ތިބާ ދިރިއުޅޭ ގޭގަ އޮންނަ ރުޅިވެރިކަމާ ޙަސަދަވެރިކަން ނައްތާލައި ދެމަފިރިންގެ ދިރިއުޅުންވެސް ބާއްޖަވެރިކުރަން ބޭނުންނަމަ ކުރަން އޮތް ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ތިބާ ދިރިއުޅޭ ގޭގަ އޮންނަ ރުޅިވެރިކަމާ ޙަސަދަވެރިކަން ނައްތާލައި ދެމަފިރިންގެ ދިރިއުޅުންވެސް ބާއްޖަވެރިކުރަން ބޭނުންނަމަ ކުރަން އޮތް ކަންތައް!

އެންމެންގެވެސް އެންމެ ބޮޑު ޝަކުވާއަކީ އެމީހަކު ދިރިއުޅޭ ގޭގަ އޮންނަ ރުޅިވެރިކަމާއި ޙަސަދަވެރިކަމެވެ. ދެމަފިރިންގެ ދިރިއުޅުން އުފާވެރި ނުކުރެވުމެވެ. އަބަދު މައްސަލަތައް ޖހުމެވެ. އެހެންކަމުން މިކަމަށް އޮތް ޙައްލާއިމެދު ބަލައިލަމާ ހިނގާށެވެ.  

އިސްލާމް ދީނުގައިވާ އެންމެ ޚާއްޞަ ސިފައަކީ ރިވެތި އަޚްލާޤް ކަމަށް ބުނުމަކުން އަދި ނުފުދެއެވެ. އެއީ ރިވެތި އަޚްލާޤަކީ ކޮބައިކަމާއިމެދު މީސްތަކުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައިވާތީއެވެ.  

ވީމާ އަހުރެން އެކަން މާނަކުރާނީ އެކަކު އަނެކަކަށް އަޅައިލުމާއި ހެޔޮކޮށް ހިތުމާއިއެކު އެއްވެސް މީހަކަށް ހިތްދަތިކަމެއް، ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދިނުން ކަމުގައެވެ. މިބަހުގެ މާނައަކީ އިންޞާފް ޤާއިމްކުރުން ކަމުގައިވެސް ބެލިދާނެއެވެ.  

ދިރިއުޅޭ ގޭގެތެރެއިން ކުޑަކުޑަ މިޘާލެއް ދައްކާނަމެވެ. އިސްލާމް ދީނުގެ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންވާ އެއްވެސް ގެއެއްގައި ރުޅިވެރިކަމާއި ޙަސަދަވެރިކަމެއް ނުއޮންނާނެއެވެ. އޮންނާނީ އެކުވެރިކަމާއި އެހީތެރިވުމެވެ.  

ހަމައެފަދައިން އިސްލާމް ދީނުގެ ރިވެތި ސިފަތައް ލިބިގެންތިބި ދެމަފިރިއެއްގެ މެދުގައި ދެމަފިރިންނަށް މަޝްވަރާކޮށްގެން ޙައްލުނުކުރެވޭވަރުގެ ކަމެއް މެދުވެރިވާނީ ހަމަ ހާހަކުން ފަހަރަކުއެވެ. ސަބަބަކީ މައްސަލައެއް ޖެހިއްޖެނަމަ ދެމީހުންވެސް އިސްކަންދޭނީ އެކަމެއް ޙައްލުކުރަން ކަމުގައިވާތީއެވެ. ވީމާ ދެމަފިރިންގެ މެދުގައި ބޭވަފާތެރިވުމާއި މަކަރުހެދުމާއި އޮޅުވައިލުން ފަދަ އެއްވެސް ކަމެއް ނުހިނގާނެއެވެ.  

ހަމައެއާއިއެކު ދެމަފިރިންނަކީވެސް އިސްލާމް ދީނުގެ ރިވެތި ސިފަތައް ލިބިގެންތިބި ދެމަފިރިން ކަމުގައިވާނަމަ މައްސަލައެއް ޖެހުނަސް 2 މީހުންވެސް މަސައްކަތްކުރާނީ އެކަމެއް ޙައްލުކުރުމަށެވެ. ދެމީހުންވެސް މަސައްކަތްކުރާނީ އެންމެކުރިން މާފުކުރާ މީހާކަމުގައިވުމަށެވެ. އެހެނީ އެކަކު އަނެކަކަށް މާފުކޮށް ޞުލްޙަވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އެއް ސިފައެވެ.

މިފަދަ ސިފަތައް ލިބިގަންނަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިން އެކުގައި އަޅުކަންކުރަން އާދަކުރާށެވެ. ދުޢާކުރަން އާދަކުރާށެވެ! އެކުގައި ތިބެގެން ޛިކުރުކުރުން ފަދަ ކަންކަން ކުރާށެވެ! އެއިރުން އެމަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ރަހްމަތުގެ މަލާއިކަތުންވެސް ދެމަފިރިންނަށްޓަކައި ހެޔޮދުޢާކުރައްވަވާނެތެވެ.  

އެފަދަ ދެމަފިރިއަކަށް ވެވިއްޖެނަމަ ދިރިއުޅުން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. ތަނަވަސްކަންވެސް އިތުރުވަމުންނެވެ. ދެމަފިރިންގެ މެދުގައި ލޯބިވެސް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން