މިޙާލުގަ މިއަދު ތިބީ ކިތައް ކުދިންތަ؟: ބައްޕަގެ އުޅުން ހުންނަގޮތް އެންމެންނަށް އެނގި ސްކޫލްގަ ބުލީކުރާތީ ކެތްނުކުރެވިގެން ދަންވަރު ގެއިން ނުކުމެގެން ދިއަ ކުޑަކުއްޖެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މިޙާލުގަ މިއަދު ތިބީ ކިތައް ކުދިންތަ؟: ބައްޕަގެ އުޅުން ހުންނަގޮތް އެންމެންނަށް އެނގި ސްކޫލްގަ ބުލީކުރާތީ ކެތްނުކުރެވިގެން ދަންވަރު ގެއިން ނުކުމެގެން ދިއަ ކުޑަކުއްޖެއްގެ ވާހަކަ-

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ޢުމުރުން 12 އަހަރުގެ އަންހެން ދަރިއަކުވެސް ހުރެއެވެ. ފިރިމީހާއަށް ތަނަވަސްކަން ލިބި އަމިއްލަ ވިޔަފާރި ހިންގެން ފެށުމުން ބައެއް ފިރިހެނުންނަށް ޖެހޭ ބަލި ޖެހުނެވެ. މިބުނަނީ ޒުވާން އަންހެންކުދިންގެ ފަހަތުން ދުވުމުގެ ބަލީގެ ވާހަކައެވެ. 

ނަތީޖާޢަކަށްވީ ގިނަ ބައަކު އެވާހަކަދައްކަން ފެށުމެވެ. އަޑުތައް ފެތުރެމުން ގޮސް ދަރިފުޅަށްވެސް އެއަޑުތައް އިވެން ފެށިއެވެ. ސްކޫލުގައި ކުދިން އެވާހަކަދައްކައި ބުލީކުރަން ފެށިއެވެ. ވައްބަހުން ފުރައްސާރަކުރަން ފެށިއެވެ. އެންމެ ބޮޑަށް ދެރަވަނީ ލޯބިވާ ބައްޕައަކީ ނުބައި މީހެއްގެ ގޮތުގައި އަވަށްޓެރިކުދިން ސިފަކުރާތީއެވެ. ނަތީޖާއަކަށްވީ ކުއްޖާއަށް ކެތްތެރިނުވެވުމެވެ. ވިސްނަމުން ގޮސް އެންމެފަހުން ދަންވަރު ގެއިން އެކަނި ނުކުމެގެންދިއައީއެވެ. 

ނަޞީބަކުން ކުއްޖާ ފެނުނު އަންހެނަކު ކުއްޖާ ގެއަށް ގެންދިއައެވެ. ގޭގައި ބަހައްޓައިގެން ކުއްޖާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މަންމައާއި ބައްޕަ އޭނާ ބާކީކޮށް އެއްލައިނުލާނެކަން ވިސްނައިދިނެވެ. ކުއްޖާ ހަމައަކަށް އެޅުވުނީ ދެތިން ދުވަހުންނެވެ. ހަމައަކަށް އަޅުވައިގެން ގޮވައިގެން ގެއަށް ދިއައިރު ދެމަފިރިން ތިބީ ދަރިފުޅުގެ އެއްވެސް ޚަބަރެއް ނުލިބިގެން އެކަމުގެ ހިތާމައިގައި ރޯށެވެ. މައްސަލަ އޮތީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ. ފުލުހުންވެސް ދިއައީ ކުއްޖާ ހޯދަން މަސައްކަތްކުރަމުންނެވެ. 

ކަންކަން ހިނގައިދިއަގޮތް އަންހެންމީހާ ކިޔައިދިނުމުން ދެމަފިރިން އޭނާއަށް އިންތިހާއަށް ޝުކުރުވެރިވިއެވެ. ހަދިޔާދޭންވެސް އުޅުނެވެ. އޭނާ ބުންޏެވެ. "އެއްވެސް ހަދިޔާއެއް ބޭނުމެއް ނޫނެވެ. އަހުރެންނަށް ޝުކުރުވެރިވުމަކުން އަދި ދެމަފިރިން އެކުގައި ތިބެގެން ރުއިމަކުން ކަލޭމެންގެ ދިރިއުޅުމަށް ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ލިބިފައިވާ އެންމެ ދަރިފުޅަށްޓަކައި ނަމަވެސް ތާހިރު ދިރިއުޅުމެއް އުޅުނީމައެވެ. ދަރިފުޅު ގޮވައިގެން ދެމަފިރިން އެކުގައި ސްކޫލަށް ދާށެވެ. ދެމަފިރިން އެކުގައި ބަލައިވެސް ދާށެވެ. މަންޒަރު ފެންނަ އެންމެންނަށް ތިއައީ ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންކަމާއި ދަރިފުޅުދެކެ ވަރަށް ލޯބިވާ ދެމަފިރިންކަން ޢަމަލުތަކުން ދައްކުވައިދޭށެވެ. އަދި ބޭވަފާތެރިވުން ހުއްޓާލައި ޙަޤީޤީ މާނައިގައި ދެމަފިރިން އެކަކުއަނެކަކު ދެކެ ލޯބިން އުޅެންފަށާށެވެ! ދަރިފުޅަށް ބުލީކުރުމާއި ނަފްސާނީ ގޯނާކުރުން ހުއްޓުވޭނީ އެއިރުންނެވެ. އެއީ މުދައްރިސުން ކުރާ އަމުރަކުން ހުއްޓުވޭނެ ކަންކަމެއް ނޫނެވެ." 

އެހެން ބުނެފައި އަންހެން މީހާ ނުކުމެގެން ދިއުމުން ދެމަފިރިންނަށް ފުރަތަމަވެސް ބަލައިލެވުނީ އަނެކާގެ މޫނަށެވެ. ދަރިފުޅުގެ ކުރިމަތީގައި ފިރިމީހާ އޭނާގެ ކުށަށް މާފަށް އެދުނެވެ. އަދި ޢަމަލުތައް އިޞްލާޙްކުރާނެ ކަމުގެ ޔަޤީންކަން ދިނެވެ. އެއަންހެންމީހާ އެބުނި ގޮތަށް ކަންކަން ކުރަން އެއްބަސްވިއެވެ. 

މިއީ އަހުރެން ބެލި ވީޑިއޯއެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. އަހުރެން އުންމީދުކުރަނީ މިވަރުންވެސް ފުދޭނެކަމަށެވެ. ލިބޭ މެސެޖް އެނގި ހޭލުންތެރިވާނެކަމަށެވެ. ދަރިން ލިބުމުން ތަނަވަސްކަން ހުރީތީ ޚަރަދުކުރުމަކުން ނުފުދެއެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ދަރިފުޅަށް ލޯބިދިނުމަށެވެ. އެކަންކުރެވޭނީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރަކުންނެވެ.

 

- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން