ތިބާއަށް ކުރިމަތިވެފައިވާ ޙާލަތު އެއީ ހިނދުކޮޅެއްގެ ކަމެއް! ލިބެން އޮތް އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށް ކުރިމަތިވެފައިވާ ޙާލަތު އެއީ ހިނދުކޮޅެއްގެ ކަމެއް! ލިބެން އޮތް އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަހުރެންގެ ބަސް ކޮންމެހެން ޤަބޫލުކުރާނެ ކަމެއްނެތެވެ. ތިބާ ދަންނަ އެކުވެރިންނަށް ބަލާށެވެ! ކުރިމަތިވި ހިތްދަތިކަމުގައި ނުވަތަ އުފުލަންޖެހުނު ތަކްލީފްގައި މުޅި ޢުމުރަށް ދެމިހުރީ ކާކުހެއްޔެވެ؟ 

ބަލިން ޝިފާ ނުލިބި ދާއިމަށް އެބައްޔެއްގައި އުޅެންޖެހުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ނިޞްބަތުން ބަލައިފިނަމަ އެއީ މަދުމީހެކެވެ. ފަހަރެއްގައި އެފަދަ މީހަކުވެސް ހުރެދާނެއެވެ. އެއީ އެކަން އެގޮތަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ. އެހެނަސް އެއީ ވަރަށް މަދުބައެކެވެ. 

ހިތްދަތިކަމަށް ބެލިނަމަވެސް ގިނަ މީހުންނަށް ވާނީ މުއްދަތަކަށްފަހު އެމީހުންނަށް ކުރިމަތިކުރެއްވެވި ހިތްދަތިކަމުން އަރައިގަނެ އުފާވެރިކަން ލިބިފައެވެ. ކުރިމަތިވި މާލީ ދަތިތަކުންވެސް އަރައިގަނެވިފައެވެ. ޖެހުނު ބަލިން ޝިފާ ލިބިފައެވެ. 

ދެން ބަލައިލަންވީ ދުނިޔޭގައި ހިތްދަތިކަމުން ދުނިޔޭގައި އަރައިނުގަނެވުނު، ބަލިން ޝިފާ ނުލިބުނު މަދުމީހުންނަށެވެ. އެމީހުން އެޙާލަތުގައިވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވިނަމަ ޤިޔާމަތް ދުވަހު އެމީހުންނަށް ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެއެވެ. 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ ކޮންމެ މުޞީބާތަކާއިއެކު އުފާވެރިކަން ވާނެކަމަށެވެ.

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." (އަލް އިންޝިރާޙް: 5) މިވަޙީބަސްފުޅު ވިދިގެން އޮތް 6 ވަނަ އާޔަތުގައިވެސް ތަކުރާރުކުރައްވަވާފައި އެވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލާށެވެ. 

އަހުރެން ދެކޭ ގޮތުގައި އެއީ މީސްތަކުންނަށް އެކަމަށް ޔަޤީންކަން އިތުރުކޮށް ދެއްވެވުމަށެވެ. ޤަބޫލުކޮށް ބަލައިގަންނަން އުނދަގޫވާނެ ބައަކު ތިބޭނެކަން ދެނެވޮޑިގެންވާތީއެވެ. ވީމާ އެފަދަ މީހުންގެ ތެރެއިން ނުވާށެވެ. ޤަބޫލުކޮށް ޔަޤީންކުރާ މީހުންގެތެރެއިންވާށެވެ. ކޮންކްމެއް ހެއްޔެވެ؟ " އުނދަގޫކަމާއެކު ފަސޭހަކަންވާނެކަމެވެ." 

އެއިރުން ހުރިހާ ކަންބޮޑުވުންތަކެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

 

- މަޢްލޫމާތު: ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން