ޢާއިޝަތު ރަފާޙް ޢަލީ
ސައިންސް ޢިލްމަކީ ވަރަށް ފުޅާ ޢިލްމެކެވެ. އަދި މި ޢިލްމު ދިރާސާ ކުރިވަރަކަށް ވަރަށް ގިނަ ކަންކަން ދަނީ ހޯދެމުންނެވެ. އެގޮތުން ސައިންސްވެރިންނަށް އާ އީޖާދުތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް އިސްލާމްވުމަށް މެދުވެރިވެއެވެ. މީގެ އިތުރުން އިސްލާމް ދީނުގައި ވެސް ސައިންސަކީ ވަރަށް މުހިއްމު ޢިލްމެކެވެ.
އެގޮތުން މިސާލަކަށް ބަލާނަމަ ހަތް އުޑު ލެއްވެވުމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައިވެއެވެ. ބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ﴿٢٩﴾
މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (29)"
މި އާޔަތުގައިވާ ހަތް އުޑުގެ މާނަކުރުމަށް އިންސާނުންނަށް ނުކުޅެދުންތެރިވެފައިވެއެވެ. އަދިވެސް އެކަން ހޯދިފައެއް ނުވެއެވެ. އިރުގެ ނިޒާމުގެ ހަތް ޕްލެނެޓް ކަމުގައިވެސް ބުނެވުނެވެ. ބިމުގެ ވަށައިގެންވާ ޖައްވީ ތަފާތު ފަށަލަތަކުގެ ވާހަކަ ކަމަށްވެސް ބުނެވުނެވެ. ހަތް ޔުނިވަރސް ނުވަތަ ހަތް ޢާލަމް ކަމަށްވެސް ބުނެވުނެވެ. އަދި ޣައިރު މުސްލިމުންނަށް އިންސާނާގެ ބޯމަތީގައި ހަތްއުޑު ވާކަން އިނގުމުންވެސް އެކަމާ ހައިރާންވެއެވެ.
ހަތް އުޑާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ހަތް އާޔަތެއް އައިސްފައިވެއެވެ. އެ ހަތް އާޔަތް ތިރީގައި ބަޔާން ކޮށްލާނަމެވެ.
· އިސްރާ ސޫރަތުގެ 44 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا ﴿٤٤﴾
މާނައީ: "ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. (44)"
· މުއުމިނޫން ސޫރަތުގެ 86 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ عرش ގެ ވެރިޔަކީ ކާކުހެއްޔެވެ؟ (86)"
· ފުއްޞިލަތު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿١٢﴾
މާނައި: "ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ. (12)"
· ޠަލާޤް ސޫރަތުގެ 12 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾
މާނައީ: "اللَّه އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمر ފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ. (12)"
· މުލްކު ސޫރަތުގެ 3 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾
މާނައީ: "އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟ (3)"
· ނޫޙް ސޫރަތުގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا ﴿١٥﴾
މާނައި: "މަތިމައްޗަށް اللَّه، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟ (15)"
· ނަބައަ ސޫރަތުގެ 12 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾
މާނައީ: "ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. (12)"
އެގޮތުން ބައެއް ބޭކަލުން ވިދާޅުވަނީ ހަތް އުޑު ލައްވާފައިވާކަމަށެވެ. ނަމަވެސް އޭގެ ޙަޤީޤަތް އަދި ހޯދިފައެއް ނުވެއެވެ. ސަބަބަކީ ސައިންސްގެ އެހީގައިވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައި އެވާ ޙަޤީގަތާއި ހަމައަށް އަދި ދެވިފައިނުވާތީއެވެ.