ތިބާ އަސްތަޣްފާރުކުރުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިބާ އަސްތަޣްފާރުކުރުމުން ކުރާނެ އެންމެ ބޮޑު ފައިދާ!

އިންސާނާއަށް ބޭނުންވާ ހުރިހާ ކަމަކަށް ބެލިނަމަވެސް އެންމެ ފައިދާހުރިކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެމީހަކަށް މަތިވެރި ދަރަޖަ ލިބުމެވެ. ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ގުޅިފައިވަނީ އެކަމަށެވެ.  

ﷲ ތަޢާލާ ސުލައިމާންގެފާނަށް ދެއްވެވި އާދައާ ޚިލާފް ބާރުވެރިކަމަށް ވިސްނައިލާށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްކެވި މުޢްޖިޒާތްތަކަށް ވިސްނައިލާށެވެ. ދެއްވެވި ބިޔަ ބޮޑުވެރިކަމަށް ވިސްނައިލަބަލާށެވެ.  

އެހުރިހާ މަތިވެރިކަމެއް ދެއްވެވުމުންވެސް އެބޭކަލުން ވިދާޅުވަމުން ގެންދެވި ބަސްފުޅެއް ވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދެންނެވި ދެންނެވުމެއްވެއެވެ. އެއީ "ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ!" މިބަސްފުޅެވެ. މި ޛިކުރެވެ.  

އަހުރެމެން މިތިބަ ނިކަމެތިކަމާއިއެކުގައިވެސް މިއަދު އަހުރެމެންނަށް މިއުޅެނީ "ރައްބި ޣުފިރްލީ" ކިޔައި އަހުރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވަން ބޮޑުކަމަކަށްވެގެންނެވެ. އެކަމަށް ބޮޑާވެގެންނެވެ.  

އަބަދުވެސް ބުނާފަދައިން ފާފަތައް ފުއްސވައިދެއްވެވުން އެދި މަދުވެގެން ކޮންމެ ދުވަހަކު 70 ނުވަތަ 100 ފަހަރުވެސް ދަންނަވަންވީ ކޮންމެހެން ތިމާއަށް ފާފަތަކެއް ކުރެވޭތީއެއްވެސް ނޫނެވެ. އެއީ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކޮށްދެއްވެވުން އެދިގެން ކުރަން އޮތް ކަމަކަށްވާތީއެވެ.  

ތިބާގެ ވެރިމީހާ ތިބާ ގާތުގައި ތިބާއަށް ޕްރަމޯޝަން ލިބެން އޮތީ ދުވާލަކު 2 ފަހަރު 10 މޭލަށް ހިނގައިގެން ކަމަށް ބުނެފިނަމަ ހުރިހާ ކަމެއް ހުއްޓާލާފައިވެސް ތިބާ އެކަންކުރާނެއެވެ. އެއީ ޕްރަމޯޝަން ބޭނުންވާތީއެވެ. ވީމާ އަރާމުގައި އިށީނދެލައިގެން އިނދެ އެންމެ 2 މިނިޓެއްހައިއިރުން 100 ފަހަރު ކިޔަވައިލެވޭނެ ޛީކުރެއް ނުކިޔަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޕްރަމޯޝަން ބޭނުންނުވާތީހެއްޔެވެ؟

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް މަތިވެރިކަން ލިބެން، ކިތަންމެ ބޮޑުކަމެއް ކުރަންޖެހުނަސް ނުކޮށް ދޫކޮށްނުލާށެވެ! ތިބާގެ ދަރަޖަ މަތިވެރިކުރަން ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރަމުން ގެންދާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ މަތިވެރިވުމަށްވުރެ ފައިދާހުރި ޕްރަމޯޝަނެއް ނުވެއެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން