ކުށްކޮށްފަ ނުކުރާކަމަށް ދުނިޔޭގަ ދެއްކުނަސް ﷲ ގެ ޙަޟްރަތަށް ސިއްރުކުރެވޭނެކަމަށް ހީވެސް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކުށްކޮށްފަ ނުކުރާކަމަށް ދުނިޔޭގަ ދެއްކުނަސް ﷲ ގެ ޙަޟްރަތަށް ސިއްރުކުރެވޭނެކަމަށް ހީވެސް ނުކުރާތި!

ބޮޑެތި ކުށްތައް ކުރާ މީހުންވެސް އެމީހުންނަކީ އެއްވެސް ކުށެއް ނުކުރާ މީހުންކަމަށް ބުނެ ވަކާލާތުކުރެއެވެ. މީސްތަކުންގެ ކުރިމަތީގައި ސާފު ހުދު ފޭރާންފަދައިން ދެއްކެން މަސައްކަތްކުރެއެވެ. ފަސްބައިގައި ހުރި ލައްތަށް ނުފެންނާނީ މިދުނިޔޭގައެވެ. އާޚިރަތް ދުވަހު އެކަންކަން ހުންނާނީ ފެންނާށެވެ. ވީމާ ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

މިހާރަކަށް އައިސް ބައެއް މީހުން ބޮޑެތި ކުށްތައް ކޮށްފައި ޝަރީޢަތުން އެބަ ސަލާމަތްވެއެވެ. ބާރާއި ނުފޫޒު ބޭނުންކޮށްގެންނާއި ތަނަވަސްކަން ހުރީތީ ތަނަވަސްކަމުގެ ބޭނުންކޮށްގެންވެސް އެބަ ސަލާމަތްވެއެވެ. އަދި ޤާނޫނީ ވަކީލުންނަށް ބޮޑެތި ޚަރަދުތައްކޮށް މޮޅަށް ވަކާލާތުކޮށްގެންވެސް އެބަ ކުށުން ބަރީޢަވެއެވެ.  

ކުށް ޘާބިތު ނުވުމުން ތިމާއަކީ އެއްވެސް ކުށެއް ނުކުރާ މީހެއްކަމަށް ބުނެއެވެ. ނަމަވެސް ވިސްނައިލާށެވެ. ކޯޓުން ތިބާ އެދޭގޮތަށް މައްސަލައެއް ކާމިޔާބުކުރެވުން އެއީ ތިބާ ޙައްޤު ގޮތުގައި ހުރި ކަމުގެ ދަލީލެއް ނޫނެވެ. އަދި ކުށެއް ނުކުރާކަމުގެ ދަލީލެއްވެސް ނޫނެވެ. ތިބާއަކީ ކުށެއް ނުކުރާ އަދި ޙައްޤު ގޮތުގައި ހުރި މީހަކު ކަމަށްވާނީ ތިބާ ކުށެއް ނުކުރާނަމައެވެ. ޙައްޤު ގޮތުގައި ހުރި މީހަކަށްވާނީ ޙައްޤު ގޮތުގައި ހުރިނަމައެވެ.  

ޝަރީޢަތް ކުރަނީ ބޭރުފުށަށެވެ! ތިބާ ކުރީ ޙައްޤު ނޫން ވަކާލާތެއްކަމުގައިވާނަމަ ޙަޤީޤަތް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތާއި ކުރިމަތިލާންޖެހޭނެ ދުވަހު ކުރިމަތިވާ ކަންކަން މާބިރުވެރިވެފައި ލިބޭ ގެއްލުން މާބޮޑުވާނެއެވެ.  

މުހިންމީ އާޚިރަތަށް ބިރުވެތިވުމެވެ. ކުށަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ އެއްޗެކެވެ. އެކަމުން އިސްތިސްނާވާނެ މީހަކުވެސް ނުހުންނާނެއެވެ. ތިމާގެ މައްޗަށް ކުށެއް ޘާބިތުވެއްޖެނަމަ ދުނިޔޭގައި ފަޟީހަތްވެދާނެއެވެ. އެއީ އެވަރުގެ ބޮޑު މައްސަލައެއް ކަމަށް ދެކި އާޚިރަތް ނަގައިނުލާށެވެ. ތައުބާވާށެވެ! ތިމާގެ ސަބަބުން ގެއްލުން ލިބުނު ބައަކަށް ބަދަލުދޭށެވެ. އަނިޔާއެއް ކުރެވިފައިވާނަމަ މާފަށް އެދޭށެވެ.  

ކުށް ކޮށްފައި ނަހަމަގޮތުގައި ކުށުން ރެކެން މަސައްކަތްކޮށްފިނަމަ އެކަމަށް ކުރި މަސައްކަތްތަކަށްވެސް އަދި ކުރި ހޭދައަށްވެސް ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ. އެދުވަހަކީ ދޮގުހެދޭނެ ދުވަހެއް ނޫނެވެ. ކުށްކުރި ގުނަވަންތަކުން ތިބާއާއި ދެކޮޅަށް ހެކިދޭނެ ދުވަހެވެ. ދުނިޔޭގައި ވާންޖެހޭ ފަޟީޙަތަށްވުރެ އާޚިރަތް ދުވަހު ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބާއި ކުރިމަތިލާންޖެހުމުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެކަން ޔަޤީންކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން