ފުރަތަމަވެސް ހަނދުމަކޮށްލައިދޭނަމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ ކެތްތެރިވުމަށާއި ނަމާދުކުރުމުން ވާގިއެދުމަށެވެ. ވީމާ ނަމާދުނުކުރާ މީހަކު ކަންބޮޑުވެގެން ދެކޮޅަށް ދުވާނަމަ އެމީހަކު ކަންބޮޑުއެވަނީ އަމިއްލައަށެވެ. އެހެނީ އޭނާ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއް ނުވެއެވެ. އެހުންނަނީ އަމިއްލައަށް ﷲ ތަޢާލާއަށް ގޮންޖަހައިގެންނެވެ. ވަޙީބަސްފުޅު ފުޅަށް ބުޑަށް ޖަހައިގެންނެވެ.
މީހަކުގެ ގާތުގައި ޙާލު އަހައިފިނަމަ ފުރަތަމަވެސް ދައްކަން ފަށާނީ އެމީހަކަށް ޙާޞިލު ނުކުރެވިހުރި ކަންކަމުގެ ވާހަކަތަކެވެ. އެއީ އެކަން ހަމަ ވާނެވެސް ގޮތެވެ. ކޮންމެ މީހެއްގެ ސިކުނޑީގައިވެސް އަބަދުވެސް އެންމެ ބޮޑަށް ހަރުލާފައި ހުންނާނީ އެމީހަކަށް ޙާޞިލް ނުކުރެވިހުރި ކަންކަން ކަމުގައިވާތީއެވެ.
އޭނާގެ ކަންބޮޑުވުންތައް ހާމަކުރުމުން އޭނާ ބޭނުންވާ ކަންކަން ޙާޞިލުކުރަން އެންމެ ފުރަތަމަ ކުރަންވީ ކަންތައްކޮށްފިންތޯ ސުވާލުކުރުމުން ލިބެނީ އަޑުއަހަން އެހައި ފަސޭހަ ޖަވާބެއް ނޫނެވެ. އެކަން އޭނާގެ ސަމާލުކަމުގައި ހުރިކަމަކަށްވެސް ނުވެއެވެ. ވީމާ އެކަމުގެ ވާހަކަ ދައްކައިލަމާހެއްޔެވެ؟
ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވުމަކީ ދުނިޔޭގެ އާދައެވެ. އެއްވެސް މައްސަލައެއް ކުރިމަތިނުވާނީ ސުވަރުގޭގައި އެކަންޏެވެ. ވީމާ މިދުނިޔޭގައި ކިތަންމެ ބައިވަރު މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ.
ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދައިގައި އޮވެ ﷲ ތަޢާލާއަށް ދަންނަވާށެވެ! މައްސަލަތައް ޙައްލުކޮށްދެއްވެވުން އެދި ދުޢާ ކުރާށެވެ! ސަޖިދައަކީ މީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ! ވީމާ ކަންކަމުގައި އެދި ދަންނަވަން އެންމެ ރަނގަޅު މަޤާމަކީ ސަޖިދައެވެ. ސަޖިދައިގައި އޮވެ ދަންނަވަމުން ގެންދިއުމުން ޙައްލު ނުވާނެ އެއްވެސް މައްސަލައެއް ނުވެއެވެ.
ދަމު ނަމާދުގެ ސަޖިދައަށް ސަމާލުކަން އިތުރުކުރާށެވެ! އެހެނީ ﷲ ތައާލާ މީސްތަކުންނާއި އެންމެ ބޮޑަށް ކުއްތަންވެވޮޑިގަންނަވާ ވަގުތަކީ ދަމުނަމާދުގެ ޚާއްޞަ ވަގުތެވެ. އެއީ ރޭގަނޑުގެ 3 ބައިން ފަހު ބައެވެ. މީހާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަގުތަކީ އެއީއެވެ.
ދަމުނަމާދު ކުރާ މީހާއަށް އެކަންކަން ވަރަށް ބޮޑަށް އިޙްޞާޞް ކުރެވޭނެއެވެ. އެމީހާއަށް އެކަމުން ލިބޭ އިޙްޞާޞް އެނގޭނީ ހަމަ ދަމުނަމާދުކުރާ މީހަކަށެވެ. ދަމު ނަމާދުގެ ރުކޫ އާއި ސުޖޫދު ދިގުކުރަން ޖެހޭނެއެވެ. އެއީވެސް ވީހައި ގިނަ ކަންކަމުގައި ﷲ ތަޢާލާއަށް ދަންނަވަން ލިބޭ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! ސަޖިދައިގެ ބޭނުން ހިފާ މީހަކަށް ނަފްސާނީ ބަލީގެ ބޭސް ކާން ޖެހުމަކީ ވަރަށް މަދުން ނޫނީ މެދުވެރިވާ ކަމެއް ނޫނެވެ! ވީމާ ސަޖިދައިގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙައްލަކީ ހަމަ ސަޖިދަކަން ޔަޤީންކޮށް ސަޖިދަކުރުން އިތުރުކުރާށެވެ!
ސަޖިދަކުރުން ގިނަކުރާށެވެ! ބުނުމުން ބައެއް މީހުން ސުވާލުކުރެއެވެ. ކޮންމެ ރަކްޢަތެއްގައި އޮންނަނީ 2 ސަޖިދަ ނޫންހެއްޔެވެ؟ އާނއެކެވެ! ކޮންމެ ރަކްޢަތެއްގައި އޮންނާނީ 2 ސަޖިދައެވެ. ނަމަވެސް ރަކްޢަތް އެމީހަކު ބޭނުންވަރަކަށް ގިނަކުރެވިދާނެއެވެ! ސުންނަތް ނަމާދުތައް ކުރުން ގިނަކުރިވަރަކަށް އޮންނާނީ ކުރެވޭ ސަޖިދަތައް ގިނަވެފައެވެ. އޮތީ އެމީހަކަށް ކެރުނުވަރެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން