ޢަލީ އިޙްޞާން ފިރާޤް
ޚުލުޤުފުޅު:
ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ސިފަ ކުރެއްވީ صَوَّامَةٌ قَوَّامَةٌ އޭ ވިދާޅުވެއެވެ. ގިނަ ގިނައިން ރޯދަފުޅު ހިއްޕަވާ ގިނަގިނައިން ރޭއަޅުކަން ކުރައްވާ ބޭކަނބަލެއްގެ ގޮތުގައެވެ. މިއީ އެކަމަނާގެ ދީންވެރިކަމާއި އަޚްލާޤުގެ މާތްކަމާއި އުޅުއްވުމުގެ ރީތިކަމުގެ މުގުރައިނުލެވޭފަދަ ދަލީލެކެވެ.
މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދި އިޚްތިލާފުތައް އުފެދިގެން ދިޔުމަކީ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ވަރަށް ނަފްރަތު ކުރެއްވި ކަމެކެވެ. ޞިއްފީނު ހަނގުރާމައަށްފަހު ހިނގި ތަޙްކީމުގެ ހާދިސާއަށްފަހު ޢަބްދުالله ބިން ޢުމަރު ރަޟިޔަﷲ ޢަންހު ފިތުނަތަކުން ރައްކާތެރުވުމަށްޓަކައި ބޭރަށް ނިކުމެވަޑައިނުގެން ގެކޮޅުގައި އިންނެވުމަށް ގަސްތުކުރެއްވިއެވެ. އެކަން ޙަފްޞާ ރަޟިޔަﷲ ޢަންހާ އަށް އެނގިވަޑައިގެން ވިދާޅުވިއެވެ. [އެކަމުގެ ބައިވެރިވެގެން ކަލޭގެފާނަށް އެއްވެސް ފައިދާއެއް ނުކުރިކަމުގައި ވިޔަސް މީސްތަކުންވަނީ ކަލޭގެފާނުގެ ރައުޔަކަށް ބޭނުންވެފައެވެ. ކަލޭގެފާނު އެކަންތައްތަކުން އެއްކިބާވުމަކީ މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދިގެން ހިނގައިދާނެ ކަމެކެވެ.]
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ މިޒާޖުފުޅުގައި އަވަހަށް ކޯފާވާ ގޮތްކޮޅެއް ހުރެއެވެ. ހާޒިރު ޖަވާބު ދެއްވުމަކީ އެކަމާ ޖެހިލުންވެވަޑައިގެންނަވާ ކަމެއް ނޫނެވެ. އެކަމަނާ ބައެއް ފަހަރު މާތް ރަސޫލާއަށްވެސް ރައްދު ޖަވާބު ދެއްވާ ހައްދަވައެވެ. ޞަޙީޙުލް ބުޚާރީގައިވެއެވެ. އެއްފަހަރު ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް އިހްތިރާމެއް އޮންނަ ބައެއް ނޫނެވެ. އިސްލާމްދީން އައުމަށްފަހު އަންހެނުންގެ ދަރަޖަ އުފުލި އެބައިމީހުންނަށް ހާއްސަ އާޔަތްތައް ޤުރްއާނުގައި ބާވައިލެއްވިއެވެ. އެއްދުވަހަކު ތިމަންކަލޭގެފާނުގެ އަނބިކަނބަލުން ތިމަންކަލޭގެފާނަށް ކަމެއްގައި މަޝްވަރާ ދެއްވައިފިއެވެ. ތިމަން ބުނީމެވެ. ކަމަނާއަކާ މަޝްވަރާ ދިނުމާ ކީކީހެއްޔެވެ.] އެކަމަނާ ވިދާޅުވިއެވެ. [އޭ ޢުމަރު ބްނުލް ޚައްތާބެވެ. ކަލޭގެފާނަށް މިވަރުގެ ކުޑަކަމަކަށްވެސް ކެތްތެރި ނުވެވެނީތޯއެވެ. ނިކަން ކަލޭގެފާނުގެ ދަރިކަނބަލުން އުޅުއްވާ ގޮތްކޮޅެއް ބައްލަވާށެވެ. އެކަމަނާ ތަންފުކެއްވެސް ދޫނުކުރައްވާ މާތް ރަސޫލާއަށް ރައްދު ޖަވާބު ދެއްވައެވެ. ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ނުރުހުންވެވަޑައިގެން މުޅިދުވަސްވެސް ހޭދަކުރައްވައެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު ވަގުތުން ޙަފްޞާގެ އަރިހަށް ގޮސް ބުނީމެވެ. [ދަރިފުޅު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ރައްދު ޖަވާބު ދީ ހަދަން ހެއްޔެވެ.] އެކަމަނާ އާނއެކޭ ބުނުމުން ތިމަން ބުނެފީއެވެ. ޚަބަރުދާރެވެ. ތިޔަގޮތަށް ކަންތައް ކުރަންފަށައިފިނަ ގެއްލުމާ ހަލާކު ކުރިމަތިވާނެއެވެ. الله އާއި އެކަލާނގެ ރަސޫލާ ގެ ކޯފާ އަތުވެއްޖެނަމަ އެކަމުން ސަލާމަތެއްވާނެ މަގެއް ނޯންނާނެއެވެ. އޭރުން އެއޮތީ ތިމާގެ ހަލާކު ކުރިމަތިވެފައެވެ. ދެން ދުވަހަކުވެސް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަސްފުޅަކާ ޖަދަލުކޮށް ކަންކަމަށް ނޭދޭށެވެ. ޢާއިޝާ އުޅޭ ގޮތަށް އުޅެން ދިމާ ނުކުރާށެވެ. އެހެނީ ޢާއިޝާގެ ފަޚުރަކީ އެކަމަނާގެ ރީތިފުޅުކަމާއި މާތް ރަސޫލާ އެކަމަނާ ދެކެ ވެވަޑައިގަންނަވާ ލޯބިފުޅެވެ.]
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ ޞަފިއްޔާ ބިންތި ޙުޔައްޔުގެ އަރިހަށް ވަޑައިގެންވިއިރު އެކަމަނާ އިންނެވީ ކީރިތި ކުރައްވާށެވެ. ވީކީއްތޯ އެއްސެވުމުން އެކަމަނާ ޖަވާބުދެއްވިއެވެ. [ޙަފްޞާ އަޅުގަނޑާ ދިމާއަށް ތިޔައީ ޔަހޫދީއެއްގެ ދަރިއެކޭ ވިދާޅުވެ މަލާމާތް ކުރެއްވީއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޠް ކުރެއްވިއެވެ. [އޭ ޙަފްޞާއެވެ. الله އަށް ބިރުވެތިވާށެވެ.] އެއަށްފަހު ޞަފިއްޔަތުގެފާނަށް ހިއްވަރުދެއްވަމުން ޙަދީޘް ކުރެއްވިއެވެ. [ތިޔައީ ނަބިއްޔެއްގެ ދަރިކަނބަލެކެވެ. ބޮޑުބޭބޭފުޅަކީ ނަބިއްޔެކެވެ. ފިރިކަލުންނަކީ ނަބިއްޔެވެ. ވީމާ ޙަފްޞާއަށް ކަމަނާގެ މައްޗަށް އޮތީ ކޮންމޮޅެއް ހެއްޔެވެ.] ޞަފިއްޔަތުގެފާނަކީ ނަބީބޭކަލެއްކަމުގައިވާ ހާރޫނުގެފާނުގެ ދަރިކޮޅުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. މޫސާގެފާނަކީ ހާރޫނުގެފާނުގެ އަޚެކެވެ. ފިރިކަލުންނަކީ މުޙައްމަދު صلّى اللّـه عليه وسلّم އެވެ.
އެހެން ފަހަރަކު ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ޞަފިއްޔަތުގެފާނަށް ވިދާޅުވިއެވެ. [އަހަރެމެންނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ އިތުރަށް އެކަލޭގެފާނުގެ ބޮޑުބޭބެއިންގެ ދަރީންނީމުއެވެ.] މިކަމާ ދެރަފުޅުވެގެން ޞަފިއްޔަތުގެފާނު އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވުމުން ޙަދީޘް ކުރެއްވިއެވެ. ކަމަނާ މިހެން ވިދާޅުވުނީ ކީއްވެގެން ހެއްޔެވެ. އަޅުގަނޑަށްވުރެ ތިޔަ ބޭކަނބަލުންނަށް އޮތީ ކޮންމޮޅެއްތޯއެވެ. އަޅުގަނޑުގެ ފިރިކަލުންނަކީ މުޙައްމަދު صلّى اللّـه عليه وسلّم އެވެ. ބައްޕާފުޅަކީ ހާރޫނުގެފާނެވެ. ބޮޑުބޭފުޅަކީ މޫސާގެފާނެވެ.
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ދުނިޔޭގައި އިންނެވިއިރު އެކަމަނާވަނީ އެކަމަނާގެ ގެކޮޅު ބޮޑުބޭބޭފުޅު ޒައިދު ބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ދަރިކަނބަލުންނަށް ދެއްވައިފައެވެ. އެދަރިކަނބަލުން އަވަހާރަވުމަށްފަހު އެގެކޮޅު ލިބިވަޑައިގަތީ ޢަބްދުالله ބިން ޢުމަރު ރަޟިޔަﷲ ޢަންހުއަށެވެ.