މަރުވާ ބައެއް މީހުންގެ ކިބައިން ފެންނަ ކަންކަން ހާދަ ބިރުވެރިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
މަރުވާ ބައެއް މީހުންގެ ކިބައިން ފެންނަ ކަންކަން ހާދަ ބިރުވެރިއެވެ!

މަރުވާ ކޮންމެ މީހެއްގެ ކިބައިން އާދައާއި ޚިލާފް އެއްވެސް ކަމެއް ނުފެނިދާނެއެވެ. އަދި ގިނަމީހުންގެ ކިބައިން އެފަދަ ކަމެއް ނުފެނެއެވެ. އެއިގެ މާނައަކީ ކަންކަން ކުރިމަތިނުވުމެއް ނޫނެވެ. ރަނގަޅު ކަންކަމާއި ބިރުވެރި ކަންކަންވެސް ކުރިމަތިކުރައްވަވާނެއެވެ. ދައްކަވާނީ މީސްތަކުންނަށްޓަކައި ޢިބްރަތަކަށް ބައެއް ކަންކަމެވެ. ވަރަށް މަދު ކަންކަމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް އެވަރުންވެސް ފުދޭނެއެވެ.  

މީހުން މަރުވުމުން ހިނަވަން އުޅޭއިރުގައާއި ވަޅުލަން އުޅޭއިރު ތަފާތު ކަންތައްތަކެއް ފެނިގެންދެއެވެ. ބައެއް މީހުންގެ ކިބައިން ބިރުގަންނަންޖެހޭ ކަންކަން ފެންނައިރު އަނެއް ބައެއްގެ ކިބައިން ފެންނަނީ އުފާކުރަންޖެހޭ ކަންތައްތަކެކެވެ.  

މިޘާލަކަށް ބައެއް މައްޔިތުން ހިނަވަން ހުރަސް އެޅެއެވެ. ވަޅުލަން ހުރަސްއެޅެއެވެ. އަދި ކީއްހެއްޔެވެ؟ ބައެއް މައްޔިތުން ހިނަވައި ކަފުންކޮށް ސަންދޯކުއަޅައިގެން އެމްބިޔުލާންސްގައި ޤަބުރުސްތާނަށް ގެންދަނިކޮށް ސަންދޯކުގައި އަލިފާން ރޯވުން ފަދަ ކަންކަންވެސް ހިނގާފައިއ އެބަހުއްޓެވެ.  

އަނެއްބައި މައްޔިތުންގެ ކިބައިން ހިނަވާއިރުވެސް ހިނަވައި ކަފުން ކުރުމުން ހިނިތުންވުން ފެނެއެވެ. އަދި ބައެއް މައްޔިތުންގެ ކަނައަތްތުގެ ޝަހާދަތް އިނގިލި ދިއްކުރެވި ދެންހުރި އިނގިލިތައް މަޅައިލެވި ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިދޭން އުޅޭފަދަ ގޮތަކަށްވެސް ފެނެއެވެ.  

ޝައިޚް ޢައްބާސަށް ފެނިވަޑައިގެންނެވި މިފަދަ މީހެއްގެ ވާހަކަ ވަނީ ވިދާޅުވެދެއްވައިފައެވެ. އަދި އޭނާގެ އިނގިލިތައް ހުޅުވަން މަސައްކަތްކުރެއްވުމުން އެކަން ނުކުރެއްވުނު ކަމަށާއި ވަޅުލާންޖެހުނީ އެގޮތަށް ބާއްވައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޝައިޚް ވިދާޅުވީ އެފަދަ ޙާލަތުގައި ގަދަކަމުން އިނގިލިތައް ހުޅުވައި ޙަރަމްބަނުވަން މަސައްކަތްކުރުމެއް ނެތްކަމަށެވެ.  

ހަމައެފަދައިން ބައެއް މައްޔިތުން ހިނަވައި ކަފުންކުރަންއުޅޭއިރުގައާއި ކަށުނަމާދަށް މިސްކިތަށް ގެންދިއުމުން ޢާދައާއި ޚިލާފަށް މީރުވަންދުވާ ހުވަނދުގެ ވަސް މީސްތަކުންނަށް އިޙްޞާޞްކުރެވިފައިވާކަން ޝައިޚް ޢައްބާސް ވަނީ ފާހަގަކުރައްވައިފައެވެ.  

މިފަދަ ކިތަންމެ ވާހަކަތަކެއް ކިޔައިދެވިދާނެއެވެ. ނަމަވެސް މިވަޤުތު މިއުޅެނީ އެހެން ވާހަކައެއް ބުނެލަން ބޭނުންވެގެންނެވެ. އެއްވެސް މައްޔިތެއްގެ ކިބައިން އޭނާއަކީ ރަނގަޅު މީހެއް ކަމުގެ ޢަލާމާތްތައް ފެނިއްޖެނަމަ އޮތީ އޭނާގެ ފުރާނައަށް ރަޙްމަތްލެއްވެވުން އެދިގެން ދުޢާކުރުމެވެ. އަދި ނުބައި މީހެއްކަމުގެ ޢަލާމާތްތައް ފެނުނު ނަމަވެސް އެއްވެސް މީހަކީ ނުބައި މީހެއް ކަމަށް ނިންމައިގެން ނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ހަމައެއާއިއެކު ބުނެލަން ބޭނުންވަނީ މައްޔިތުންގެ ކިބައިން ފެންނަ މިފަދަ ކަންކަމުގެ ވާހަކަ މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ދެއްކުން ހުއްދައެވެ. ނަމަވެސް މީހާގެ ނަންކިޔައި އެއީ ކާކުކަން އެނގޭނެ ގޮތަށް ދެއްކުން ހުއްދައެއް ނޫނެވެ. އެއިރުންވާނީ އޭނާ ފަޟީޙަތްކުރުން ކަމުގައެވެ.  

 

- މަޢްލޫމާތު: ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން