ފާފަކުރެވޭ މީހުންނަށް އޮތް ރަނުގެ ފުރުޞަތާ އެންމެ އުފާވެރި ޚަބަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފާފަކުރެވޭ މީހުންނަށް އޮތް ރަނުގެ ފުރުޞަތާ އެންމެ އުފާވެރި ޚަބަރު!

ބައްދަލުވުން ދިގުލައި ދިއުމުން އެންމެންވެސް ތިބޭނީ މިހާރު ވަރުބަލިވެފައެވެ. އެކަމަކުވެސް ނިންމައިލުމުގެ ކުރިން މިބުނަނީ އެންމެންނަށްވެސް އޮތް އެންމެ އުފާވެރި ޚަބަރެވެ. އެންމެން ކަމަށް މިބުނަނީ ޚުދު އަހުރެންވެސް ހިމެނޭހެން އެންމެންނަކީވެސް ފާފަކުރެވޭނެ މީހުން ކަމަށްވާތީއެވެ. އެކި މީހުންނަށް އެކިވަރަށެވެ. 

ވަޤުތު ސަލާމަތްކުރުމުގެ ބޮތުން ވަރަށް ކުރުކުރުކޮށް ބުނެލާނަމެވެ. ތިބާގެ ޢުމުރުގެ މިހައިތަނަށް ކުރެވިފައިވާ އެއްވެސް ފާފައެއް ތިބާގެ ފަތުން ނުފެންނާނެ ގޮތް ހެދެން އެބައޮތެވެ. ފަތުން އެފާފަތައް ފުއްސަވައިދެއްވެވުމުގެ އިތުރުން މަލާއިކަތުންނަށްވެސް އެކަންކަން ވަންހަނާކޮށް ދެއްވަވަތެވެ. 

ސުވާލަކީ މިރަނުގެ ފުރުޞަތު ހޯދަން ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބަކީ ތައުބާވުމެވެ. ދެން ކުރާނެ ސުވާލަށްވެސް ޖަވާބުދޭނަމެވެ. އެސުވާލަކީ އެކަމުގެ ދަލީލަކީ ކޮބައިހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ތައުބާވުމުން އެމީހަކީ ފާފައެއް ނުކުރާ މީހަކު ފަދައިން ލައްވަވައިދެއްވަވާނެކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގެން އޮތުމެވެ. 

ދެން އޮތީ އެންމެ އުފާވެރި ޚަބަރެވެ. އެއީ ތައުބާވެ ހެޔޮ ޢަމަލުތައްކުރުންމަތީގައި ދެމިހުރެއްޖެނަމަ ކުރެވިފައިވާ ހުރިހާ ފާފަތަކަކީވެސް ކުރެވިފައިވާ ހެޔޮ ޢަމަލުތަކަކަށް ބަދަލުކޮށް ދެއްވަވާ ކަމެވެ. އެއިރުން މީޒާނުގައި ޢަމަލުތައް ކިރައިލެވޭހިނދު ކުރެވިފައިވާ ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބަރުވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަ ނުކޮށް ހުންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އާދޭސްކޮށްފައި ބުނަމެވެ. ތައުބާވުން އަވަސްކުރާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން