ކުރެވޭ ފާފައިގަ މިންއަޅާ މީހުންނަށް ގާތީ ނަރަކައަށް ވަންނަން ޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުރެވޭ ފާފައިގަ މިންއަޅާ މީހުންނަށް ގާތީ ނަރަކައަށް ވަންނަން ޖެހުން!

މީސްތަކުންނޭވެ! ފާފައިގައި މިން އަޅަން ނުއުޅޭށެވެ! ކިރައި ބަރުދަން ބަލަންވެސް ނުއުޅޭށެވެ! އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަންކަމެއްނޫނެވެ. ފާފަތައް ކިރިގެންދާނީ ޤިޔާމަތް ދުވަހު އެކަމަސް ޚާއްބަކުރެވިފައި ހުންނަ މީޒާނުގައެވެ.  

ބައެއް ފާފަތަކަކީ ކުދި ފާފަތައް ކަމަށް އަމިއްލައަށް ކަނޑައެޅުމަކީ ކުރެވޭ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. "ތިމަން ރަސޫލާގެ އުންމަތުގެ ތެރެއިން ގިނަ ބައަކު ނަރަކައަށް ވަންނާނީ ބައެއް ފާފަތަކަކީ ފާފަތައް ކަމުގައި ނުބެލުމުން" ކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހުން ކުޑަކުދިން މޮޔަ ހައްދާ އުޞޫލުން ﷲ ތަޢާލާ އާއިމެދުގައިވެސް ކަންކަން ކުރެވޭނެ ކަމަށެވެ. އެފަދަ މީހުންނަށް ހަލާކުހުއްޓެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ.  

ނަރަކައަށް މީހާ އެއްލައިލެވޭ އިރު އެމީހާ ވާނީ ނަރަކައިގެ ހޫނުމިން އެއަސްވުރެ އިތުރުވެގެންދާނެ ފޭރާމަކުން ފޭރާން ލެއްވިގެންނެވެ. ވިލާޖަހައި ވާރޭ ވެހޭހެން ވެސް ހީވާނެއެވެ. ނަމަވެސް ވެހޭނީ އެސިޑެވެ. ކެއުމަކަށް ލިބޭނީ ގޮހޮރު ފޫއަޅުވާލާފައި ފައިބައިގެންދާނެ ތަކެއްޗެވެ. ޒައްޤޫމެވެ. ބޯން ލިބޭ ބުއިމާއި މޫނު ކައިރިކޮށްލުމުން މޫނުގެ ހަންތައް ވިރިގެން އެއަށް ފައިބާނެއެވެ.  

މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކަށް ހިނދުކޮޅަކަށް ނަމަވެސް ދާއިމަށް ނަމަވެސް ނަރަކައަށް ވަންނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކުދި ފާފަތައް ކަމަށް ބަލައި ސަމާލުކަން ނުދީ ކުރެވޭ ކަންކަމެވެ. މިއީ ވަރަށް ކުޑަ ފާފައެއް ކަމަށް ބަލައި ކުރެވޭ ކަންކަމެވެ. މިކަން ކޮށްލުމުން އެހައި ބޮޑު ޢަޛާބެއް ނުލިބޭނެ ކަމަށް ބަލައި ފަރުވާށ ކުޑަކުރެވޭ ކަންކަމެވެ.  

މިސާލަކަށް ދޮގުބުނުމެވެ. ހިލޭ މީހަކަށް ދޮނެއް ދިނުމެވެ. ބަލައިގެން ނުވާނެ ތަންތަނާއި ކަންކަން ބެލުން ފަދަ ކަންކަމެވެ. ދެބަ އުޑުވުމާއި ފިތުނަ އުފެއްދުމެވެ. ނެތިމޮށުމެވެ. ކުޑަކުޑަ މަކަރެއް ހަދައިލުމެވެ.  

ބައެއް މީހުންނަށް ހީކުރެވެނީ މިފަދަ ފާފަތަކަކީ އެއްވެސް ބުރަދަނެއް ހުންނާނެ ފާފަ ނޫން ކަމަށެވެ. އެގޮތަށް ޤަބޫލުކޮށް އެފަދަ ފާފަތައް ކުރެވެމުން ގެންދެވެނީއެވެ. ނަތީޖާ ނުކުމެދާނެ ގޮތަކާއިމެދު ވިސްނައިލުމެއްވެސް ނެތިއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން