އަބަދުވެސް އުފަލުގަ ހުރެވޭނެ ހަމައެކަނި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
އަބަދުވެސް އުފަލުގަ ހުރެވޭނެ ހަމައެކަނި ގޮތް-

އިންސާނާއަށް އުފާވެރިކަން ލިބުން އޮތީ ހިތް ސަލާމަތުން އޮވެގެންނެވެ. ލޯބި އުފެދެނީ ހިތުގައެވެ. ހިތްހަމަޖެހުން ހިތަށް އެކަން ޤަބޫލުކުރެވިގެންނެވެ. ހިތް އެކަން ޤަބޫލުނުކުރާނަމަ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. 

މިޘާލަކަށް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް އަދި ކިތަންމެ ރަނގަޅު ނުވަތަ ކިތަންމެ ރީތި އަންތބަކު ލިބުނަސް ހިތްހަމަ ނުޖެހިގެން އުޅެންޖެހެނީ ހިތަށް އެކަމުން ހަމަޖެހުން ނުލިބޭތީއެވެ. ހިތް ކަންބޮޑުވާ ކަންތައްތަކެއް ހުންނާތީއެވެ. ވީމާ މިގެނެސްދެނީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބެން އޮތް ހަމައެކަނި ގޮތެވެ. 

އިމެއްގެ ތެރެއިން ބައިވެރިޔާ ދެކެ ލޯބިވާށެވެ! އަދި އިމެއްނެތި ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ! ބުނެވޭ ބަހުގެ މާނައާ ސަބަބުތައް ބައެއް މީހުންނަށް އޮޅެއެވެ. 

ފުރަތަމަ ކަމަކަށް އިމެއްނެތި ލޯބިވުން އޮތީ ހަމައެކަނި ﷲ ތަޢާލާ އަށާއި އަހުރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމައަށެވެ. އެނޫން ކޮންމެ ފަރާތަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް ލޯބިވާންޖެހޭނީ އިމުގެ ތެރެއިންނެވެ. 

ދެން ބަލައިލަންވީ އެއިމަކީ ކޮބައިތޯއެވެ. އެއިމަކީ އެނިޢުމަތެއް ތިމާއަށް ގެއްލިގެން ހިނގައްޖެނަމަ ކެތްތެރިވެވޭނެ މިންވަރެވެ. ބައިވެރިޔާ ތިމާ ދޫކޮށްލިނަމަވެސް މާޔޫސްނުވެ ދުނިޔޭގައި އުޅުމަށް ހިތްވަރުކުރެވޭނެ މިންވަރެވެ. 

ޙަޔާތުގެ ބައިވެރިޔާ އާއި ދުވަހަކުވެސް ވަކިވާން ނުޖެހޭނެ ކަމަށް ވިސްނައި އެއްވެސް އިމެއްނެތި ލޯބިވެ މުޅި ހިތް އެކުގައި އެމީހަކަށް ދީގެން އުޅެމުން ދަނިކޮށް އެއްވެސް ސަބަބެއް މެދުވެރިވެގެން ދެމީހުން ވަކިވާން ޖެހިއްޖެނަމަ އެކަމާއި ދެރަވެ ހިތާމަކުރުމުގައު ބައެއް މީހުންނަށް އެމީހުންގެ މުޅި ޢުމުރު ހޭދަކޮށްލަން އެބަޖެހެއެވެ. އެކަން ބައްޔަކަށްވެ މުޅި ޢުމުރަށް ބޭސްކުރަން އެބަޖެހެއެވެ. މިކަންކަމަކީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކުރިމަތިވާ ކަންކަމެވެ. 

ހަމައެޢާއިއެކު އިމުގެ ތެރެއިން ލޯބިވުމަކީ ތިމާގެ ހިތް ބައިބައިކޮށްގެން އެތައް ބައަކު ދެކެ އެއްފަހަރާ ޙަލާލް ނޫން ގޮތުގައި ލޯބިވެގެން އުޅުމެއް ނޫނެވެ. އެއީ އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ހުއްދަކަމެއް ނޫނެވެ. 

ދެން ބަލައިލަންވީ ޙަލާލް ގޮތުގައި އެކަކަށްވުރެ ގިނަ މީހުންދެކެ ލޯބިވުމަކީ ކޮބައިކަމެވެ. އެއީ އެއަންތބަށްވުރެ ގިނަ އަނބިން ތިބިނަމަ އެބައަކުދެކެ އެއްވަރަށް ލޯބިވުމެވެ. ގިނަ އަނބިން ގެންގުޅޭނަމަ ލޯބިވާންޖެހޭނީ އެއްވަރަކަށެވެ. 

ނަމަވެސް އެއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނަސް އެކަން ޢަމަލުން ދައްކައިގެން ނުވާނެއެވެ. މިޘާލަކަށް 4 އަނބިން ތިބިނަމަ 4 އަނބިންނަށްވެސް ކަންކަން ކުރަންޖެހޭނީ ހަމަހަމަކޮށެވެ. އެއްވަރަކަށް އަޅައިލަންޖެހޭނެއެވެ. ލޯބިދޭންވެސް ޖެހޭނެއެވެ. އެކަން ނުކުރެވޭނެނަމަ ދީނުގައި އޮތީ ގިނަ އަނބިން ނުހޯދުމެވެ. 

ދަރިންނާއި ޢާއިލާގެ މީހުންދެކެ ލޯބިވާންވާނީވެސް އިމުގެ ތެރެއިންނެވެ. އެއިމަކީ އެއްވެސް މީހަކު ދުނިޔެ ދޫކޮށްފިނަމަ ކެތްތެރިވެވޭނެ މިންވަރެވެ. އެކަމުގެ ހިތާމައިގައި މުޅި ޢުމުރު މާޔޫސްކަމުގައި ހޭދަކުރަން ނުޖެހޭނެ މިންވަރެވެ. 

ހަމައެއާއިއެކު ވިސްނައިލަންވާނެއެވެ. ނަމާދު ވަޤުތު ޖެހުމުން ނަމާދުކުރަން ފަސްޖެހެވި ދުނިޔަވީ ކަންކަމުގައި އުޅެވޭނަމަ އެއިގެ މާނައަކީ ނަމާދުކުރުމަށްވުރެ ދުނިޔަވީ ކަންކަމަށް ލޯބިކުރެވޭކަމެވެ. ﷲ ތަޢާލާ ގެ ޙަޟްރަތަށް ލޯބިވާންޖެހޭ މިންވަރަށް ލޯބިނުވެވޭކަމެވެ 

މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީ ހިތުގެ މިލްކްވެރިފަރާތަށް އެކަނި ހިތް ހަދިޔާކުރުމެވެ. އެހެން އެއްވެސް ފަރާތަކަށް ހިތް އެކުގައި ހަދިޔާނުކުރުމެވެ. ތިމާގެ ހިތް އެކުގައި ހަދިޔާކުރާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމުގައި ހަދައިފިނަމަ މިބުނިފަދަ ހުރިހާ މައްސަލަތަކެއް ޙައްލުވެގެންދާނެއެވެ. އިން ޝާ ﷲ

ތަކުރާރުކޮށް މިފަދަ ވާހަކަތައް ކިޔައިދޭން މިޖެހެނީ މިއީ މީސްތަކުންގެ ދިރިއުޅުމާއި ގުޅިފައިވާ އެންމެ މުހިންމު އެއްކަންތައް ކަމުގައިވާތީއެވެ. މާޔޫސްވެ ދިރިއުޅެން ކުރަންޖެހޭ ކަންކަން ނުކުރެވި ﷲ ތަޢާލާ އަށް ކުރަންޖެހޭ އަޅުކަން ނުކުރެވޭ ޙާލަތަށް ނުގޮސް ޘާބިތުވެ ހުރެވޭނީ މިކަންކަން އެނގިގެން ކަމަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން