ތައުބާވެގެންހުރި އަންހެނަކާ ކައިވެނިކުރުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ފިރިމީހާއާ ފިރިމީހާގެ ދައްތަ ރޭއަޅުކަންކުރާ ބައަކަށް ބަދަލުކުރުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ތައުބާވެގެންހުރި އަންހެނަކާ ކައިވެނިކުރުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ފިރިމީހާއާ ފިރިމީހާގެ ދައްތަ ރޭއަޅުކަންކުރާ ބައަކަށް ބަދަލުކުރުވި އަންހެނެއްގެ ވާހަކަ-

އެއީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެލޯބިވެރިންނެވެ. ކައިވެނިކުރަން ނިންމައި ފިރިހެން މީހާގެ ދައްތައަށް އަންހެން މީހާ ތަޢާރަފްކޮށްދޭން ގެންދިއުމުން ފުރަތަމަވެސް ކުރީ އިންކާރެވެ. ބުނީ ތިއައީ ކުރިން ދައްތަގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ނަމަވެސް އޭނާއާއި ދުރުހެލިވެގެން މިހުރީ އޭނާގެ އުޅުން ގޯސްކަމުން ކަމަށެވެ. ވީމާ ކޮއްކޮގެ މަންމަޢާއި ބައްޕަގެވެސް މަޤާމުގައި ހުރެ ތިއަ ކައިވެންޏަށް ރުހެވެން ނެތްކަމަށެވެ.  

އެހެން ބުނުމުން ކޮއްކޮ ދައްތަ ގޮވައިގެން ދުރަށް ޖެހިލުމަށްފަހު އޭނާ އެހައި ގޯސްކަމަކަށް ކުރަނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ. ދައްތަ ބުނީ ފައިސާ ހުރިނަމަ އެމީހަކާއިއެކު ބޭރަށްގޮސް އުޅޭކަމަށެވެ. އެފަދަ އަންހެނަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ.  

ކޮއްކޮ ބުންޏެވެ. "ދައްތާއެވެ! އެއީ މީގެ 3 އަހަރުކުރިއެވެ. އޭނާއަށް ވަޒީފާއެއް ނުލިބި ދޮންމަންމަގެ ކަސްތޮޅުގައި ހުރި ދުވަސްތަކުގައި ކަމަށެވެ. ދޮންމަންމަ މަޖުބޫރު ކުރުވާތީ ކުރަންޖެހުނު ކަމެއް ކަމަށެވެ. ނަމަވެސް ވަޒީފާ ލިބުނު ފަހުން މިހާރު ދިރިއުޅެނީ އެކުވެރިއެއްގެ ގެއަށް އަގުދީގެން އެގޭގައިކަމަށާއި ތިއަ ބާވަތުގެ އެއްވެސް ކަމެއް މިހާރު ނުކުރާ ކަމަށެވެ. އެއެކުވެރިއަކީވެސް ދައްތަގެ ގާތް އެކުވެރި ރަޙީމާ ކަމަށެވެ. ގުޅައިގެން ނޫނީ ބައްދަލުކޮށްގެން ކަންކަން އޮޅުންފިލުވައިލުން ރަނގަޅުވާނެ ކަމަށެވެ." 

ދައްތަ އެކުވެރިޔާއަށް ގުޅައިގެން ކަންކަން ބެލުމުން ދައްތައަށް ޖެހުނީ ލަދުގަންނާށެވެ! ދައްތައަށް ކިރިޔާ 5 ނަމާދުކުރެވެނީއެވެ. ނަމަވެސް އޭނާ ރޭއަޅުކަންވެސް ކުރެއެވެ. އެކަންކަން އެނގުމުން ކުރިން ބުނެވުނު ބަހަށް މާފަށް އެދި ކައިވެނިކުރަން ރުހުނެވެ. އަދި އެކަމަށް ހިތްވަރުދިނެވެ.  

ކައިވެނި ކުރެވި އަހަރެއްހައިދުވަސްވެގެންދިއައިރު ދައްތަ އާއި ފިރިމީހާވެސް ވަނީ ރޭއަޅުކަންކުރާ މީހުންނަށް ބަދަލުވެފައެވެ. ދިރިއުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ. ވީމާ އެއްވެސް މީހެއްގެ މާޒީއަށް ނުބަލާށެވެ! މިހާރު އޭނާ އުޅޭ ގޮތަށް ބަލާށެވެ. ސަމާލުކަންދޭންވީ ދެކަމަކަށެވެ. އެއްކަމަކީ މާޒީ ކިތަންމެ ރީތިނަމަވެސް މިހާރު ހުތުރުނަމަ އެމީހަކާއި ނުގުޅުމަށާއި މާޒީ ހުތުރުނަމަވެސް މިހާރު އުޅެނީ ރަނގަޅަށްނަމަ އެމީހަކު ބަލައިގަތުމެވެ.  

ކާމިޔާބުކަމާއެކު ޒަވާޖީ ޙަޔާތް ވޭތިކުރަމުން ގެންދާ ބައިވެރިންގެ ތެރޭގަ ކުރިން ގޯސްކޮށް އުޅެވުނު މީހުން ވަރަށް ގިނައެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. 

 

ގުޅުންހުރި ލިޔުމެއް!

ތައުބާވެގެން ހުރިނަމަ މާޒީއަށް ބަލައި ކައިވެނިކުރަން ފަސްނުޖެހޭށެވެ! މާކާމިޔާބު ދިރިއުޅުމެއް ލިބުން ގާތެވެ! އިން ޝާ ﷲ   

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ހުތުރު މާޒީއެއް އޮތް އަންހެނެންކުއްޖަކާ ކައިވެނިކުރުމަކީ ކޮންކަހަލަކަމެއްތޯއެވެ؟"  

ފުރަތަމަ ކަމަކީ މިސުވާލު ރަނގަޅު ނޫންކަމެވެ. ހުތުރު މާޒީއެއް އޮތް ފިރިހެނަކާއި އަންހެނެއްގެ މެދުގައި އެއްވެސް ތަފާތެއް ނެތުމުންނެވެ. ވީމާ ސުވާލަކަށްވާންޖެހޭނީ ހުތުރު މާޒީއެއް އޮތް މީހަކާއި ކައިވެނިކުރުމުގެ މައްސަލައެވެ. އެއީ ކޮންމެހެން އަންހެނަކަށް ނުވަތަ ފިރިހެނަކަށްވުމުން އެއްވެސް ތަފާތެއް ނެތީތީއެވެ.  

މިސުވާލާއި ގުޅިގެން ބުނެލަން އޮތީ ނުބައި މަގުން ދިއުމަށްފަހު އެމީހަކަށް އެކަން ވިސްނި ތައުބާވެ އިޞްލާޙްވެއްޖެނަމަ އެއީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. އަދި ތައުބާވެ އިޞްލާޙްވުމަށްފަހު ގިނަ ބައަކު އަންނަނީ ރަނގަޅަށް އުޅެމުންނެވެ. އަދި އެއްވެސް ކުށެއް ނުކޮށް އުޅޭކަމަށް ބެލެވޭ ވަރަށް ގިނަބައަކަށްވުރެ މާރަނގަޅަށް އުޅޭ މީހުންވެސް މަދެއްނޫނެވެ.  

ކިތަންމެ ހަޑިހުތުރު މާޒީއެއް އޮތް ނަމަވެސް އެމީހަކު ތައުބާވެ އިޞްލާޙްވެ ރަނގަޅު ގޮތުގައި އުޅެންފަށާހިސާބުން އޭނާގެ މާޒީ އެވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ފުހެވިގެން ގޮސްފައެވެ. ވީމާ އެމީހަކާއިމެދު ނުބައިކޮށް ދެކެގެން ނުވާނެއެވެ. އަދި އޮތީ އެމީހަކަށް ހިތްވަރުދިނުމެވެ.  

ކައިވެނިކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. އޭނާއަކީ ތައުބާވެ، ޢަމަލުތައް އިޞްލާޙްކޮށް އެގޮތުގައި އުޅެމުން އަންނަ މީހަކު ކަމުގައިވާނަމަ އޮތީ އެމީހަކު ބަލައިގަތުމެވެ. އަދި އެކަމުގެ ނަތީޖާވެސް މާފޮނިވެފައި އުފާވެރިކަން ލިބުންގާތެވެ. ސަބަބަކީ ޔައުބާވެ އެގޮތުގައި ހުރުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެތީއެވެ. އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތީއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން