ތިމާއަށްވުރެ ބޮޑު އުފަލެއް އެެހން މީހަކަށް ލިބެން އެދޭ މީހުން މިހާރު ވަރަށް މަދެވެ. އެންމެ ގާތް އެކުވެރިން އެކަންޏެއް ނޫނެވެ. އަމިއްލަ ޢާއިލާގެ ތެރޭގައިވެސް ގިނައީ އެފަދަ މީހުންނެވެ. އަނެކާއަށް ރަނގަޅުގޮތެއް މެދުވެރިވުމަށް ނުއެދޭ މީހުންނެވެ. މިއީ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހިފައިވާ ޙަޤީޤަތެކެވެ.
ކަންއޮތީ މިހެން ނަމަވެސް ބައެއް މީހުން ކުރާހައި ކަމަކާއި ކުރަން ޤަޞްދުކުރާހައި ކަންކަން ވީހާ ގިނަ ބައަކަށް އަންގަން ބޭނުންވެއެވެ. އަދި އެއީ ކާމިޔާބީ ކަމަށް ދެކެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއީ އެންމެ ބޮޑެތި މޮޔައިން ނޫނީ ކުރާނެ ކަންކަމެއް ނޫނެވެ.
ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މީސްތަކުންނަށް އަންގަން ޖެހޭނީ އެކަމެއް އިޝްތިހާރުކުރުމުން ފައިދާކުރާނެ ކަންކަމެވެ. މުދައު ވިއްކުން ފަދަ ކަންކަމެވެ. ތިމާ ކުރާ، ކުރަން ބޭނުންވާހައި ކަންކަން އިޝްތިހާރުކުރުމެއް ނެތެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ ދިރިއުޅުން ކާމިޔާބުކުރެވޭނީ ކޮންމެހެން ހާމަކުރަން ޖެހޭ ކަންކަން ނޫނީ ހާމަނުކޮށް ފޮރުވިގެންހުރެ ނުވަތަ ސިއްރުކޮށްގެންހުރެ ކަންކަން ކުރަމުން ކުރިއަށްދާން މަސައްކަތްކުރާ މީހަކަށެވެ.
ވާދަވެރިއަކަށްވާނީ ކާކުކަމެއް ނުއެނގޭނެއެވެ. ޙަސަދަލާނީ ކާކުކަމެއްވެސް ނުއެނގޭނެއެވެ. އަދި އެކަމަށް އެކަމުގެ ތެރެއަށް ވަދެގަނެ ހުރަސް އަޅާނީ ކާކުކަމެއްވެސް ނުއެނގޭނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ކައިވެނިކުރަން އުޅޭއިރު އެކަންވެސް ޢާންމުކޮށް ހާމަކުރަންވާނީ އެކަން އެނގުނަސް ހުރަސް ނުއެޅޭނެ ހިސާބަށް ކަންކަން ކުރިއަށް ގެންގޮސްފައި ކަމަށެވެ. ކައިވެނީގެ ޙަފްލާ ބާއްވަން އޮތީ ކައިވެނިކުރުމަށްފަހުގައެވެ. ކުރިއަކުން ނޫނެވެ. އެއީ ސަބަބުތަކެއް ހުރުމުންނެވެ.
ދުނިޔެ މިވަނީ ބަދަލުވެފައެވެ. މީސްތަކުންގެ ވިސްނުން މިވަނީ ބަދަލުވެފައެވެ. ޢަދާވާތްތެރިން ދެނެގަނެވޭނެ ގޮތެއް ނެތެވެ. ޢަދާވާތްތެރިން އެންމެ ގިނައީ އެންމެ ގާތް އެކުވެރިންގެ ތެރޭގައެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫ ނަމަވެސް މިއީ ޙަޤީޤަތެވެ. ސަލާމަތްކަމާއި ކާމިޔާބީ ގުޅިފައިވަނީ ޙަޤީޤަތް ޤަބޫލުކުރުމާއިއެވެ.
--އަލަފް / މިއަދުނޫސް