ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމުގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއް ލިބުން ހިމެނެއެވެ. އަދި ޢުމުރުން ދުވަސްވިޔަސް ޒުވާން ކަމުގެ ސިފައިގައި ހުންނަން ބޭނުން ނުވާނެ މީހަކުވެސް މަދުވާނެއެވެ. ވީމާ މި ދެކްނަތައް ލިބުމަށް އެދޭނަމަ ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ފެންނަ ފެނުމުގައި އޭނާގެ ޢުމުރަކީ 65 އަހަރުވަރެވެ. ނަމަވެސް އޭނާ ބުނިގޮތުގައި އޭނާގެ ޢުމުރަކީ 82 އަހަރެވެ. އެޢުމުރުގައިވެސް އެހާ ޒުވާންކޮށް އޭނާ ފެންނަ ސަބަބު ބުނެދެމުން އޭނާ ބުނެފައިވެއެވެ.
"އެއްވެސް ކަމެއް ޙާޞިލް ނުކުރެވިގެން ކަންބޮޑުވެގެނެއް ނުއުޅެމެވެ. އަދި އެހެން މީހުންނަށް ތަނަވަސްކަމާއި އުފާވެރިކަން ލިބުމުން ޙަސަދަވެރިވުމުގެ ބަދަލުގައި އަހުރެން އުފާކުރަމެވެ. ފަތިހު ޙޭލަމެވެ. އަޅުކަންކުރަމެވެ. ކަސްރަތުކުރަމެވެ."
މިއީ ވަރަށް އާދައިގެ ވާހަކަކޮޅެއް ކަމަށް ބައަކަށް ހީވިނަމަވެސް އަހުރެންނަށް މިވާހަކަކޮޅުން ވަރަށް ފުންކޮށް އަސަރުކުރިއެވެ. އޭނާ އޭނާގެ ދީނެއް ނުބުނެއެވެ. ކޮންމެ ދީނެއްގެ މީހަކަށްވީނަމަވެސް އޭނާ އެކުރަނީ އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަންކަމެވެ.
އަހުރެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ﷲ ތަޢާލާ މިންވަރުކުރައްވަވާ ޙާލަތަށް ފުދިގެން ކަންބޮޑުނުވެ ހުރުމާއި އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިނުވުމާއި އަދި ބޭކާރު ވިސްނުންތައް ނުވިސްނައި ހުރުމަކީ ޞިއްޙަތަށްވެސް އެންމެ ފައިދާހުރި ކަންކަމެވެ. އެގޮތުގައި ހުރެވޭ މީހަކަށް ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތައް ޖެހުންވެސް މަދުވާނެއެވެ.
ދެން ބަލައިލަންވީ އެންމެ މުހިންމު ކަންތަކަށެވެ. އެއީ އަޅުކަންކުރުމެވެ. އަޅުކަންވެސް ކުރަންވާ ގޮތަށް ކުރެވޭނީ ބޭކާރު ވިސްނުންތަކުން ސަލާމަތްވެގެން ހުރެވިގެންނެވެ. ސިކުނޑިއަށް ލުއިކަންދީގެން ހުރެވިގެންނެވެ. ވީމާ މިކަންކަމަކީ އަހުރެމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންވީ ކަންކަމެވެ. އެތައް ގޮތަކުން ތިމާއަށް ފައިދާހުރި ކަންކަން ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން