ބައެއް ފުރުޞަތުތަކަކީ ގެއްލުނަސް މަސައްކަތްކޮށްގެން އަނބުރާ ހޯދިދާނެ ފުރުޞަތުތަކެވެ. އަނެއްބައި ފުރުޞަތުތަކަކީ ގެއްލިއްޖެނަމަ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އަނބުރާ ހޯދޭނެ ފުރުޞަތެއް ނޫނެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
އިންސާނުންނަށް ދެއްވަވާ ފުރުޞަތުތަކުގެ ތެރެއިން އެފުރުޞަތެއްގެ ބޭނުން ނުހިފުނީތީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ފުރުޞަތަކީ މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތައި އެހީތެރިވާން ލިބޭ ފުރުޞަތެވެ. އެންމެ ބޮޑު ސަބަބަކީ މަރުވާނެ ވަޤުތު ނުއެނގޭތީއެވެ. ކޮންމެ ވަޤުތަކުވެސް ތިބާވެސް މަރުވެދާނެއެވެ. އަދި މައިންބަފައިންވެސް މަރުވެދާނެއެވެ. ތިބާ މަރުވިޔަސް އަދި މައިންބަފައިން މަރުވިޔަސް އެފުރުޞަތު އެއޮތީ ގެއްލިފައެވެ.
ތަންކޮޅެއް ބޮޑުތަނަވަސްކަމެއް ލިބުމުން މައިންބަފައިންނަށް ހެޔޮކޮށް ހިތަން ހުއްޓައި އެމީހުންވެސް މަރުވެދާނެއެވެ. އަދި ތިމާވެސް މަރުވެދާނެއެވެ. އެހިސާބުން އެއޮތީ އެފުރުޞަތު ގެއްލިފައެވެ. މިބުނަނީ ކުޑަކުޑަ ފުރުޞަތެއްގެ ވާހަކައެއް ނޫނެވެ. ތިމާއަށް އެންމެ ފަސޭހައިން ސުވަރުގެ ލިބެން އޮތް ފުރުޞަތުގެ ވާހަކައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެން ނިކަން ބުނެބަލާށެވެ! އެމީހަކަށް ސުވަރުގެ ލިބުމަށް އެންމެ ބޮޑަށް ފަސޭހަވެގެންދާ ފުރުޞަތަކަށްވުރެ އަގުފުރުޞަތަކީ ކޮބައިހެއްޔެވެ؟ ބޭނުން ނުހިފި ގެއްލިއްޖެނަމަ އެއަށްވުރެ ބޮޑަށް ހިތާމަކުރަންޖެހޭނެ ފުރުޞަތެއް އޮންނާނެ ހެއްޔެވެ؟ އަހުރެން ބުނާނީ ނުއޮންނާނެ ކަމަށެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން