ކިތަންމެ ގިނަ ހެޔޮޢަމަލުތަކެއް ހިފައިގެން މަޙްޝަރަށް ދެވުނަސް އެއްވެސް ފައިދާއެއް ނުކޮށް ކަރުނައަޅަންޖެހޭނެ މީހުންގެ ތެރޭގަ ތިބާ ނުހިމެނޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކިތަންމެ ގިނަ ހެޔޮޢަމަލުތަކެއް ހިފައިގެން މަޙްޝަރަށް ދެވުނަސް އެއްވެސް ފައިދާއެއް ނުކޮށް ކަރުނައަޅަންޖެހޭނެ މީހުންގެ ތެރޭގަ ތިބާ ނުހިމެނޭނެތަ؟

ތިބާ ބޭރު ޤައުމަކަށް ބޭސްފަރުވާއަށް ދިއައީ ހަމަޔަޤީނުންވެސް މަދުނުވާނެ ވަރަށް ފައިސާ ހިފައިގެންނެވެ. ކޮންމެ ގޮތަކުން ނަމަވެސް ފުރާނަ ސަލާމަތްކުރަން ބޭނުންވާތީ ގެދޮރުވެސް ވިއްކައި ފައިސާއަށް ހަދައިގެންނެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ހޯދެންހުރި ހުރިހާ ފައިސާއެއް ހޯދައިގެން އެފައިސާތައް ހިފައިގެންނެވެ.  އިތުރަށް އެއްވެސް ފައިސާއެއް ހޯދޭނެ އެއްވެސް ގޮތެއްވެސް ނެތެވެ.  

އަތުގައި ފައިސާ ނެތި އެހީތެރިވާނެ ހަމައެކަކުވެސް ނެތް އެޤައުމަށް ތިބާދާފަހުން މިއެނގެނީ ތިބާ ބޭސްކުރަން ގެންދިއައީ އެޤައުމުގައި ވިކޭނެ ފައިސާއެއް ނޫންކަމެވެ. ނިކަންބުނެބަލާށެވެ! އެހިނދު ތިބާއަށް ލިބޭނެ މާޔޫސްކަން ހިތަށް ގެންނާށެވެ!  

ދުނިޔެވީމައި މަގުމަތީގައި ސަލާންޖަހަންވެސް އިނދެވިދާނެއެވެ. އެކަމަކު ޤިޔާމަތް ދުވަހު އެ ފުރުޞަތެއް ނުލިބެއެވެ. ނަރަކައަށް ނުވަތަ ސުވަރުގެއަށް ވަންނަން ޖެހޭނެއެވެ. މަގުމަތީގައި އުޅުމެއް ނެތެވެ.  

ދެން އަޑުއަހާށެވެ!

ކޮންމެ މީހަކުވެސް އަޅުކަންކުރަނީ ނުހަނު ބުރަ މަސައްކަތުން އެތައް ބައިވަރު ވަގުތުތައް ހޭދަކޮށް އަދި އެތައް ޤުރްބާނީތަކެއް ވެގެންނެވެ. ހޯދާ ފައިސާވެސް ހޭދަކުރެއެވެ. އެމީހުން އަޅުކަންކުރި ގިނަކަމުން އަޅުކަމުގެ ބޮޑެތި ބިޔަ ފަރުބަދަތައް ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށް ގޮސް އެ ބިމުގައި އެމީހާކުރި އަޅުކަމުގެ ބިޔަ ފަރުބަދަތައް ބަހައްޓާނެ ބައަކު އުޅޭނެއެވެ. 

މައްސަލަ އަކީ އެ ފަރުބަދަ ތަކުގައި އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމެވެ. ހޮއި ނުވަތަ ލޯވަޅުތަކުން ފުރިފައިވާނެ ކަމެވެ. އެކަން އެމީހާއަކަށް ނުއެނގޭނެއެވެ. އެހައި ގިނަ އަޅުކަން ހިފައިގެން ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ދެވުނުކަމަށްޓަކައި ފަޚުރުވެރިވާން ހުއްޓައި ފެންނާނީ އަޅި ނުވަތަ ހިރަފުސް ފަދައިން އެ ބިޔަ ފަބަދަތައް ބުރަބުރައިގެންދާތަނެވެ،

ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށްޓަކައި އެވަރުން ކުރި ބުރަ މަސައްކަތްތައް ވަޔަށް ބުރަބުރައިގެން ދިއުމުން ކުރާނެ އަސަރަށް ވިސްނާށެވެ! ނޯށުކުރިން ނުރޮވޭނެ މީހަކު ހުންނާނެތޯއެވެ 

މިފަދަ ޙާލަތު ކުރިމަތިވާނީ ދެއްކުންތެރިކަމުގެ ގޮތުން އަޅުކަންކުރި މީހުންނަށެވެ. އެމީހުން ވަރަށް ގިނަ އަޅުކަން ކުރާނެއެވެ. މީހުންނަށް ދީނީ ނަޞޭޙަތްވެސް ދޭނެއެވެ. ޒަކާތްވެސް ދައްކާނެއެވެ. ރޯދަވެސް ހިފާނެއެވެ. ޞަދަޤާތްވެސް ދޭނެއެވެ. ކީރިތި ޤުރްއާންވެސް ކިޔަވާނެއެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައްވެސް ކުރާނެއެވެ. މައްސަލަ އަކީ އެމީހުން ކުރާ ހުރިހާ ކަމެއް ކުރަނީ މީސްތަކުންނަށް ދައްކަންކަމެވެ. އެހެންމީހުންގެ ލޯތަކުގައި އަނދުން އަޅުވައިގެން ތަޢްރީފް ހޯދަން ކަމެވެ.  

މީސްތަކުންނޭވެ! މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. އަދި އެހައިމެ ގެއްލުންވެސް ހުރިކަމެކެވެ. ހިތާމަ ހުރިކަމެކެވެ. އެހެނީ ދުނިޔޭގައި ކުރި ހުރިހާ މަސައްކަތާއި ހޭދަތައް އަޅިއަށްވެ ބުރައިގެން އެދަނީ ލޯމަތީގައެވެ. މިހާލަތުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައި ނުބޭއްވުމެވެ. ހިތުގައި ހަމަ އެންމެ ކުޑަކުޑަ ޛައްރެއްގެ މިންވަރު ބާއްވައިގެން ކުރާ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ!  

އަޅުކަންކުރަންވީ އެއްވެސް މީހަކަށް ދައްކާކަށް ނޫނެވެ. އެއްވެސް މީހަކު ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވަން އެއްވެސް މީހެއްގެ އެހީތެރިކަން ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެއްވެސް މީހެއްގެ ހެކިބަހެއްވެސް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ. ހެކިބަސްދޭނީ އެމީހާ ކުރި ޢަމަލުތައް ލިޔެވިފައިވާ ފަތެވެ. އެމީހާގެ ގުނަވަންތަކެވެ. ވީމާ އަޅުކަންކުރިކަން ސާބިތުކުރަން އެހެން މީހެއްގެ އެހީތެރިކަމަކަށް އެދުވަހު ބޭނުމެއް ނުވާނެއެވެ! ވީމާ ދައްކަންވީ ކާކަށް ކީއްކުރަން ހެއްޔެވެ؟

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން