ލޮލަށް ފެންނަ ކަންކަމަށް ސަމާލުކަންދީ ބަލައިގެން ނުވާނެ ތަންތަން ބަލާ މީހަކަށް ހިތްހަމަޖެހުމެއްވެސް އަދި އުފާވެރި ދިރިއުޅުމެއްވެސް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ލޮލަށް ފެންނަ ކަންކަމަށް ސަމާލުކަންދީ ބަލައިގެން ނުވާނެ ތަންތަން ބަލާ މީހަކަށް ހިތްހަމަޖެހުމެއްވެސް އަދި އުފާވެރި ދިރިއުޅުމެއްވެސް ނުލިބޭނެ!

މަގުމަތިން ބައްދަލުވި އެކުވެރިއަކު ކަޅިޖަހާނުލައި ބަލަންހުރީ ނިވާކަން ކުޑަ ގޮތަކަށް ފޭރާން ލައިގެން ހުރި އަންހެނަކަށެވެ. އެކުވެރިޔާ ފަދައިން އެތައް ބައަކު އޭނާއަށް ބަލަން ތިއްބެވެ. އަހުރެން އެއަންހެންކުއްޖާގެ މޫނަށް ބަލައިލީމެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަޖެހުމެވެ. ފަހަރެއްގައި އެއީ ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާކަން ވިސްނިގެންކަމަށްވެސް ވެދާނެއެވެ.

އެކުވެރިޔާ އެހެން ހުއްޓައި ކައިރިވެ ގައިގައި ކޮއްޓާލުމުން ދިއައީ ސިއްސައިގެންނެވެ. ބުނީ މިބަލަނީ ރުޅިއައިސްގެން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. ކަމަކަށް ރުޅިއައުމަކީ ފާފަކުރަން ހުއްދަލިބޭ ކަމެއްކަމަކަށް އެނގިފައެއް ނެތެވެ. އަދި ފެންނަ ފެނުމުގައި ކަލޭމެން ގިނަ ބައަކު އޭނާއަށް ބަލާތީ އޭނާ އެހުރީ ވަރަށް ބޮޑަށް ފަޚުރުވެރިވެފައެވެ.  

ގިނަބައަކަށް އެމީހުންގެ ޙަޔާތުގެ ބައިވެރިން ކަމުނުދާ ސަބަބަކީވެސް މިފަދަ ކަންކަމަށް ބެލޭކަމެވެ. މަގުމަތިން ފެންނަ މީހުންނަށް ސަމާލުކަންދޭކަމެވެ. އެއީ ނުކުރަން ހުއްޓަސް މެދުވެރިވާނެ ކަމެކެވެ. އިންސާނުންގެ ޠަބީޢަތުގައި އެކަން ލައްވަވާފައިވާތީއެވެ.  

އަހުރެމެންގެ ޒަވާޖީ ޙަޔާތް އުފާވެރި ކަމުގައި ދަމަހައްޓަން ބޭނުންވާނަމަ ކަޅިއެޅުން ހުއްޓައިލާށެވެ! ސީދާކޮށްވެސް ނުސީދާކޮށްވެސް ހިލޭ މީހުންނަށް ނުބަލާށެވެ! ޚާއްޞަކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނިވާނުވެ ތިބޭ މީހުންނަށް ނުބަލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދާދިފަހުން ސޯޝަލް މީޑިއާގައި ޒުވާނަކު ބުނެފައިވެއެވެ. "އަހުރެންނަށް މަގުމަތިން ފެނުނު ބެލުން ހުއްދަ ނޫންކަމެއް ބަލައިލެވުނުތަނާ ހަނދާންވީ އިސް ތިރިކުރަން މުފްތީ މެންކް ވިދާޅުވާ ބަސްފުޅެވެ. އެހެންވެ ވަޤުތުން އިސް ތިރިކުރީމެވެ."  

ބައެއް މީހުން އެކްލިޕް އަހުރެންނަށް ޙިއްޞާވެސްކުރިއެވެ. އެޒުވާނާއަށްވެސް ހުރިހާ އެންމެންނަށްވެސް ބުނެލަން އޮތީ މުސްލިމުންނަށް އިސް ތިރިކުރަންޖެހޭ ކަންކަމުގައި އިސް ތިރިކުރަން އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. އަހުރެން މިކުރާ ކަމަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ހަނދުމަކޮށްދިނުމެވެ. 

އިސް ތިރިކުރަންޖެހޭ ޙާލަތުގައި އެކަންކުރަންޖެހުމުން އިސްތިސްނާވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ޒުވާނެއް މުސްކުޅިއެއް ތަފާތެއް ނެތެވެ. ވެރިއެއް، އަމީރެއް، ނިކަމެއްޗެއް ތަފާތެއް ނެތެވެ. ބެލުންތައް ތިރިކުރަން ނޫރު ސޫރަތުގައި އެއޮތީ ވަކިމީހަކަށް ނޫނެވެ. އެންމެންނަށެވެ. އިސްތިސްނާވާ މީހުންވެސް އެވަނީ ބަޔާންކުރައްވަވާފައެވެ.  

އެކަމަށް އުނިއިތުރެއް ނުގެނެވޭނެއެވެ. ކިތަންމެ ގާތް އެކުވެރިކަމެއް ބާއްވައިގެން އެކުގައި އެއްގެއެއްގައި އުޅުނަސް ޅިޔަން، ފަހަރިންނަކީ މަޙްރަމުން ކަމުގައެއް ނުވާނެއެވެ. އެމީހުންނަށް ހިނގާނީ ހަމަ އެންމެންނަށްވެސް އޮތް ޢާންމުޙުކުމެވެ. އެމީހުންގެ ކުރިމަތީގައި އަޢުރަ ނިވާކުރަންޖެހޭނެއެވެ. ބެލުންތައްވެސް ތިރިކުރަންޖެހޭނެއެވެ.  

މިވަޤުތުވެސް ބުނެލަން ބޭނުންވަނީ އިސް ތިރިކުރުމަކީ ވާޖިބެކެވެ. ޢަމަލުކުރުމުން ފާފަތަކަށް އަރައިގަތުމުގެ ޝައުޤުވެރިކަން އިންތިހާއަށް ކުޑަވެގެންދާނެއެވެ. އިތުރަށް ކުޑަހިތްވަރެއް ލައިފިނަމަ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ އެއަށްވުރެ ބޮޑު ކާމިޔާބީއަކީ ކޮބައިހެއްޔެވެ؟  

އިސް ތިރިކުރަން ޖެހިއްޖެ ޙާލަތެއްގައި އަހުރެންގެ ބަސް މަތިން ހަނދާންވެއްޖެނަމަ އަވަހަށް ހިތަށް ގެންނާށެވެ! "އެއީ ﷲ ތަޢާލާގެ ވަޙީއެވެ! އަހުރެންގެ ވެރި ރައްބު އަހުރެންގެ މައްޗަށް ކުރައްވަވާފައިވާ އަމުރުފުޅެކެވެ. އެއަކުރުފުޅަށް ކިޔަމަންމެ ޝައިޠޯނާގެ ކިބައިން ސަލާމަތްވާނަމެވެ!" އިން ޝާ ﷲ ކާމިޔާބުވާނެއެވެ."  

މިހެން މިބުނަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ޝައިޠޯނާ ދުރަށް ފައްސައިލާ އެންމެ ބޮޑު ބާރުކަމަށްވާތީއެވެ.

 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން