ސޯޝަލް މީޑިއާއިން ފެންނާނީ ހަމައެކަނި ތިމާ ރުހޭ ބަސްތަކެއް ނޫނެވެ. އަދި ތިމާ ރުހޭނެ ވާހަކަތަކެއްވެސް ނޫނެވެ. ހިތް ނުރުހޭނެ އެތައް ބައިވަރު ވާހަކަތަކެއް ފެންނާނެއެވެ. އެހެނީ ސޯޝަލްމީޑިއާގައި ބަސްތައް ޢާންމުކުރުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. އަދި ކޮންމެ މީހަކީވެސް ތަފާތު ޚިޔާލެއްގެ މީހެކެވެ.
މިހާރަކަށް އައިސް ތިމާ ނުރުހޭފަދަ ބަހެއް ބުނެފައިވަނިކޮށް ސޯޝަލް މީޑިއާއިން ފެނުނަސް ކޮމެންޓްކުރަން އަވަސްވެގަނެއެވެ. "އިބިލީހެއް! ޝައިޠޯނެއް! ނުބައި މީހެއް! މިހެން ގޮސް އެމީހަކު ބުނަން ބޭނުންވި ކޮންމެ ބަހެއް އެބަ ބުނެއެވެ.
ނަތީޖާއަކަށްވަނީ އެކޮމެންޓް ފެންނަ އެތައް މިލިއަން މީހުންނަށް އެބަސް ބުނި މީހާގެ ޙަޤީޤަތް ނުއެނގިތިބެމެ އަދި އެމީހަކު ބުނެފައިވާ ބަހާއިމެދު ވިސްނައިވެސް ނުލައި އެބަސްބުނި މީހާއަށް ނަފްރަތުކުރެވެނީއެވެ. އެއީ ނުބައި މީހެއްކަމަށް ޤަބޫލުކުރެވެނީއެވެ.
ދެން ކަންކަން ވެގެންދާގޮތް އެނގޭހެއްޔެވެ؟ މިގޮތަށް ނިކަން ވިސްނައިލަބަލާށެވެ!
އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހަކަށް ނުބައިބަސްބުނެ ނުބައިކޮށް ކަންކަންކުރާ މީހުންނާއި ދެކޮޅަށް ﷲ ތަޢާލާ ވަނީ ހަނގުރާމަ އިޢުލާނުކުރައްވަވައިފައެވެ.
އެހެންކަމަށްވާއިރު ތިބާ ބުނި ބަހުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެއެވެ. އަދި ތިބާގެ ސަބަބުން އެމީހަކަށް ނުބައި ބަސްބުނި އެންމެންގެ ޒިންމާ އުފުލަންވެސް ތިބާއަށް ޖެހޭނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ސަލާމަތްވެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟ ބުނެވުނު އެންމެ ބަހަކާއި ގުޅިގެން ފާފަވެރިވާނެ މިންވަރު ވަޒަންކުރެވޭ ހެއްޔެވެ؟
އަބަދުވެސް ބުނާފަދައިން ކޮންމެ މީހަކީ ތިމާ އާއި އެއްވިސްނުމެއްގެ މީހަކަށްވާނެ ކަމަށް ހީނުކުރާށެވެ! އެހެން މީހުންގެ ވިސްނުމަށްވެސް ފުރުޞަތުދޭށެވެ. މީހަކު ނުބައި ބަހެއް ބުނެފައިވީނަމަވެސް އަދި ނުބައި ކަމެއް ކުރިނަމަވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. ވީމާ ސޯޝަލް މީޑިއާއިން ފެންނަ ކަންކަމަށް ކޮމެންޓްކުރިނަމަވެސް މީހާއަށް ނުބައި ބަސްނުބުނެ ތިބާގެ ވިސްނުން ކޮމެންޓްކުރާށެވެ. ބުނެފައިވަނީ ނުބައި ބަހެއްނަމަ ރަނގަޅު ގޮތް ކޮމެންޓްކުރާށެވެ. އެއިރުން ތިބާގެ ވާޖިބް އަދާކުރެވުނީއެވެ.
މުސްލިމުން ކޮށްގެން ނުވާނެ ކަންކަމުގެ ލިސްޓުގައި ސޯޝަލް މީޑިއާގައި ބަސްބުނުން ނެތިދާނެއެވެ. ނަމަވެސް އެހެން މީހުންނަށް ނުބައި ބަސް ނުބުނަން އޮންނާނެއެވެ. އަދި ތިމާއަށް އެދޭކަންކަން އެހެން މީހުންނަށްޓަކައި އެދެންވެސް އޮންނާނެއެވެ. ވީމާ އަހުރެން ކުރީ ދީނުގައި މަނާކުރައްވަވާފައި ނެތްކަމެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! އާޚިރަތް ދުވަހު ތިމާގެ ސަލާމަތްކަމަށް އެދޭ މީހާ މިކަންކަމަށް ވިސްނާށެވެ. ދުލުން ވިޔަސް ޢަމަލުން ވިޔަސް ތިމާ ފާފަވެރިވާނެ ކަންކަން ނުކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން