މެންދުރު ނަމާދަށް ބަންގިގޮވުމުން ރަވާތިބް ސުންނަތްކުރަން އަވަސްވެގަންނަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މެންދުރު ނަމާދަށް ބަންގިގޮވުމުން ރަވާތިބް ސުންނަތްކުރަން އަވަސްވެގަންނަންވީ ކީއްވެ؟

އެއީ ޢާންމުކޮށް އެމިސްކިތުން ފެންނަ މީހެއް ނޫނެވެ. ހީވަނީ ގޮސްއިނީ މެންދުރުނަމާދަށްފަހު ކުރަން އޮތް ކަށުނަމާދުގައި ބައިވެރިވާން ކަމަށެވެ. ކޮންމެއަކަސް ބަންގީގެ ކުރިން މިސްކިތަށް އަރައި އިނީ ޤުރްއާން ކިޔަވާށެވެ! ބަންގިގޮވުމުން އެންމެން އިހުސުންނަތުގެ 4 ރަކްޢަތް ކުރިއިރުވެސް އިނީ ކިޔަވާށެވެ! އިހުސުންނަތެއް ނުކުރެއެވެ.  

ޤުރްއާން ކިޔެވުމަކީވެސް އަޅުކަމެކެވެ. އެންމެ މަތިވެރި ޛިކުރުކުރުމެވެ. ނަމަވެސް އެވަޤުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިކަމަށްވާނީ ރަވާތިބް ސުންނަތް ކުރުމުންނެވެ. ސުންނަތުގައި އޮތީ އެގޮތެވެ.  

މެންދުރު ނަމާދުގެ ރަވާތިބް ސުންނަތް ޚާއްޞަވާ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ އެވަޤުތުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަމާލުކަން ދެއްވަވާފައިވަނީ ސުންނަތް ކުރެއްވެވުމަށެވެ. ދެވަނަ ސަބަބަކީ މެންދުރު ނަމާދުގެ ކުރިންނާއި ފަހުން 4 ރަކްޢަތް ކުރުމަކީ އެމީހަކު ނަރަކައިން މިންޖުކުރައްވަވާނެ ޢަމަލެކެވެ. އިން ޝާ ﷲ  

ބައެއް މީހުން (މަދުބައަކު ނަމަވެސް) އިހު ސުންނަތުގެ 2 ރަކްޢަތް ކުރެއެވެ. ނަމަވެސް އިހުސުންނަތުގެ 4 ރަކްޢަތް އެބައޮތެވެ. ވީމާ ޤަމާތްދިނުމާއިމެދު ވަޤުތު އޮތްނަމަ 4 ރަކްޢަތްކުރަންވާނެއެވެ. ވަޤުތު ނުލިބިގެން ނުކުރެވުނުނަމަ ޤަޟާވެސް ކުރެވިދާނެއެވެ.  

ހަމަ އެއާއިއެކު މެންދުރުނަމާދުގެ ފަހުން ކުރަން އޮތީ ރަވާތިބް ސުންނަތުގެ 2 ރަކްޢަތް ނަމަވެސް 4 ރަކްޢަތް ކުރަން މަސައްކަތްކުރާށެވެ. އެއީ ކުރިން މިބުނި ފަދައިން އިހުސުންނަތުގެ 4 ރަކްއަތާއި ފަހުން 4 ރަކްޢަތް ކުރުމަކީ ނަރަކައިން ސަލާމަތްކުރައްވަވާނެ ސަބަބެއް ކަމަށް ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން