ފާފަނުކޮށްހުންނަން އަދި ދުނިޔޭގަ ކުރިއަރައިދާން އަބަދުވެސް ހަނދާނުގަ ބަހައްޓަންޖެހޭނެ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފާފަނުކޮށްހުންނަން އަދި ދުނިޔޭގަ ކުރިއަރައިދާން އަބަދުވެސް ހަނދާނުގަ ބަހައްޓަންޖެހޭނެ ކަންތައް-

ކޮންމެ މީހަކު ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައި ހުރިނަމަވެސް ކޮންމެ ކަމެއް ކުރިނަމަވެސް ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަން ހަނދާންކުރަންޖެހޭނެއެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ފަތިހު ހޭލުމާއި ފަތިސްނަމާދުކުރުމެވެ.  

ނިދީން ހޭލެވުމާއިއެކު ފުރަތަމަވެސް ހިތްމައްޗަށް ގެންނަން ޖެހޭނީ ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަމެވެ. އަވަސްވެގަންނަން ޖެހޭނީ ފަތިސްނަމާދުކުރަން ކަމެވެ. ދުނިޔަވީ އެއްވެސް ކަމެއް ކުރަންވާނީ ފަތިސްނަމާދުކުރުމަށްފަހުގައެވެ.  

ހަމައެއާއިއެކު ކައްކަން ބަދިގޭގައި ހުންނައިރުވެސް، ގޭގެ މަސައްކަތްކުރާއިރުވެސް، ވަޒީފާޢަދާކުރަން އޮފީހަށް ދިއަނަމަވެސް، އަދި ގެއިން ބޭރުގައި އުޅޭ ވަޤުތުގައިވެސް، ޖުމުލަ ގޮތެއްގައި ހުރިހާ ވަޤުތެއްގައިވެސް ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަން ހިތުގައި ބާއްވަން ވާނެއެވެ.  

ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަން ހިތުގައި އަބަދުވެސް ބޭއްވޭނަމަ ކަންކަން ކުރެވޭނީވެސް ފަރުވާތެރިކަމާއިއެކުގައެވެ. ސަބަބަކީ ދީނުގައި އޮތީ ކުރާ ކޮންމެ ކަމެއްވެސް ވީހައި ރަނގަޅަކަށް ކުރުމަށެވެ. ހަމައެއާއިއެކު ފާފަކުރަން ބިރުވެތިވެވޭނެއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ހަމަ އެއްވެސް ކަމެއް ކުރެވޭނަމަ ބިރުން ތުރުތުރުއަޅާނެއެވެ.  

ކޮންމެ ދެމަފިރިއަކުވެސް ދަންނާށެވެ! ބޮޑުވެ ކައިވެނިކުރެވިފައި ތިއަތިބީ ﷲ ތަޢާލާގެ ރަހްމަތުންނެވެ. ދެމީހުން ގުޅި އެކުގައި ދިރިއުޅެވެނީ ﷲ ތަޢާލާގެ ރަހްމަތުންނެވެ. ވީމާ ތިމާމެންނަކީ ﷲ ތަޢާލާގެ އަޅުންކަން ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވެސް ދުރުކޮށްލައިގެން ނުވާނެއެވެ.  

އެކަން އެގޮތަށް ކުރެވޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަޖެހުން ވަރަށް ބޮޑުތަނުން މަދުވާނެއެވެ. ސަބަބަކީ ގިނަ ފަހަރަށް މައްސަލަ ޖެހިފައި އޮންނާނީ ދެމަފިރިންގެ ތެރެއިން އެކަކަށް ކުރެވޭ ކުށަކުންނެވެ. ތިމަންމެންނީ ﷲ ތަޢާލާގެ އަޅުންކަން އަބަދުވެސް ހިތުގައި ބާއްވައިގެން، އެކަން ހަނދާންކޮށްގެން އުޅޭނަމަ ކުށެއް ކުރަން ބިރުވެތިވެވޭނެއެވެ.

ވީމާ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައި މިވަނީ އަބަދުވެސް ތިމާއަކީ ﷲ ތަޢާލާގެ އަޅެއްކަން ހަނދާންކޮށްގެން ހުރުމާއިއެވެ. ދުޢާއަކީ ﷲ ތަޢާލާ އެކަމަށް އަހުރެމެން އެންމެންނަށްވެސް ތައުފީޤް ދެއްވެވުމެވެ. ޢާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން