އިންސްޓަގްރާމުން ލޯބިވެވުނު ލޯބިވެރިޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިން އަންހެންކުއްޖަކު އިނދަޖެހި ގޮތް ހުސްވެފައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިންސްޓަގްރާމުން ލޯބިވެވުނު ލޯބިވެރިޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިން އަންހެންކުއްޖަކު އިނދަޖެހި ގޮތް ހުސްވެފައި!

އަޅުގަނޑު އިންސްޓަގްރާމަށްލީ ފޮޓޯއަކަށް އޭނާ ކޮމެންޓްކުރީއެވެ. އެކޮމެންޓްގެތެރެއިން ވާހަކަދައްކަންފެށުނީއެވެ. ވާހަކަ ދެކެވެމުން އައިސް ލޯތްބަށް ބަދަލުވީއެވެ. ދުވަސްކޮޅަކުން އޭނާ އެދުނީ 15،000 ރުފިޔާގެ ލޯނަކަށެވެ. ދިރިއުޅެމުން އައިތަނަށްވުރެ ރަނގަޅު ތަނެއް ލިބިގެން ކުލީގެ އެޑްވާންސް ދެއްކުމަށެވެ.  

ބުނީ އުޅެނީ 1 ކޮޓަރިއެއްގައި ކަމަށާއި ބަދަލުވާން މިއުޅެނީ ސިޓިންގރޫމާ ކައްކައި ކެވެންވެސް ހުރި ކައިވެނިކޮށްގެން ދެމީހުންނަށް އުޅެވޭނެ ވަރުގެ ތަނަކަށް ކަމަށެވެ. އެޑްވާންސަށް ދައްކަން ޖެހެނީ 30،000 ރުފިޔާ ކަމަށާއި އޭނާގެ އަތުގައި ހުރީ 15،0000 ރުފިޔާ ކަމަށެވެ. އެހެންކަމުން 15،000 ރުފިޔާ ދީފިނަމަ މަހަކު 5000 ރުފިޔާދީ 3 މަސްދުވަހުން ދަރަނި އަދާކުރާނެ ކަމަށެވެ.  

ލޯބިވެވިފައިހުރުމުންނާއި އިތުބާރުވެސް ކުރެވޭތީ އެކުވެރިއަކު އަތުން ދަރަންޏަށް ފައިސާ ހޯދާފައި އެކައުންޓަށް ޖަމާކޮށްދިނީއެވެ. މަސްދުވަސްވެ ފައިސާ ޖަމާކޮށްދޭން ބުނި އައުމުގެ 2 ދުވަސްކުރިން ގުޅުން ކެނޑިއްޖެއެވެ. އަޅުގަނޑުގެ ނަންބަރުވެސް ބްލޮކްކޮށްފިއެވެ.  

މިހާރު 3 މަސް ފާއިތުވެގެން ދިއައީއެވެ. ލޯނުދިން އެކުވެރިޔާ ފައިސާއަށް އެދެނީއެވެ. ދަރަނި ބޮލުގައި އަޅަން މިޖެހުނީ އަޅުގަނޑަށެވެ. އޭނާ ހޯދޭނެ ގޮތެއްވެސް ނެތެވެ. މިހާރު އެއެކައުންޓްވެސް ޑިލީޓްކޮށްފިއެވެ. އޭނާގެ ފޮޓޯކަމަށްބުނެ ފޮނުވި ފޮޓޯއަކީވެސް އޭނާގެ ފޮޓޯއެއްވެސް ނޫނެވެ.  

އަޅުގަނޑުގެ ހޭލުންތެރިކަން ކުޑަކަމާ ގަމާރުކަން ޤަބޫލުކުރަމެވެ. މިދެރަ މިލިބުނީ އެހެންވެގެންކަންވެސް ޤަބޫލުކުރަމެވެ. މިވާހަކަކޮޅު މިއަދުނޫހަށް ޙިއްޞާ މިކުރަނީ އެންމެ ބޭނުމަކުއެވެ. އަޅުގަނޑުގެ އިތުރުންވެސް ހޭލުންތެރިކަން ކުޑަ އަންހެންކުދިން ތިބޭނެތީ އެކުދިންނަށް ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން