އަނެކާ އޭނާގެ ބައިވެރިޔާއަށް ގޯސްކޮށްކުރާ ކަންކަމަށް ކަންބޮޑުވުމުގެ ކުރިން ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ރަނގަޅު މީހަކަށްވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަނެކާ އޭނާގެ ބައިވެރިޔާއަށް ގޯސްކޮށްކުރާ ކަންކަމަށް ކަންބޮޑުވުމުގެ ކުރިން ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ރަނގަޅު މީހަކަށްވާންޖެހޭނެ!

އެހެން މީހުންގެ ޢަމަލުތައް ހުންނަގޮތާއިމެދު ކަންބޮޑުވެ ވާހަކަދައްކާ މީހުން ގިނަވަމުން އަންނައިރު ތިމާގެ ޢަމަލުތައް ބެހެއްޓޭ ގޮތާއިމެދު ކަންބޮޑުވަނީ މަދުމީހެކެވެ. އެހެން ބުނަން މިޖެހެނީ ތިމާގެ ޢަމަލކުތަކަށް ކަންބޮޑުވެވޭ މީހުން ގިނަނަމަ މިހައި ގިނަ ބައަކަށް ހިތްދަތިކަމާއި ދެރައާއި އަނިޔާ ލިބޭތީ ކަންބޮޑުވެގެން އުޅެން ނުޖެހޭނެތީއެވެ.  

ދެމީހަކު ބައްދަލުވެއްޖެނަމަ ގިނައިން ދައްކާނީ މިވެނި މީހަކު އޭނާގެ ބައިވެރިޔާއަށް ގޯސްކޮށް ކަންކަން ކުރާކަމުގެ ވާހަކައެވެ. ފުރަތަމަ ކަމަކީ އެމީހާ ނެތް ތަންތަނުގައި އެވާހަކަ ދެއްކުމެއް ނެތެވެ. ދައްކަންވާނީ އޭނާގެ ޙާޟިރުގައި އޭނާއަށް އެކަމުން ފައިދާކުރާނެ ގޮތަށެވެ. ވިސްނައިދީ ނަޞީޙަތްތެރިވުމަށެވެ. ނޫންނަމަ އެކަންވާނީ ޣީބަ ބުނުމަށެވެ. 

ދެވަނަ އަދި އެންމެ މުހިންމު ކަމަކީ އަނެކާ އޭނާގެ ބައިވެރިޔާއަށް ގޯސްކޮށްކުރާ ކަންކަމަށް ކަންބޮޑުވުމުގެ ކުރިން ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ރަނގަޅު މީހަކަށްވުމެވެ. ބައިވެރިޔާއަށް ހެޔޮކޮށްހިތާ މީހަކަށްވުމެވެ. ލޯބިދީގެން ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވުމެވެ. ތިމާއަކީ އެފަދަ މީހަކަށްނުވެ އެހެން މީހުންގެ ވާހަކަ ދެއްކުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟   

ދުނިޔޭގައި އުޅޭ އެންމެންގެ ޢަމަލުތައް އިޞްލާޙްކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންނަމަ އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރެވިދާނެއެވެ. އެކަމަށް ކުރަން އޮތީ އެންމެ ކަމެކެވެ.  

އެންމެ ކަމެއް ކަމަށް މިބުނަނީ ފުރަތަމަ ކުރަން އޮތް ކަންތަކުގެ ވާހަކައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތިމާއަށް ހެދޭ ގޯސްތައް ނުވަތަ ކުރެވޭ ފާފަތައް ދެނެގަންނާށެވެ. އެއަށްފަހު އެކަންކަން ކުރުން ހުއްޓައިލާށެވެ. ފަހަރަކު ކަމެއް ނަމަވެސް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.  

ގިނައިން މިފެންނަނީ މުޅިން އެހެން ގޮތަކަށް ކަންކަން ހިނގަމުންދާތަނެވެ. އަބަދުވެސް އެހެން މީހުން ކުރާ ކަންކަމާއި އަޅައިގެނެވެން އުޅެވޭތަނެވެ. އެހެން މީހުން ކުރާ ކަންކަމަށް ކަންބޮޑުވެ ވާހަކަ ދެއްކޭތަނެވެ. އެހެން މީހުން އުޅޭގޮތާއިމެދު ކަންބޮޑުވެ ފާޑުކިޔޭތަނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެންގެ އެކުވެރިންނޭވެ! ފުރަތަމަ ކަމަކަށް ތިމާ ތައުބާވެ އިޞްލާޙްވާން މަސައްކަތްކުރާށެވެ! ޤިޔާމަތް ދުވަހަށް ތައްޔާރުވާން މަސައްކަތްކުރުމަކީ އެއީއެވެ. ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ކަމަކަށެވެ.  

ދެން އޮތީ އެހެން މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމެވެ. އެއީވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަންވެސް ކުރަން އޮތީ ތިމާ އިޞްލާޙްވެގެން ހުރެއެވެ. އަދި އެހެން މީހުންނަށް ދޭ ނަޞޭޙަތް ޤަބޫލުކުރާނީވެސް ތިމާ އިޞްލާޙްވެ ރަނގަޅު ގޮތުގައި ހުރިނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން