"އަހުރެންގެ ދަރިފުޅު އިސްލާމް ދީނަށް ޢަމަލެއް ނުކުރި! ބުނެބުނެވެސް ނަމާދެއް ނުކުރި!" މިފަދައިން ބުނެލުމަކުން ނުފުދޭނެއެވެ. އެދަރިފުޅުގެ ސިކުނޑިއަށް އިސްލާމް ދީނާއި ނަމާދުކުރަންޖެހޭކަން ވައްދައިދެވުނު މިންވަރާއިމެދު ވިސްނަންޖެހޭނެއެވެ. އެމަސްއޫލިއްޔަތު މައިންބަފައިންނަށް އަދާކުރެވުނު މިންވަރާއިމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ބިރުވެތިވާންޖެހޭނެ އެވެ.
ﷲ ތަޢާލާ އިންސާނުން އުފައްދަވާފައި މިވަނީ މުޢްޖިޒާތެއްގެ ގޮތުންނެވެ. ހަމައެކަނި އިންސާނުންގެ ސިކުނޑިވެސް އެކަމުގެ ދަލީލަކަށް ފުދެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކޮމްޕިޔުޓަރެއް ގަންނައިރު އެއިގެ ހާޑްޑިސްކް އިންނަނީ ހުސްކޮށެވެ. ގަތުމަށްފަހު ތިބާ ބޭނުންވާހައި ޕްރޮގްރާމްތަކެއް އަޅައި އެޕްރޮގްރާމްތައް ބޭނުންކޮށްގެން ބޭނުންހައި ކަމެއް ކުރަންވީއެވެ.
އިންސާނުންގެ ސިކުނޑިއާއިމެދުވެސް މިގޮތަށް ވިސްނާށެވެ! ކުއްޖާ ކުޑައިރު ސިކުނޑިއަށް ވަދެގެންދަނީ މައިންބަފައިން ވެއްދުވިއެއްޗެކެވެ. ގިނަ ކުދިން ބޮޑެތިވުމުންވެސް ޢަމަލުކުރާނީ މައިންބަފައިން ސިކުނޑިއަށް އަޅައިދިން ޕްރޮގްރާމްތަކަށެވެ. މިހެން ބުނި ނަމަވެސް ބައެއް ކުދިން ބޮޑެތިވުމުން އެކުދިންގެ އަމިއްލަ ވިސްނުމަށް ވިސްނޭ ގޮތަށްވެސް ކަންކަން ބަދަލުކުރެއެވެ.
މިޘާލަކަށް ބުނާނަމަ ކާފިރުންގެ ގޮތުގައި ތަރުބިއްޔަތުކުރާ ކުދިން ބޮޑެތިވުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އަމިއްލައަށް ވިސްނިގެން "މައިންބަފައިން އެކުދިންގެ ސިކުނޑީގައި ސްޓޯކުރި ޕްރޮގްރާމްތައް އަމިއްލައަށް ޑިލީޓްކޮށް، ރީބޫޓްވެސްކޮށް އައު ޕްރޮގްރާމްތައްވެސް އަޅައެވެ." މިބުނަނީ މައިންބަފައިން ދަސްކޮށްދިން ދީން ދޫކޮށް އިސްލާމްވާ ވާހަކައެވެ.
މުސްލިމް ބެލެނިވެރިންނަށް ބުނެލަން ބޭނުންވަނީ ދަރިން ކުޑައިރު އިސްލާމްދީނުގެ ރިވެތިކަމާއި މާތްކަން ސިކުނޑިއަށް ވައްދައިދޭށެވެ. އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަން ދަރިންނަށް ދައްކައިދޭންވީ މައިންބަފައިންގެ ރިވެތި އަޚްލާޤުންނެވެ. އެގޮތުގައި ކުދިންގެ ސިކުނޑިތައް ފުރާލެވިއްޖެނަމަ އެކުދިން ބޮޑެތިވުމުން ބައަކު ނުބައި ކަންކަން ވިސްނައިދޭން މަސައްކަތްކުރިނަމަވެސް އެކުދިން ބަލައެއް ނުގަންނާނެއެވެ.
މައްސަލައަކަށް މިއަދު މިވަނީ ދަރިންނަށް ދަސްކޮށްދެވޭ ފިލާވަޅުތަކާއި މައިންބަފައިންގެ ޢަމަލުތައް ދިމާނުވުމެވެ. މިޘާލަކަށް ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދަރިންނަށް ދަސްކޮށްދީފައި މައިންބަފައިން ނަމާދުނުކުރީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ރުޅިއިސްނުކުރުމަށާއި ޒުވާބުނުކުރަން ދަރިންގެ ގާތުގައި ބުނެފައި ދެމްފިރިން އަބަދު ޒުވާބުކޮށް ގައަށްއަތްލައިހެދީމާ ދެންވާނީ ކިހިނަކުންހެއްޔެވެ؟
ވީމާ ދަރިންނަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންނަމަ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭނެއެވެ. އެއިރުން ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން