ކައިވެނީގެ ކުރިން ދެމީހުން ކުރަން އެންމެ ރަނގަޅުކަމަކީ ކޮބައިހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނީގެ ކުރިން ދެމީހުން ކުރަން އެންމެ ރަނގަޅުކަމަކީ ކޮބައިހެއްޔެވެ؟

ކޮންމެ ކައިވެންޏެއް ރޫޅިގެންދަނީ ކޮންމެހެން ވަކިމީހަކު ގޯސްވެ، ނުބައިވެގެނެއް ނޫނެވެ. ދެމަފިރިން އެކުގައި ދިރިއުޅެން ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް ނުއެނގޭތީ ރޫޅިގެންދާ ކައިވެނިތައްވެސް މަދެއް ނޫނެވެ.  

ވީމާ ކައިވެނީގެ ކުރިން ދެމީހުންވެސް އެންމެ ފަހަރަކުނަމަވެސް ޤުރްއާނުގެ މާނަ ކިޔައިލާށެވެ! އިތުރަށް ދެމީހުންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައިވެނިފުޅު ބައްލަވައިގެންނެވި މިއުންމަތުގެ މައިކަނބަލުންގެ ސިޔަރަތު ކިޔައިލާށެވެ.  

އެއިރުން ޒަވާޖީ ހަޔާތަކަށް ބޭނުންވާނެ މުހިންމު ހުރިހާ ކަންކަން އެނގިގެންދާނެއެވެ. ދެމީހުންގެ މަސްއޫލިއްޔަތުތަކާއި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ 

މައްސަލައަކަށް މިއަދު ވެގެން މިއުޅެނީ ޒަވާޖީ ޙަޔާތުގައި ކުރިއަށްދާން އޮތް ޙަޤީޤީ މަގު ދަސްނުކުރެވޭކަމެވެ. ނަތީޖާއަކަށްވަނީ މައްސަލައެއް ޖެހުމުން ޙައްލުކުރާނެ ގޮތް ނުއެނގޭކަމެވެ. ކުރިން މިބުނި 2 ކަންތައް ކޮށްފިނަމަ މައްސަލަ ޖެހޭނެ ކަމާއި ޙައްލުކުރަން ޢމަލުކުރަންޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ.  

އެއިގެ އިތުރުން މިބުނި 2 ކަންތައް ކޮށްފިނަމަ ތަޤްވާވެރި ދިރިއުޅުމެއް އުޅެން ކުރަންޖެހޭނެ ކަންކަންވެސް އެނގިގެންދާނެއެވެ. މިކަންކަން ދިރާސާކުރާ ކާފިރުންވެސް މިއަދު އެކަން ޤަބޫލުކުރެއެވެ. ޤަބޫލުނުކުރަނީ ދިރާސާ ނުކުރާ މީހުންނެވެ.  

ގިނަ ބައަކު އިސްލާމްވަމުން އެދަނީ ދިރާސާކުރަން އެމީހުންކުރާ މަސައްކަތްތަކުގެ ތެރެއިން ދިރިއުޅުމުގެ ޙަޤީޤަތް އެނގުމުންނެވެ. ވީމާ އަހުރެމެން މުސްލިމުން ދިރާސާކޮށްފިނަމަ ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން