ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފިކަމަށް ވިސްނިއްޖެނަމަ އެއީ ބޮޑު ނުރައްކަލެއް! ސިކުނޑީގަ ވެރިކަން އެކުރަނީ ޝައިޠޯނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފިކަމަށް ވިސްނިއްޖެނަމަ އެއީ ބޮޑު ނުރައްކަލެއް! ސިކުނޑީގަ ވެރިކަން އެކުރަނީ ޝައިޠޯނާ!

ފުރަތަމަ ކަމަކީ މާޔޫސްކަމުގައި ނުވަތަ ދަތިޙާލެއްގައި އުޅެންޖެހުން ﷲ ތަޢާލާ ތިމާއާއިމެދު ރުހިވޮޑިނުގަންނަވާކަމަށާއި ތިމާ ދޫކޮށްލައްވަވައިފިކަމަށް ޤަބޫލުކުރެވޭ ބައަކު އުޅެއެވެ. އެމީހުން އެތިބީ ވަރަށް ބޮޑު ނުރައްކަލެއްގަ އެވެ. އެމީހުންގެ ސިކުނޑިއަށް ޝައިޠޯނާ އެވަނީ ވެރިވެގެންފައެވެ. އެހެނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ އެއްވެސް އަޅަކު ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެކަން އެއީ ދުވާލުގެ އިރު ފަދައިން ޔަޤީންކުރަންޖެހޭނެ ކަމެކެވެ.

ކަން އޮތީ މިގޮތަށް ނަމަވެސް ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށްފަހު އެކަމެއް ހިންމަވައި ދެއްވެވުން ކިރިޔާވެސް ލަސްވެލައިފިނަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްވެވޭ ބައަކު އުޅެއެވެ. އެމީހުންނަށް ހީވަނީ ﷲ ތަޢާލާ ތިމާ އާއިމެދު ރުހިވޮޑިނުގަންނަވަނީ ކަމަށެވެ. ތިމަންނާ ދޫކޮށްލެއްވެވީ ކަމަށެވެ.

މިއާޔަތަށް ވިސްނައިލާށެވެ!

"ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ." (އައްޟުޙާ: 3)

މިއާޔަތުގައި މިބަސްފުޅު ނިޞްބަތްކުރައްވަވާފައި އެވަނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. ނަމަވެސް އަހުރެމެން ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންވީ ﷲ ތަޢާލާ ތިމާ ދޫކޮށް ނުލައްވަވާނެކަމެވެ. އެކަމުގެ ވަޤުތު ޖެހުމުން އެކަމެއް މިންވަރުކޮށްދެއްވަވާނެ ކަމެވެ. ހިންމަވައި ދެއްވަވާނެ ކަމެވެ.

މިއާޔަތުގެ ކުރިއަށް 2 އާޔަތަށް ބަލާށެވެ!

"ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ."

"ދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ."

(އައްޟުޙާ: 1،2)

މިދެއާޔަތުން 3 ވަނަ ޢާޔަތަށް ލިބިގެންދާ ބާރާއިމެދު ވިސްނައިލާށެވެ! މި 2 ޢާޔަތުގައި "ގަންދެއްވަމެވެ." އޮތް ބަސްފުޅު ވަޙީ ނުކުރެއްވެވި ނަމަވެސް އަދި އެބަސްފުޅު ވަޙީ ނުކުރެއްވެވި ނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. ފުރިހަމައަށް ޔަޤީންކުރާނެއެވެ. އެހެންކަމާއިއެކުވެސް 3 ވަނަ ޢާޔަތަށް އެހައި ބޮޑަށް ބާރު ދެއްވަވާފައިއެވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އަހުރެމެންނަށް އޮތީ ކިޔަމަންތެރިކަން އަދާކުރުމެވެ. ކިޔަމަންތެރިކަން އަދާކުރާ އަޅަކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. އެކަން މި މިންވަރުންވެސް ޔަޤީންކުރެވޭނެއެވެ. ވީމާ އެދޭ ކަމެއް ލަސްވެލުމަކުން އެއީ ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވީކަމަށް ވިސްނަންވެސް ހެޔޮނުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން