ދަރިން ލައްވައި މި ކަންކަން ކުރުވާނަމަ ނަމާދުކުރަން ޝައުޤުވެރިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 25ސ
ދަރިން ލައްވައި މި ކަންކަން ކުރުވާނަމަ ނަމާދުކުރަން ޝައުޤުވެރިވާނެ! އިން ޝާ ﷲ

ސަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކަން އުފެދި އިތުރުކުރެވޭނެ ގޮތަކާއިބެހޭގޮތުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރައްވާތީ މިގެނެސްދެނީ ކުރެވިދާނެ ގިނަ ކަންތައްތަކެއް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ   

ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އަދި ދަރިފުޅަށްޓަކައި ހެޔޮދުޢާކުރައްވާށެވެ! ދަރިންނަށް އެންމެ ބޮޑަށް ފައިދާކުރާނީ މައިންބަފައިންގެ މަސައްކަތާއި ހެޔޮ ދުޢާއިންނެވެ. އިން ޝާ ﷲ ޙައްލު ލިބިވަޑައިގަންނަވާނެއެވެ!  

ދަރިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖައްސުވައި ފަރުޟު 5 ނަމާދު ޤަވާއިދުން ކުރުވުމާއި ކޮންމެ ދުވަހަކު 5 ނަމާދު ކުރަން ކުދިން ޝައުޤުވެރިކުރުވުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެވެ. އަދި އެއީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައިވެސް ބުނެވިދާނެއެވެ.  

އެހެނީ ދަރިންގެ މައްޗަށް އެކުދިން ބާލިޣްވުމުން ނަމާދު ވާޖިބްވެއެވެ. ނަމާދަށް ދަރައެވެ. ކިތަންމެ މޮޅަށް ކިޔަވައިގެން ކިތަންމެ ބައިވަރު ފައިސާތަކެއް ހޯދިނަމަވެސް ސުވަރުގެ ވައްދަވާނީ ނަމާދުކުރިނަމައެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުގެއެވެ. ވީމާ ނަމާދުނުކުރާނަމަ ، ނަމާދަށް ރައްކައުތެރިނުވާނަމަ ހޯދައިދިން މަތީ ފާހުގެ އެއްވެސް ބޭނުމެއް ނެތެވެ.  

އެހެންކަމުން ދަރިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖައްސުވައި ނަމާދުކުރަން ދަރިންގެ ޝައުޤުވެރިކަން އިތުރުކުރަން ކުރެވިދާނެ 9 ކަމެއް ފާހަގަކޮށްލާނަމެވެ.  

1 ނަމޫނާ ދައްކާށެވެ! 

ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ މުހިންމީ ނަމޫނާ ދެއްކުމެވެ. ނަމާދު ކުރުމުގައިވެސް އެންމެ މުހިންމު ކަމަކީ މައިން ބަފައިން ނަމާދުކޮށް ނަމޫނާ ދެއްކުމެވެ. 1،2،3،4، ނަމާދެއް ނޫނެވެ. 5 ނަމާދެވެ. ވީމާ ވަގުތު ނެތުން ވާރޭވެހުން ފަދަ ކަމެއް ކުރިމަތިވި ނަމަވެސް ނަމާދު ދޫނުކުރާށެވެ! ގޭގައި ނަމާދުކޮށް ދަރިންނަށް ދައްކާށެވެ. ކޮންމެ ޙާލަތެއްގައި ވެސް ނަމާދުކުރަން ޖެހޭނެ ކަމާއި ނަމާދަކީ އަޅައިގެންވާނެ އެއްޗެއް ނޫންކަން ދަރިންނަށް އަނގައިދެވޭނީ އެއިރުންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިއަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟" (އަލްޞަފް: 2)  

ވީމާ އަހަރެމެން ނުކުރާ ކަމެއްގެ ވާހަކަ ދަރިންގާތު ދައްކައި އުޅުމެއް ނެތެވެ. އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ފައިދާ ކުރާނީ ޢަމަލުކޮށް ނަމޫނާ ދައްކަމުން އެކަމެއް ކުރަން ބުނުމުންނެވެ.  

2 ކޮންމެ ދުވަހަކު ކޮންމެ ގޮތަކުން ނަމަވެސް 5 ނަމާދު ކުރަން ޖެހޭ ސަބަބު ބުނެދޭށެވެ!  

ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދު ކުރަން ޖެހޭ ސަބަބު އެންމެ ކުޑައިރުންސުރެ ބުނެދީ އެކަމުގެ މުހިންމުކަން އަންގައިދޭން ޖެހޭނެއެވެ. ބާލިޣްވުމަށްފަހު ނަމާދަށް ދަރާނެކަން ބުނެދޭށެވެ. އަދި ޤިޔާމަތް ދުވަހުގެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުންކަން ވެސް އަންގައިދޭންވާނެއެވެ. އަދި ކުދިން ޝައުޤުވެރިވާނެ ގޮތްގޮތަށް އެކަމުގެ ވާހަކަތައް ވީހައި ގިނައިން ކިޔައިދޭންވާނެއެވެ.  

3 އުމުރުން 7 އަހަރުވުމުން ނަމާދު ކުރުވަން މަސައްކަތް ފަށާށެވެ!  

އެންމެ ކުޑައިރުންސުރެ ނަމާދަށް ޝައުޤުވެރިކުރުވުމުގެ މަސައްކަތް ކުރަންވާނެއެވެ. 7 އަހަރުވުމުން ނަމާދުކުރަން ބުނަންވާނެއެވެ. 10 އަހަރުވުމުން ނަމާދުކުރުވުމަކީ މަޖުބޫރު ކަމެކެވެ. 10 އަހަރު ފުރުމުން ދަރިންގެ ތަންމަތި ވަކިކުރުމަށާއި ނަމާދު ކުރުވުމަށް ރަސޫލާ (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅަށް އަމަލުކުރާށެވެ.  

4 ނަމާދުކުރަން ދަސްކޮށްދޭންވާނީ ނަމޫނާ ދައްކައިދީގެންނެވެ.  

ދަރިންނަށް ނަމާދުކުރަން ބުނެދިނުމަށްވުރެ ފައިދާކުރާނީ އަމަލީ ގޮތުން ނަމޫނާ ދައްކައި ދަސްކޮށްދިނުމެވެ. ވީމާ މައިންބަފައިން ނަމޫނާ ދެއްކުމުގެ އިތުރުން ޢިލްމުވެރިން ނަމާދުކުރައްވާތަން ދައްކައި ނަމާދުކުރާ ގޮތް ވަރަށް ރަނގަޅަށް ކުދިންނަށް ދަސްކޮށްދޭށެވެ!  

5 ނަމާދުކުރަން ބުނުމުގައިވެސް އޯގާތެރި ބަހުރުވައިން ބުނާށެވެ! 

ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުގައިވަނީ ކުޑަކުދިންނަށް ރަޙުމް ނުކުރާ އަދި މުސްކުޅިންނަށް އިޙްތިރާމް ނުކުރާ މީހުންނަނީ ތިމަން ރަސޫލާ (ޞޢވ)ގެ އުންމަތުގެ ތެރެއިންވާ މީހެއް ނޫން ކަމަށެވެ. ވީމާ ނަމާދުކުރަން ބުނުމުގައި ވެސް އޯގާތެރިކަން އިސްކުރާށެވެ. ނަމާދުކުރުމަށް ކުދިންގެ ލޯބި އިތުރުވެ ޝައުޤުވެރިކަން ބޮޑުވާނީ އެއިރުންނެވެ.  

6 ނަމާދުކުރަން ފަސޭހަކޮށްދޭށެވެ! 

ކުދިންނަށް ނަމާދުކުރަން ފަސޭހަކޮށްދޭށެވެ! ކުދިން ގާތު ނަމާދުކުރަން ބުނަންވާނީ އެކުދިންނަށް އެކަމަކީ ތަކްލީފަކަށް ނުވާ ގޮތަށެވެ. ސްކޫލުން ނިމިގެން އައީ ނަމާދުނުކޮށް ކަމަށްވާނަމަ ވަރުބަލި ފިލުވައިލަން ވަގުތުކޮޅެއް ދޭށެވެ. ވަގުތުކޮޅެއް ދެމުންވެސް ވަރުބަލިފިލުމުން ފުރަތަމަ ކުރަން ޖެހޭނީ ނަމާދު ކަމަށް ބުނަންވާނެއެވެ. ނަމާދުގެ މުހިންމުކަން ކުދިންނަށް އެނގޭނީ އެއިރުންނެވެ.  

ފަރުޟު ނަމާދުކުރުމުގެ އާދަ އަށަނުގަންނަވައި ސުންނަތް ނަމާދުކުރަން މަޖުބޫރު ނުކުރާށެވެ! އެއިރުން ނަމާދުކުރުމަކީ ބުރަކަމަކަށްވެ ނަމާދުކުރަން ފޫހިވާން ފަށައިފާނެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީނުގެ އެފަދަ ކަންކަން މީސްތަކުންނަށް ބުރައަކަށް ނުހެދުމަށެވެ. ބުރައަކަށްވުމުން ފަރުޟު ނަމާދުތައްވެސް ނުކޮށްފާނެ ކަމަށްޓަކައެވެ. ވީމާ ހަރުފަތަކުން ހަރުފަތަކުން ކުރިއަށް ގެންދާށެވެ.  

7 ކުދިން ލައްވައި އިމާމްވެ ނަމާދުކުރުވާށެވެ!  

ގޭގައި ކުޑަކުދިން ތިބިނަމަ ގޭގައި ކުރާ ނަމާދުތަކުގައި އިމާމްކަން ކުދިންނަށް ބަހައިލާށެވެ! ހުރިހާ ކުދިންނަށްވެސް އިމާމްކަން ކުރުމުގެ ފުރުޞަތު ދޭށެވެ! އެކަމުގެ ސަބަބުންވެސް ނަމާދުކުރަން ހިތް ޖެހި ނަމާދު ކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ.  

8 ނަމާދުކުރުމަށް ހިތް ޖައްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ!  

ކުދިންނަށް ނަމާދުކުރަން ހިތް ޖައްސަވައި ދެއްވެވުން އެދި މައިންބަފައިން ދުޢާކުރަންވާނެއެވެ. އަދި އެފަދަ ދުޢާތައް ދަސްކޮށްދީގެން ކުދިން ލައްވައި ވެސް ދުޢާކުރުވަންވާނެއެވެ!  

9 ކުއްޖާގެ މިޒާޖާއެއްގޮތަށް މުޢާމަލާތުކުރާށެވެ!  

ކޮންމެ ކުއްޖަކީވެސް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ވީމާ ކުދިންނަށް ކަންކަން ކުރަން ބުނެ އަމުރުކުރާއިރު އަމުރުކުރަންވާނީ ކުދިންގެ މިޒާޖާއި އެއްގޮތަށެވެ. އަމުރުކުރުމުގެ ބަދަލުގައި ނަޞޭޙަތްތެރިވާ އުޞޫލުން ކަންކަން ކުރަން ބުނާށެވެ! އިރުޝާދު ދީ ހިތްވަރުދޭ އުޞޫލުން ބަސްބުނާށެވެ!  

މިއީ ހަމައެކަނި ކުދިންނާއިމެދު މުޢާމަލާތުކުރަން އޮތް އުޞޫލެއް ނޫނެވެ. ބޮޑެތި މީހުންނާއި މުޢާމަލާތުކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ.  

"އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތްދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ." (މަރްޔަމް: 55)  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކާއި، ތިއަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމްރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން