ޚުޠުބާ: އެއްޗެތި ދުއްވުމުގަ އެހެން މީހުންނަށް އަނިޔާ ދިނުމާ އަމިއްލަ ނަފްސަށް އަނިޔާ ލިބިގަތުންވެސް ދީން ހުއްދައެއް ނުކުރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 29ސ
ޚުޠުބާ: އެއްޗެތި ދުއްވުމުގަ އެހެން މީހުންނަށް އަނިޔާ ދިނުމާ އަމިއްލަ ނަފްސަށް އަނިޔާ ލިބިގަތުންވެސް ދީން ހުއްދައެއް ނުކުރޭ!

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެންނެވެ. ސިކުނޑިއާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެންނެވެ. ގުނައި ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ----"އަދި އެކަލާނގެ حضرةއަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللهގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާ ނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއްނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތް މީހެކެވެ." 

މުސްލިމް އަޚުންނޭވެ! މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހޭނެއެވެ. އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އަހަރެމެން ވިސްނައި ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނެއެވެ. ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުމެވެ. ފެނުމުގެ ނިޢުމަތް އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، ލޮލުގެ ބޭނުން ހިފާންޖެހޭ ކަންކަމުގައި، އެ ގުނަވަނުގެ ބޭނުންހިފުމެވެ. 

މުސްލިމް އަޚުންނޭވެ! އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހެއެވެ. އެއްގަމު އުޅަނދުތައް ދުއްވާ މީހުން  ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެއެވެ. މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެއެވެ. 

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ zގެ ޒަމާނުގައި، އިންޖީނުލީ އުޅަނދެއް ނުހުރެއެވެ. އެހެންވެ، މި ޒަމާނުގައި މިހިރަ ފަދަ ޓުރެފިކް ޤަވާޢިދުތަކެއް އޭރަކު ނެތެވެ. ނަމަވެސް މަގުހިނގާ މީހުންގެ ޙައްޤުތަކާއި، މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް އޭރު ވެސް ހުއްޓެވެ. އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމެވެ. އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމެވެ. އެ މޭރުމުން ވިސްނައިލާ އިރު، މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ! އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެކެވެ. އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީއެވެ. އިސްލާމް ދީނުގައި، ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތެވެ. މާތް ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا ضَرَرَ وَلَا ضِرَارَ)[1] މާނައީ:"ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނުވެއެވެ." މި ޙަދީޘުން ދޭހަވާ ގޮތުގައި، މީހަކަށް ގެއްލުމެއް ވާނެ ކަމެއް ކުރުމަކީ، އިސްލާމް ދީނުގައި މަނާކަމެކެވެ. ޓުރެފިކް ޤަވާޢިދާ ޚިލާފުވުމަކީ، އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށާއި މުދަލަށް ގެއްލުން ލިބިދާނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفسތައް ހަލާކުގެތެރެޔަށް އެއްލައިނުލާށެވެ!"

މުސްލިމް އަޚުންނޭވެ! މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ފެންނާން އެބަހުއްޓެވެ. މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.  ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْإِيـْمَانُ بِضْعٌ وَسَبْعُوْنَ أَوْ بِضْعٌ وَسِتُّوْنَ شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَـٰهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيْقِ)[2]   މާނައީ: "އީމާންކަން ހަތްދިހަ އެތައް ދަރަޖައަކަށް ނުވަތަ ފަސްދޮޅަސް އެތައް ދަރަޖައަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތިވެރި ދަރަޖައަކީ، "لَا إِلَـٰهَ إِلَّا اللهُ" ކިއުމެވެ. އަދި އޭގެ އެންމެ ދަށުދަރަޖައަކީ، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކުރުމެވެ." 

މުސްލިމް އަޚުންނޭވެ! ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ދަތުރު ދުޢާކިއުމަކީ، ޝަރުޢުކުރައްވައިފައިވާ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެ ކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ. އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް އަޅަމެން ރުޖޫޢަވާނޭކަން ކަށަވަރެވެ." ދަތުރަށް ފަށާ އިރު، މި ފަދައިން ކިއުމަކީ ސުންނަތެކެވެ. ކަނޑުދަތުރެއް ކަމުގައިވިއަސް، ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއްކަމުގައި ވިއަސް ދަތުރުދުޢާ ކިއުމަކީ، ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދާން ޖެހެއެވެ. ހަނދާންކޮށްދިނުމުގެ ގޮތުން ދަތުރު ދުޢާގެ ރެކޯޑިންއެއް އިއްވިއަސް، އަމިއްލައަށް ދުޢާ ކިޔާން ސަމާލުކަން ދޭންވާނެއެވެ! މީގެ އިތުރަށް ދަތުރަށް ފަށާ އިރު، ކިޔާން މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް ހުރެއެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. (اَللَّهُمَّ إِنَّا نَسْأَلُكَ فِيْ سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اَللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اَللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْـخَلِيْفَةُ فِي الْأَهْلِ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْـمَنْظَر،ِ وَسُوْءِ الْـمُنْقَلَبِ فِي الْـمَالِ وَالْأَهْلِ)[3] މާނައީ: "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ދަތުރުގައި އަޅަމެން އިބަރަސްކަލާނގެ ޙަޟުރަތުން ހެވަށާއި، ތަޤުވާވެރިކަމަށާއި، އިބަރަސްކަލާނގެ ރުއްސަވާ ޢަމަލަށް އެދެމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި ދަތުރުގެ ދިގުކަން ކުރުކުރައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބަރަސްކަލާނގެއެވެ. އަދި މިއަޅާގެ (ގޭގެ) އަހުލުވެރީންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައް ބަލަހައްޓަވައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބަ ރަސްކަލާނގެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ދަތުރުގެ އުނދަގޫކަމާއި ހިތާމަކުރުވަނިވި މަންޒަރުންނާއި، މުދަލާއި އަނބިދަރީންގެ ތެރެއަށް އަންނަ އިރު ނުބައި ގޮތެއްގައި އައުމުންނާއި ނުވަތަ އެބައިމީހުންނަށް ނުބައެއް މެދުވެރިވުމުން ރައްކާތެރިކޮށްދެއްވުމަށް އިބަރަސްކަލާނގެ ޙަޟުރަތުން އެދި ދަންނަވަމެވެ."   

މުސްލިމް އަޚުންނޭވެ! މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ޤަވާޢިދާ ޚިލާފުވެގެންނެވެ. އަނެއްބައި ފަހަރު ފަރިތަކަމާއި، ކުޅަދާނަކަން ދަންކާން އުޅޭންހަދައިގެންނެވެ. އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތިއެވެ. ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއްނޫނެވެ. ލުޤްމާނުގެފާނު އެ ކަލޭގެފާނުގެ ދަރިފުޅަށް ދެއްވި ޢިބުރަތްތެރި ނަސޭހަތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނުއުޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެން ވެސް ތިބާޔަކަށް ނުދެވޭނެތެވެ." ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގައެވެ. އެތައް ބަޔަކަށް ގެއްލުން ވެއެވެ. ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.

މިއަދު އޮންލައިން