިނައިރު މަޑުކުރައްވާތީ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު އެކަމާ ކަންބޮޑުވެވަޑައިގެންނެވިއެވެ. އެ ދެބޭކަނބަލުން ބެއްލެވި ބެއްލެވުމުން އެނގިވަޑައިގަތީ ޒައިނަބުގެފާނުގެ ތިމާގެބޭފުޅަކު އެކަމަނާއަށް ވެދުމަށް އެރުވި މާމުއި ގުޅިއަކުން މާތް ރަސޫލާ  صلّى اللّـه عليه وسلّم  މާމުއި ހިއްޕަވަން އެކޮޓަރިކޮޅުގައި މަޑުކޮށްލަވަނީ ކަމުގައެވެ.  

އެހެންކަމުން ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  ޒައިނަބުގެފާނުގެ ގެކޮޅުގައި އެހާ ގިނައިރު މަޑު ނުކުރައްވާނެ ގޮތެއް ރާވައިލުމަށެވެ. އެގޮތުން އެދެބޭކަނބަލުން ނިންމެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެދެބޭކަނބަލުންގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނގަފުޅުން މަޣާފީރުގެ ވަސް ދުވާކަމުގައި ބުނުމަށެވެ. މަޣާފީރަކީ ނުބައި ވަހެއް ހުންނަ އެއްޗެކެވެ. އެދެބޭކަނބަލުންވަނީ ސައުދަތުގެފާނާއި ޞަފިއްޔަތުގެފާނުގެ އަރިހުގައިވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ކަމުގައި ވިދާޅުވުމަށް އަމުރު ކުރައްވައިފައެވެ. 

ކޮންމެއަކަސް ހަތަރު އަނބިކަނބަލަކު އެކަލޭގެފާނުގެ އަނގަފުޅުން ނުބައިވަސް ދުވާކަމުގައި ވިދާޅުވުމުން އެކަލޭގެފާނު މާމުއި ޙަރާމްކުރެއްވިއެވެ. އެކަލޭގެފާނު މާމުއި ފަރީއްކުޅުއްވުން ޙަރާމް ކުރެއްވީ ހުވާ ކުރައްވަމުން ހުވާގެ ޢިބާރާތާއެކުގައެވެ. އެކަލޭގެފާނު މާމުއި ޙަރާމްކުރެއްވި ވާހަކަ ވިދާޅުވީ އުއްމުލްމުއުމިނީން ޙަފްޞަތުގެފާނުގެ އަރިހުގައެވެ. އެވާހަކަ ސިއްރުކުރައްވަން އެކަމަނާއަށް އަންގަވަމުންނެވެ. ނަމަވެސް ޙަފްޞަތުގެފާނު އެވާހަކަ ޢާއިޝަތުގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. އަދި އެވާހަކަ ދެން ތިއްބެވި އަނބިއަނބިކަނބަލުންނަށްވެސް އެނގިވަޑައިގެންނެވިއެވެ. 

ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނުގެ އިސްކޮށްތިއްބަވައިގެން ކުރެއްވި މި އަމަލުފުޅާމެދު ނުރުހުންވެވޮޑިގެން އަރަހުށި ތަޙްރީމު ސޫރަތުގެ އާޔަތްތެކެއް ބާވައިލެއްވިއެވެ. ތަޙްރީމު ސޫރަތުގެ 3 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް މާތް ވަޙީ ކުރައްވައިފައިވެއެވެ.  

وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ﴿٣﴾‏ إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿٤﴾‏ عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ﴿٥﴾

މާނައީ: [ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: حفصة ގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (عائشة ގެފާނަށް) خبر ކުރެއްވިހިނދު، އަދި اللَّه، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު خبر ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި خبر ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ خبر އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. ތިޔަ ދެބޭކަނބަލުން اللَّه އަށް توبة ވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (رسول އާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި جبريل ގެފާނާއި، صالح مؤمنންވެސްމެއެވެ. އަދި އެއަށްފަހު، ملائكة ންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ. އެކަލޭގެފާނު، ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، ތިޔަކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ދެއްވައިފާނެތެވެ. (އެއީ) إسلام ވެގެންވާ، إيمان ވެގެންވާ، ކިޔަމަންވާ، توبة ވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.]  

އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. އިބްނު ޢައްބާސްގެފާނުގެ ވިދާޅުވެފައިވެއެވެ. {إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا}  މި އާޔަތުގައިވާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެ އަނބިކަނބަލުންނަކީ ކޮބައިތޯ ޢުމަރުގެފާނުގެ އަރިހުގައި އެހުމަށް އަހަރެން ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެއްފަހަރަކު ޙައްޖުދަތުރެއްގައި އަހަރެން ޢުމަރުގެފާނުގެ އަރިހުގައި ދެންނެވީމެވެ. [އޭ މުއުމިނުތަކުންގެ އަމީރެވެ. ޤުރްއާނުގައި {إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا} މިފަދައިން މާތް ވަޙީ ކުރައްވައިފައިވާ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދެ އަނބިކަނބަލުންނަކީ ކޮބައިތޯއެވެ؟] ޢުމަރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު ތިޔަ ކުރެއްވި ސުވާލާމެދު ޢަޖާއިބުވަމެވެ. އެއީ ޙަފްޞާ އާއި ޢާއިޝަތުގެ ވާހަކައެވެ.]

ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނަށް އެބާވަތުގެ ކަންތައްތައް ކުރެވެނީ އެދެބޭފުޅުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވާތީއެވެ. މި މައްސަލައިގައި އެއިން ބޭކަނބަލަކަށް ބުރަ ބަހެއް ބުނުން ހެޔޮ ނުވާ ހުއްޓެވެ. ޙަފްޞަތުގެފާނުގެ މާތްކަމާއި ޢާއިޝަތުގެފާނުގެ މާތްކަން ބަޔާންވެގެންވާ ޞައްޙަ ޙަދީޘްތައް އެބަހުއްޓެވެ. 

 

މިއަދު އޮންލައިން