ޙަފްޞަތުގެފާނު 06: އެންމެ ފުރަތަމަ ލިޔެވުނު މުޞްޙަފު ރައްކާތެރި ކުރެއްވީ ޙަފްޞާގެފާނު

ކިޔުމަށް ހޭދަވާނީ 3މ 34ސ
ޙަފްޞަތުގެފާނު 06: އެންމެ ފުރަތަމަ ލިޔެވުނު މުޞްޙަފު ރައްކާތެރި ކުރެއްވީ ޙަފްޞާގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށްފަހު:

މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގަތުމަށްފަހު ދެން ފެށުނީ ޚަލީފާއިންގެ ބަރަކާތްތެރި ދައުރެވެ. ހަތަރު ޚަލީފާއިންގެ ދައުރުގައި އެކަމަނާއަކީ މަދީނާގައި އިންނެވި މީސްތަކުން އެންމެ ގަދަރުކޮށް އިހްތިރާމު ކުރާ އެކެކެވެ. އެބޭކަލުން އެކަމަނާއަށް ހެޔޮފުޅުކޮށް ހިއްތަވައި އިހްތިރާމު ކުރެއްވިއެވެ. އެންމެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހުގެ ޚިލާފަތުގައި މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި ވަރަށް ގިނަ މުސްލިމުން ޝަހީދުވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި ކީރިތި ޤުރްއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިފައިވާ ބޭކަލުންވެސް ވަރަށް ގިނައެވެ. އެހެންކަމުން އަބޫބަކުރުގެފާނު ޢުމަރުގެފާނާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކީރިތި ޤުރްއާން އެއްފޮތެއްގައި ލިޔެ ރައްކާކުރެއްވުމަށެވެ. އެގޮތުން އެކަލޭގެފާނުގެ އަމުރުފުޅަށް ފުރަތަމަ ފަހަރަށް ޤުރްއާން އެއް ފޮތެއްގައި ލިޔުއްވައި މުޞްޙަފެއް ތައްޔާރު ކުރެއްވިއެވެ. 

ހިޖްރައިން 13 ވަނަ އަހަރު އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަ ޢަންހު އަވަހާރަވުމާ ހަމައަށް އެ މުޞްޙަފު އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ދެން ޚަލީފާއަކަށް ވަޑައިގަތީ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާގެ ބަފައިކަލުން އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަ ޢަންހުއެވެ. ހިޖްރައިން 23 ވަނަ އަހަރު އެކަލޭގެފާނު ޝަހީދުކޮށްލުމުން އެ މުޞްހަފު އޮތީ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާގެ ބެއްލެވުމުގެ ދަށުގައެވެ. އެކަމަނާގެ އަތްޕުޅުގައެވެ. އޭރު ތިއްބެވި ބޭކަލުންގެ އެކަމަނާގެ އަތްޕުޅު މައްޗަށް އެ މުޞްޙަފު ދޫކޮށްލެވުމަކީ އެބޭކަލުންގެ މެދުގައި އެކަމަނާގެ މައްޗަށް އޮތް ގަދަރާއި އިހްތާރާމްގެ ބޮޑުކަން ސާބިތުކޮށްދޭ ކަމެކެވެ. 

އަމީރުލް މުއުމިނީން ޢުޘްމާން ބިން ޢައްފާން ރަޟިޔަ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރުގައި މީސްތަކުން ތަފާތު ގޮތްގޮތަށް ޤުރްއާން ކިޔަވަމުން ގެންދާން ފެށުމުން އެކަލޭގެފާނު ޤުރްއާން ފޮތްތަކެއް ލިޔުއްވުމަށް ނިންމެވިއެވެ. އެގޮތުން ނަމޫނާއަކަށް ބެއްލެވީ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާގެ އަތްޕުޅުގައި އޮތް ކޮޕީއެވެ. ޢުޘްމާނުގެފާނުގެ އެ މަސައްކަތްޕުޅަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން އެކަމަނާ ހިތްޕުޅުގެ ހެޔޮފުޅުކަމާއެކުގައި އެ މުޞްޙަފު ދެއްވިއެވެ. އެމަސައްކަތްޕުޅު ނިންމެވުމަށްފަހު ޢުޘްމާނުގެފާނު އަނެއްކާވެސް އެ މުޞްޙަފު އެކަމަނާއަށް ރައްދުކޮށްދެއްވިއެވެ. ޙަފްޞަތުގެފާނު އަވަހާރަވަންދެންވެސް އެ މުޞްޙަފު އޮތީ އެކަމަނާގެ އަތްޕުޅުގައެވެ. 

ހިޖްރައިން 35 ވަނަ އަހަރު އަމީރުލް މުއުމިނީން ޢުޘްމާން ބިން ޢައްފާން ރަޟިޔަ ޢަންހު ޝަހީދުކޮށްލުމުން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަށްޓަކައި ޢާއިޝަތުގެފާނާއި ތަލްޙަތުގެފާނާއި ޒުބައިރުގެފާނު ބަޞަރާއަށް ވަޑައިގެންނެވިއެވެ. އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަ ޢަންހާވެސް އުޅުއްވިއެވެ. ނަމަވެސް އެކަމަނާގެ އަޚް ޢަބްދުالله ބިން ޢުމަރު ރަޟިޔަ ޢަންހު އެކަން މަނާކުރެއްވިއެވެ. އެހެންކަމުން އަރަހުށި މާތްالله އެފިތުނައިން އެކަމަނާ ސަލާމަތް ކުރެއްވިއެވެ.  

މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި މަދީނާގެ ގަވަރުނަރަކަށް ހުންނެވީ މަރުވާނު ބްނުލް ޙަކަމެވެ. އޭނާ ޙަފްޞަތުގެފާނުގެ އަތްޕުޅުގައި އޮތް މުސްޙަފު ދެއްވާތޯ މީހުން އެކަމަނާގެ އަރިހަށް ފޮނުއްވަމުން ގެންދެވިއެވެ. ނަމަވެސް ޙަފްޞަތުގެފާނު އެ މުޞްޙަފެއް ނުދެއްވިއެވެ. ޙަފްޞަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ސާލިމު ވިދާޅުވެފައިވެއެވެ. [ޙަފްޞަތުގެފާނު އަވަހާރަވުމުން މަރްވާނު ބްނުލް ޙަކަމު ތިމަންގެން ބައްޕާ އިބްނު ޢުމަރަށް އެ މުޞްޙަފު އޭނާގެ އަރިހަށް ފޮނުވުމަށް އެންގެވިއެވެ. ތިމަންމެން ބޮޑުދައިތާފުޅުގެ ޖަނާޒާގެ ކަންތައް ނިންމަފައިފައި އައިތަނުން ބައްޕަ އެ މުޞްޙަފު މަރްވާނަށް ފޮނުއްވިއެވެ. މަރުވާނު އެތަކެތި އަންދައިލެއްވިއެވެ.] އޭނާގެ އެ ގޮތަށް ކަންތައް ކުރެއްވީ މުސްތަގުބަލުގައި އުފެދިދާނެ ފިތުނައަކުން ސަލާމަތްކުރުމަށެވެ. ޢުޘްމާނުގެފާނު ޤުރްއާން ޖަމްއުކުރެއްވި މަގްސަދު ފުރިހަމަ ކުރެއްވުމަށްޓަކައެވެ.  މިވާހަކަ އަބީދާއޫދުގެ މަޞާޙިފުގައި ލިޔުއްވައިފައިވެއެވެ.

 

މިއަދު އޮންލައިން