އަޅުގަނޑުގެ ފިރިމީހާ ވަރަށް ޤަވާއިދުކޮށް ގެއަށް އަންނާނެއެވެ. ލަސްވެގެން ހަވީރު 5 ޖަހަންވާއިރަށް ގެއަށް އަންނާނެއެވެ. ފިރިމީހާއަކީވެސް ފަހުން އުފެއްދި މަޒުހަބުގެ މީހަކަށްވުމުން މިސްކިތަކަށް ނުދާނެއެވެ. ނަމާދުވެސް ކުރާނީ ގޭގައެވެ. ގެއަށް އައުމަށްފަހު ގެއިން ބޭރަށްދާނީ ވަރަށް ބޮޑު ކަމެއް ޖެހިގެންނެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ގެއަށް އަޔަކަސް އަޅުގަނޑަކަށް އަދި ދަރިއަކަށްވެސް ލިބޭ އެއްވެސް އުފަލެއް ނެތެވެ. އެކުގައި ކައިބޮއިހަދާ ވަޤުތުކޮޅުގައި ނޫނީ އަޅުގަނޑުމެންނަށް 4 ކަޅި ހަމަކޮށްލާނެ ވަޤުތުކޮޅެއްވެސް ނުވެއެވެ. އަބަދުވެސް މަސައްކަތުގައެވެ. ގެއާއި އަނބިދަރިންގެ މަސައްކަތަކު ނޫނެވެ. އޮފީސް މަސައްކަތުގައެވެ.
އެހެންވެ އަޅުގަނޑު އަދޭސްކޮށްފައި ބުނެފީމެވެ. "އަޅުގަނޑު ބޭނުންވަނީ ފަތިސްވަންދެން އޮފީހުގަ އިނދެގެން ކަމަށްވިޔަސް މަސައްކަތް ނިންމާފަ ގެއަށް އަންނާނެ ފިރިއެކެވެ! ގެއަށް އައިސް ބުދެއްގެ ގޮތުގައި ގޭގައި ހުރުމުން ލިބެނީ އިތުރު ހިތްދަތިކަމެވެ."
މިއީ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. މިއީ ވަރަށް ގިނަ އަނބިންގެ ފަރާތުން ލިބެމުން އަންނަ ޝަކުވާއެއްވެސް މެއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޚުވެލައްވާށެވެ!
ގިނަ އަނބިންނަކީ އެމީހުންނަށް ދޭން ފިރިމީހާ އެއްބަސްވާ މިންވަރަށް ދޭނަމަ އިތުރަށް ހޯދަން މަސައްކަތްކުރާނެ ބައެއް ނޫނެވެ. މިއީ ދިރާސާތަކުން އެނގޭ ކަމެކެވެ. ގިނަފަހަރު މައްސަލައަކަށް ވެގެން ދަނީ ދޭން އެއްބަސްވާވަރާއި ގާތަކަށްވެސް ނުދެވޭތަނުގައި ދެވޭނެ މިންވަރެއްވެސް ނުބުނެވޭތީއެވެ. ބުނި ނަމަވެސް ނުދެވި ފޭލްވާތީއެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ ފައިސާގެވާހަކައެއް ނޫނެވެ. ތަނަވަސްކަންހުރިނަމަ ފައިސާ ދެވިދާނެއެވެ. ތަނަވަސްކަން ހުންނަ ގިނަ ބައަކަށް ފައިސާ ދިނުމަކީ މައްސަލައަކަށް ނުވެއެވެ. އަދި ތިބެނީވެސް ފައިސާދޭން ތައްޔާރަށެވެ. އެއީ ފައިސާއިން އަނބިމީހާ މައިތިރިކުރެވޭނެ ކަމަށް ބަލާތީއެވެ.
އެހެނަސް މިދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ. މިދައްކަނީ ލޯތްބާއި އަޅައިލުމާއި ވަޤުތު ދިނުމުގެ ވާހަކައެވެ. އަނބިމީހާއަކީ ހެޔޮލަފާ އަންހެނަކު ނަމަ އަތަށް ކިތަންމެ ގިނަ ޢަދަދެއްގެ ފައިށާދިން ނަމަވެސް، އަދި ކިތަންމެ ގިނައިން ޚަރަދުކުރިޔަސް ހުސްނުވާނެ ވަރަށް ފައިސާ އެކައުންޓަށް ޖަމާކޮށްދިން ނަމަވެސް ލޯތްބާއި އަޅައިލުމާއި ވަޤުތު ނުދޭނަމަ ޝަކުވާކުރާނެއެވެ.
ފައިސާ ކިތަންމެ މުހިންމު ނަމަވެސް ހެޔޮލަފާ އަންހެނުން ކައިވެނިކުރާނީ ފައިސާގެ ބޭނުމަކު ނޫނެވެ. އުފަލުގައި ދިރިއުޅުމުގެ ބޭނުމުގައެވެ. ފިރިމީހާގެ ކިބައިން ލޯތްބާއި އަޅައިލުމާއި ވަޤުތު ނުލިބޭނަމަ އެމީހުންކަށް ހިތްޖެހުމެއް ނުލިބޭނެއެވެ.
އަހުރެން ދަންނަ މިލިއަނަރަކު ހުރެއެވެ. އޭނާގެ އަމިއްލަ 5 ކުންފުނި ހުރެއެވެ. އޭނާ މަސައްކަތް ނިންމާފައި ނުވަތަ ނުނިމުނަސް ހަވީރު 5 ޖެހުމުގެ ކުރިން ގެއަށް ވަންނާނެއެވެ. ވަނުމަށްފަހު އެންމެ ކުޑަމިނުން ފޯނު ބަލައިވެސް ނުލާނެއެވެ.
އޭނާ ގެއަށް ވަނުމަށްފަހު އިމަރޖެންސީ ޙާލަތުގައި ކަންކަމު ގުޅަންޖެހޭ މީހުން ގުޅަންޖެހޭނީ ގޭގައި ޑިޔުޓީ އަދާކުރާ ސެކެޓްރީންނަށެވެ. ގުޅި ނަމަވެސް އެކަމެއް ޢޭނާ އާއި ހަމައަށް ގެންދިއުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ޚާއްޞަ ކަންކަމަށެވެ. އެފަދަ މުހިންމު ކަމެއް ނޫންނަމަ ސެކެޓްރީއަށްވެސް އޭނާއާއި ހަމައަކަށް ނުދެވޭނެއެވެ.
ގެއަށް އައުމަށްފަހު ހުރިހާ ސަމާލުކަމެއް ދޭނީ އަނބިދަރިންނަށެވެ. ވަޤުތު ހޭދަކުރާނީ އަނބިދަރިންނާއިއެކުގައެވެ. އެހެންވެ އޭނާގެ ކިބައިން ވަޤުތު ނުލިބޭތީ އަނބިދަރިން ޝަކުވާއެއް ނުކުރެއެވެ. ދިރިއުޅެމުން އަންނަނީ ނުހަނު އުފަލުގައެވެ.
ދެން ބަލައިލަންވީ ގެއަށް އައުމަށްފަހު އެއްވެސް މަސައްކަތެއް ކުރަންނުޖެހޭ ފެންވަރުގެ މީހުންނަށެވެ. އެފަދަ ގިނަ މީހުންނަށް ފުރަތަމަ ކަމަކަށް އޮފީސް ނިމިގެން އަވަހަކަށް ގެއަކަށް ނައުދެވެއެވެ. ގެއަށް އައުދެވުމަށްފަހުގައިވެސް އުޅެނީ ފޯނުން ސަލާމަތްނުވެވިގެންނެވެ. ޓީވީ ބެލުމުން ސަލާމަތްނުވެވިގެންނެވެ. އަނބިދަރިންނާއިއެކު ވަޤުތުކޮޅެއް ހޭދަކުރެވޭ ކަމަކަށް ނުވެއެވެ.
އަހުރެން އުންމީދުކުރަނީ އަހުރެން މިދެއްކި ވާހަކަތަކުން، ޚާއްޞަކޮށް އެމިލިއަނަރުގެ ދިރިއުޅުމުން ޢިބްރަތް ލިބިގަންނާނެ ކަމަށެވެ. އުފާވެރި ޢާއިލީ ދިރިއުޅުމެއް އުޅެން ދަސްކުރާނެ ކަމަށެވެ.
މިއީ އެކުވެރިއަކު އަޅުގަނޑަށް ޙިއްޞާކޮށްފައިވާ ވާހަކައެކެވެ.
--އަލަފް / މިއަދުނޫސް