އެއްބާވަތެއް ގިނައިން ކާންޖެހޭނަމަ ފޫހިވާ ސަބަބާއިމެދު ތިބާ ވިސްނާލަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެއްބާވަތެއް ގިނައިން ކާންޖެހޭނަމަ ފޫހިވާ ސަބަބާއިމެދު ތިބާ ވިސްނާލަމުހެއްޔެވެ؟

އަހުރެން ފަށާނީ ބުއްދިވެރި އަންހެނުންގެ ވާހަކައިންނެވެ. އެމީހުން އެއްބާވަތެއްގެ އެއްޗަކުން ގިނައިން ރިހަކައްކަން ޖެހޭނަމަ ކޮންމެ ދުވަހަކުވެސް ތަފާތުކޮށްލާނެވެ. އެތަފާތު ގެނެސްދެނީ އަޅާ ހަވާދުގެ ބާވަތްތަކުގެ މިންވަރު ތަފާތުކޮށްގެންނެވެ. އެގޮތަށް އެކަން ކުރަނީ އެކައްޗެއް ގިނައިން ކާންޖެހުނީމާ ފޫހިވާނެތީއެވެ. ފިރިމީހާއަށް އެކަން އިޙްޞާޞްވިޔަނުދޭށެވެ.

ކިތަންމެ މީރު އެއްޗެއްނަމަވެސް މާގިނައިން ކާންޖެހިއްޖެނަމަ (ކޮންމެ ދުވަހަކު އެކައްޗެއް ކާންޖެހިއްޖެނަމަ) އެއެއްޗެއް ކާން ފޫހިވެއެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ސުވާލަކީ އެއީ ކީއްވެގެންހެއްޔެވެ؟ 

ﷲ ތަޢާލާ ވަނީ ތަފާތު ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ދުނިޔޭގައި ލައްވަވައިފައެވެ. އަދި އެކައްޗެއްގެވެސް ތަފާތު ވައްތަރުތަކެވެ. އެކައްޗެއް އެކި ޤައުމުގައި ނުވަތަ ތަފާތު ބިމުގައި ހެއްދުމުންވެސް ރަހައާއި ވައްތަރުވެސް އަދި ކުލަވެސް ތަފާތުވެގެންދެއެވެ. މިކަންކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުންނެވެ. 

މިޘާލަކަށް ކަދުރަށް ބަލާށެވެ! އެއް ޤައުމެއްގެ އެކި ސަރަޙައްދުތަކުގައި ހެއްދުމުން ރަހައާއި ސައިޒުވެސް އެބަ ތަފާތުވެއެވެ. ވެރީސް އަށް ބަލައިފިނަމަ ކިތައް ވައްތަރުގެ ބެރީ ވޭހެއްޔެވެ؟ އެންމެ ޢާންމު އެއްބާވަތެއް ކަމުގައިވާ ދޮންކޭލުގެ ކިތައް ވައްތަރުވޭ ހެއްޔެވެ؟ 

މިކަންކަން ﷲ ތަޢާލާ ލައްވަވާފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމަށެވެ. ތަފާތު އެއްޗެތީގެ ރަހަބަލައި އުޅުމަށެވެ. އެކަންކަމަށް ވިސްނައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކޮށް ޝުކުރުވެރިނުވެވޭނަމަ އެމީހަކު ވެގެންދާނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ވިސްނައި ފިކުރުނުކުރާ މީހަކުކަމުގައެވެ. 

ލޮބުވެތި އެކުވެރިންނޭވެ! އީމާންކަން ތާޒާކުރެވޭނީ އަދި ޢަޤީދާ ވަރުގަދަކުރެވޭނީ މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރިވަރަކުންނެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން