ތިމާއަކީ މާތް ﷲ ގެ ވާގިފުޅާއިއެކު ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމަށްޓަކައި ކުރެވިދާނެ އެއް ކަމަކީ މެންދުރު ނަމާދުގެ ކުރިންނާއި ފަހުން 4 ރަކްޢަތް ކުރުމެވެ. މާނައަކީ މެންދުރު ނަމާދުގެ ކުރިންނާއި ފަހުން ސުންނަތުގެ 4 ރަކްޢަތް ކުރުމެވެ.
މިއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެނީ އަހަރެމެންނަކީ މިހާރުވެސް މެންދުރު ނަމާދުގެ ކުރިން ރަވާތިބް ސުންނަތުގެ 4 ރަކްޢަތް ކުރާ ބައެކެވެ. އަދި މެންދުރު ނަމާދަށްފަހު ރަވާތިބް ސުންނަތުގެ 2 ރަކްޢަތް ކުރަން މަސައްކަތްކުރާ ބައެކެވެ. އިތުރުކޮށްލަން މިޖެހެނީ މެންދުރު ނަމާދަށްފަހު އިތުރު 2 ރަކްޢަތެވެ. އެކަން ކުރުމުގެ ވަގުތު ޢަޞްރު ވަގުތާއި ހަމައަށް ދެމިގެންވެއެވެ. ވީމާ މެންދުރު ނަމާދުގެ ފަހުން 4 ރަކްޢަތް ކުރުމަކީ އެއްވެސް އެއްވެސް ބުރަކަމެއް ނޫނެވެ.
It is authentically confirmed that the Prophet, sallallaahu ‘alayhi wa sallam, said:
“Whoever prays four Rak’ahs before Thuhr and four Rak’ahs after Thuhr, Allaah will forbid Hellfire from him.”
[Ahmad, Abu Daawood, At-Tirmithi, An-Nasaa’i and Ibn Maajah]
(ރާއްޖެއަށް ބަލައިފިނަމަ އެންމެ މުހިންމީ މެންދުރު ނަމާދަށް ބަންގިގޮވާއިރު މިސްކިތުގައި ހުރުމުންނެވެ. ނަމާދުވަގުތުން ފެށިގެން، ބަނަގި ގޮވަން ފެށުމުން ފެށިގެން ނަމާދަށް ފެށުމާއި ދެމެދު ލިބެނީ އެންމެ 10 މިނިޓެވެ. ވީމާ ބަންގި ގޮވަން ފަށާއިރު މިސްކިތުގައި ނެތިއްޖެ ނަމަ ނަމާދުގެ ކުރިން 4 ރަކްޢަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ.)
ދެވަނަ ކަމަކީ އެމީހެއްގެ ޢާއިލާއަށާއި އެންމެހައި މީސްތަކުންނަށްޓަކައި ޚުލްޤް ރަނގަޅު މީހަކަށްވުމެވެ. އަނބިދަރިންނާއި މުވައްޒިފުންވެސް ހިމެނޭ ގޮތުންނެވެ. ޚުލްޤް ރަނގަޅު މީހަކަށްވުމުގެ މާނައިގައި ރުޅި ގަދަ ނުވުމާއި ރިވެތިބަހުރުވައިން ވާހަކަ ދެއްކުމާއި ކޮންމެ ކަމެއް ކުރުމުގައިވެސް މަޑުމަތިރި ރިވެތި އުޞޫލުތައް ގެންގުޅުން ހިމެނެއެވެ. ރިވެތި އަޚްލާޤްގެ އެންމެހައި ސިފަތައް ހިމެނިގެންވެއެވެ.
3 ވަނަ ކަމަކީ ﷲ ތައާލާގެ ޢަޛާބާއިމެދު ވިސްނައި ކަރުނަ އެޅުމެވެ. އެމީހަކީ ﷲ ތަޢާލާގެ އަމުރުފުޅުތައް ދަސްކޮށް ވިސްނައި ފިކުރުކޮށް ބިރުވެތިވާ މީހަކަށް ވާންޖެހޭނެއެވެ. ހިތަށް ބިރުވެތިކަން ވައްދުވަން ޖެހޭނީ އެކަންކަން ރަނގަޅަށް އެނގި އެކަންކަމަށް ވިސްނައި ފިކުރުކޮށްގެންނެވެ.
ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބުނުމުން ކޮންމެ މުސްލިމަކުވެސް ބިރުގަނެއެވެ. ސުވާލަކީ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމަށް މަސައްކަތް އެބަކުރަން ހެއްޔެވެ؟ ވީމާ މިރޭ މިބަޔާންކުރީ ތިމާއަކީ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުން އެދިގެން ކުރެވިދާނެ 3 ކަމެކެވެ. ސަމާލުކަންދީގެން ޢަމަލުކުރަން މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން