"އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުންދިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދާވަތްތެރިޔާ ހަލާކު ކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން ޢަމަލު ކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެންވާނެތެވެ."
(އަލް އަޢްރާފް: 129)
މިއީ މޫސާގެފާނުގެ ޤައުމުގެ މީހުން މޫސާގެފާނަށް ދެންނެވި ވާހަކައަކާއި މޫސާގެފާނު ދެއްވެވި ޖަވާބެވެ.
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ މިސްތަކުންނަށް ބިން ދެއްވަވަނީ އެމީހުން ޢަމަލުކުރާ ގޮތް ބެއްލެވުމަށްޓަކައި ކަމެވެ. އެއީ އެމީހުންނަކީ ޚާއްޞަ ބައަކަށް ވެގެން ނޫންކަމާއި ބިން ދެއްވަވަނީ އިމްތިޙާނެއްގެ ގޮތުން ކަމެވެ. އެމީހުން އެބިމުގައި އަނިޔާވެރިވަނީތޯ؟ އިންޞާފް ޤާއިމުކުރޭތޯ؟ ފަސާދަކުރަނީތޯ؟ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވަނީތޯ؟ ބެއްލެވުމަށްޓަކައެވެ.
ވީމާ ތިމާމެންނަކީ އެންމެ ބާރުގަދަ މީހުން ކަމަށް ދެކެގެން މީސްތަކުންނަށް އަނިޔާވެރިވާނަމަ، ފަސާދަކުރާނަމަ، އިންޞާފުން ބޭރުން ކަންކަން ކުރާނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.
ހަމައެފަދައިން ވެރިކަމުގެ އާރާއި ބާރު ދެއްވަވަނީވެސް ހަމަ މިމަޤްޞަދުގައެވެ. އެމީހަކަށް ވެރިކަން ދެއްވެވުމުން ޢަމަލުކުރާ ގޮތް ބެއްލެވުމަށްޓަކައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ މީސްތަކުންގެ ޙައްޤުތައް އަދާކޮށް އިންޞާފް ޤާއިމުކުރާވަރު ބެއްލެވުމަށްޓަކައެވެ. އެކަންކަމުގައި ފޭލްވެއްޖެނަމަ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތު ޖެހުމުން ﷲ ތަޢާލާގެ ކޯފާއާއި ކުރިމަތިލާން ޖެހޭނެއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން