ރުޅިއަށް ސަމާލުކަން ނުދެވޭ މީހަކަށް ދުނިޔޭގަވެސް ކުރިއެރުމެއް އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ރުޅިއަށް ސަމާލުކަން ނުދެވޭ މީހަކަށް ދުނިޔޭގަވެސް ކުރިއެރުމެއް އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެ!

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން އަހުރެމެންނަށް ދަސްކުރަންނުޖެހޭ ކަމެއް ނެތެވެ. ކޮންމެ ކަމަކީވެސް ދަސްކޮށް ޢަމަލުކުރަންޖެހޭ ކަމެކެވެ. އެގޮތުން ރުޅިއާއިމެދުގައި ވަކިން ބޮޑަށް ދަސްކުރަން އެބަޖެހެއެވެ. އެއީ ދަސްކޮށް ޢަމަލުނުކޮށްފިނަމަ ދެދުނިޔޭގައި ލިބިދާނެ ގެއްލުން ބޮޑުކަމުންނެވެ.  

އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންނަމަ ރުޅި އާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ. އެއްވެސް ކަމެއްގެ ޙައްލަކީ ރުޅިކަމަށް ނުދެކޭށެވެ! އެހެނީ ކޮންމެ މައްސަލައެއްގެ ޙައްލަކީވެސް ލޯތްބާއި ކުލުނެވެ އަޅައިލުމާއި އޯގާތެރިކަމެވެ. މިއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ މިކަންކަމަކީ ސުންނަތުން ފެންނަންހުރި ކަންކަމެވެ.  

ތިމާގެ ޤަދަރާއި ޢިއްޒަތް އުފުލި މަތިވެރިވާނީ ރުޅިގަދަކުރިވަރަކަށް، އަދި ބާރަށް އަޑުގަދަކުރިވަރަކަށް އެއްޗެތިގޮވިވަރަކަށް އަދި ވީހައި ނުބައިބަސް ބުނެވުނުވަރަކަށް ކަމަށް ޤަބޫލުކުރާ މީހުން އެބައުޅެއެވެ.  

މިފަދަ މީހުން ގެއަށް ވަނުމާއިއެކު ކޮންމެވެސް މީހަކަށް ނުބައިބަސްތައް ބުނެއެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށްވެސް ބުނެއެވެ. އޮފީހަށް ވަދެވުމާއިއެކު މުވައްޒިފުންނަށް ވެސް ނުައި ބަސްތައް ބުނެއެވެ.  

އޭނާ އަޑުގަދަކުރުމުން މީހަކު ރައްދު ނުދީފިނަމަ ޤަބޫލުކުރެވެނީ އެކަން އެހެން އެވީ ހަމަ އޭނާގެ މޮޅުކަމުން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޖަވާބު ނުދެނީ އޭނާހައި ދަށުދަރަޖައިގެ މީހަކަށް ނުވުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ޒުވާބެއްގެ ތެރެއިން ނަމަވެސް އެމީހާ ހުރީ ޙައްޤުގައި ނަމަވެސް ޖަވާބުނުދީ ޒުވާބު ނުކުރުމަކީ ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާ ކަމެކެވެ.  

އަހަރެމެން މިއަދު އުޅެމުން މިދާ ގޮތަށް ބަލާއިރު ކިރިޔާ ކަމެއްވާއިރަށް އޮންނަނީ ރުޅިއާދެވިފައެވެ. މައިން ބަފައިން ދެކެވެސް އަނބިދަރިން ދެކެވެސް ރުޅިއާދެވިފައެވެ. އެންމެ ގާތް ރަޙްމަތްތެރިން ދެކެވެސް ރުޅި އާދެވިފައެވެ. އެންމެ ގިނައިން ރުޅި އާދެވެނީވެސް ޒާތީ ކަންކަމުގައެވެ.  

އަހަރެމެން އެބޭކަލެއްގެ ސުންނަތަށް ތަބަޢަވާން ޖެހޭ މިއުންމަތުިގެ މާތް ސާޙިބާ، މުޙައްމަދު ރަސޫލް ()ގެ މުޅި ޙަޔާތްޕުޅަށް ބެލި ނަމަވެސް ދުވަހަކުވެސް ޒާތީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރައްވާފައެއް ނުވެއެވެ. އެފަދަ ބަސްފުޅެއްވެސް ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ކިރިޔާވެސް އެފަދަ ބަސްފުޅެއް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިސްލާމް ދީނާއި ގުޅުންހުރި ކަންކަމުގައެވެ. އެ ޙާލަތުގައިވެސް ކޯފާ އިސްކުރައްވާފައެއް ނުވެއެވެ. އަބަދުވެސް ދައްކަވާފައިވަނީ އަޚްލާޤީ އެންމެ ރިވެތި ނަމޫނާއެވެ.  

އެހެންކަމުން މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ޒާތީ އެއްވެސް ކަމެއްގައި އެއްވެސް ކަމެއްގައި ރުޅި އައުމެއް ނެތެވެ. ހަސަދަވެރިވުމެއްވެސް ނެތެވެ. ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ވީމާ ރުޅި އައުމާއި ވީހައި ބޮޑަށް ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  

ރުޅިއަކީ އެއްވެސް ކަމެއް ޙައްލުކޮށްދޭނެ ކަމެއް ނޫނެވެ. ރުޅިއަކީ ފިތުނަ އާއި ހަސަދައިގެ ތަޅުދަނޑިއެވެ. ކަމަކާއިމެދު ރުޅި އައުމަކީ އަލިފާނަށް ޕެޓްރޯލު އުކުން ފަދަ ކަމެކެވެ. އަލިފާނަށް ޕެތްރޯލް އުކިމާ ހުލުގަނޑު ބޮޑުވާ ފަދައިން ރުޅީގެ ސަބަބުން ކަންކަން ޙައްލުވުމުގެ ބަދަލުގައި ކަންކަން ދާނީ އިތުރަށް ގޯސްވަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން