މައިންބަފައިންނަށްޓަކާ ކުރަން އެންމެ ފައިދާހުރި ޞަދަޤާތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މައިންބަފައިންނަށްޓަކާ ކުރަން އެންމެ ފައިދާހުރި ޞަދަޤާތް-

 

މިޙަދީޘް ބަސްފުޅަށް ބަލާށެވެ!

"މީހާ މަރުވުމަށްފަހު ފައިދާކުރާނީ (އިތުރަށް ޘަވާބު ލިބެމުންދާނީ) 3 ކަމަކުންނެވެ. 1 ދުނިޔޭގައި ހުރެ ކޮށްފައިވާ ދެމެހެއްޓެނިވި، އެހެން މީހުންނަށް ފައިދާކުރާނެ ޞަދަޤާތުން، 2 ދޫކޮށްފައި އައި އެހެން މީހުންނަށް ފައިދާކުރާނެ ޢިލްމަކުން، 3 ހެޔޮލަފާ ދަރިންގެ ދުޢާއިން."

ވިސްނައިލާށެވެ! މައިންބަފައިންނަށްޓަކައި ޞަދަޤާތްކުރުމަކީ ޞަދަޤާތްކުރި ދަރިންނަށާއި މައިންބަފައިންނަށް ފައިދާކުރާނެ ކަމެކެވެ. މިސާލަކަށް 1 މިލިއަން ޑޮލަރު ޞަދަޤާތްކޮށްފިނަމަ އެއީ ކިހައި ބޮޑު ހެޔޮކަމަކަށްވާނެ ހެއްޔެވެ؟

ނަމަވެސް ޙަދީޘްފުޅުގައި އެވަނީ ދަރިން ޞަދަޤާތްކުރުމުގެ ވާހަކައެއް ނޫނެވެ. ދުޢާކުރުމުގެ ވާހަކައެވެ. ބުނަން މިއުޅެނީ މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރުމަކީ މިލިއަނުން ޞަދަޤާތްކުރުމަށްވުރެވެސް ފައިދާކުރާނެ ކަމެއްކަމެވެ. މާނައަކީ މައިންބަފައިންނަށްޓަކައި ހަމައެކަނި ޞަދަޤާތްކުރުމުން ފުދުނީކަމަށް ހީނުކުރާށެވެ! ޞަދަޤާތްކުރަމުންވެސް ހެޔޮދުޢާކުރުން ގިނަކުރާށެވެ! ތަނަވަސްކަން ހުރި މިންވަރަކުން ވީހާ ގިނައިން ޞަދަޤާތްކުރުމާއިއެކުވެސް ދުޢާކުރުމަށް އިހްމާލްނުވާށެވެ!

ވީމާ ތަނަވަސްކަން ހުރިނަމަ ޞަދަޤާތްކޮށްފައި އެކަނި ހުއްޓައިނުލާށެވެ! ކިތަންމެ ގިނައިން ޞަދަޤާތްކުރިނަމަވެސް ހެޔޮދުޢާކުރަމުން ގެންދާށެވެ!

އަދިވެސް އެއްކަންތައް ބުނާނަމެވެ.

ސުވަރުގޭގައި މައިންބަފައިން ތިއްބައި އެމީހުންގެ ދަރަޖަ އުފުލިގެން ދިއުމުން އެމީހުން ސުވާލުކުރާނެތެވެ. އެމީހުންގެ ދަރަޖަ އުފުއްލަވާ ސަބަބާއިމެދުގައެވެ. އެމީހުންނަށް ބުނެވޭނެތެވެ. "ތިބާގެ ދަރިން ކޮށްފައިވާ ހެޔޮ ދުޢާގެ ސަބަބުންނެވެ." މިތަނުގައިވެސް މިއަންނަނީ ދުޢާގެ ވާހަކައެވެ. ވީމާ މައިންބަފައިންނަށްޓަކައި ދުޢާކުރުމުގެ ފައިދާ އެދަނީ އެނގިގެންނެވެ. މައިންބަފައިން ދުނިޔޭގައި ތިބޭއިރުވެސް އެމީހުްނނަށްޓަކައި ހެޔޮދުޢާކުރާށެވެ! މަރުވުމުން ދުޢާކުރުން ގިނަކުރާށެވެ! އެހެނީ މަރުވުމަށްފަހު އިތުރަށް ޘަވާބު ހޯދަން އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އެކަންކޮށްދޭން ތިބީ ދަރިންނެވެ.

 

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން