ކޮންމެ ނަމާދަކަށްފަހުގައާ އިތުރަށްވެސް އެކަންކުރަން ފެށުމުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކޮންމެ ނަމާދަކަށްފަހުގައާ އިތުރަށްވެސް އެކަންކުރަން ފެށުމުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ!

ޢިލްމްވެރިއަކު ދެއްވި ނަޞީޙަތް ޤަބޫލުކޮށް ކޮންމެ ނަމާދަކަށްފަހު ސުބްހާނަﷲ، އަލްޙަމްދުލިﷲ، ﷲ އަކްބަރު 33 ފަހަރު ކިޔާފަދައިން " لَا إِلٰهَ إِلَّا اللّٰهُ" ވެސް ކިޔަން ފެށީމެވެ. ކޮންމެހެން 33 ފަހަރަކު ނޫނެވެ. ވަޤުތު އޮތްވަރަކުން ކިޔުނު ވަރަކަށެވެ. އެއިގެ އިތުރުންވެސް ކިޔުން ކިޔުން ގިނަކުރީމެވެ. 

ކޮންމެހެން ވަކިކަމަކާއި އަޅުވާކަށް ނެތީމެވެ. އެގޮތަށް އެކަންކުރަން ފެށިފަހުން އަޅުގަނޑުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ. ހިތްހަކަޖެހުންވެސް އިތުރުވެއްޖެއެވެ. މިވާހަކަ މިއަދުނުހާއި ޙިއްބާކޮށްލި ބޭނުމަކީ މިކަލިމައިގެ މައްޗަށް ޝައިޚް އަބޫބަކުރު ޒައުދުއާއި ޝައިޚް ޢަލީ ހައްމުދާ ދެއްވާފައިވާ 2 ދަރުސް މިއަދުނޫހުން ކިޔާފައިވާތީއެވެ. 

ކިޔުންތެރިޔާގެ ވާހަކަކޮޅާއިއެކު މިގެނެސްދޭ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އަހުރެމެން މުސްލިމުން މިތިބެނީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. އެހެނަސް އަދި އެވަރަކުން ނުފުދޭނެއެވެ. ތިމާގެ ކިބައިގައި އިމާންކަން އިތުރުކުރަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ. 

އެހެނީ އީމާންކަންމަތީގައި ޘާބިތުވެވުނު ވަރަކުން މެނުވީ ﷲ ތަޢާލާއަށް ބިރުވެތިނުވެވޭނެތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތި ނުވެވި ތަޤްވާވެރި ނުވެވޭނެތީއެވެ. ފާފަތަކަށް އަރައިނުގަނެ ހުންނަންވެސް އުނދަގޫވާނެތީއެވެ. 

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ . "ތިޔަބައިމީހުންގެ އީމާންކަން އާކުރާށެވެ. ދެންނެވުނެވެ. اللهގެ ރަސޫލާއެވެ. އަޅުގަޑުމެންގެ އިމާންކަން ވަރުގަދަ ކުރާނީ ކިހިނެއތޯއެވެ؟ ޙަދީޘް ކުރެއްވެވިއެވެ. ގިނަގިނައިން " لَا إِلٰهَ إِلَّا اللّٰهُ" މިފަދައިން ކިޔާށެވެ."

رواه الإمام أحمد رحمه الله تعالى. 

ވީމާ ކޮންމެ މުސްލިމަކުވެސް މިއީ ކުރަންޖެހޭނެ ކަމެކެވެ. ރެއާއި ދުވާލުކުރަންޖެހޭނެ ކަމެކެވެ. ކުރަން ފަސޭހަވެސް ކަމެކެވެ.  " لَا إِلٰهَ إِلَّا اللّٰهُ" އަކީ އިސްލާމް ކަމުގެ ބިނަގަލެވެ. " لَا إِلٰهَ إِلَّا اللّٰهُ" އަކީ ދޫމައްޗަށް ފަސޭހަ އަދި ހަނދާންކުރަން އެހައިމެ ފަސޭހަ ޛިކުރެކެވެ. ވީމާ ހުސްވަޤުތެއް ލިބޭއިރަށް ޛިކުރްކުރަމުން ގެންދާށެވެ. ވީހާ ގިނައިން ޛިކުރްކުރާ ކަލިމަ ކަމުގައި ހަދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން