ކަމެއް ވަކިގޮތަކަށް ކުރަން ހެޔޮލަފާ މަންމަ ނުވަތަ ބައްޕަ ބުނެފިނަމަ ދެކޮޅު ނުހަދާ ޢިޖާބަދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކަމެއް ވަކިގޮތަކަށް ކުރަން ހެޔޮލަފާ މަންމަ ނުވަތަ ބައްޕަ ބުނެފިނަމަ ދެކޮޅު ނުހަދާ ޢިޖާބަދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

ފުރަތަމަ ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ. އެއީ ދަރިން ބޮޑެތި ވުމަށްފަހުގައިވެސް ކުރަން އުޅޭ ބައެއް ކަންކަމަށް މައިންބަފައިން ހުރަސްއަޅައެވެ. ގެއިން ބޭރަށްދާންވެސް ހުރަސް އަޅައެވެ. ބައެއް އެކުވެރިންނާއިއެކު ނުއުޅެންވެސް ބުނެއެވެ. 

އެއީ މައިންބަފައިން ދަރިންނަށް އިތުބާރުނުކުރާތީއެއް ނޫނެވެ. އަދި ދަރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމަށް ނުއެދޭތީއެއްވެސް ނޫނެވެ. އެއީ އެކަމެއް ކުރުމުން ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް މައިންބަފައިންނަށް ވިސްނޭތީއެވެ. ދަރިންނަށް ނުވިސްނޭ ކަންކަން މައިންބަފައިންނަށް ވިސްނޭތީއެވެ. އެކަމެއް ކުރުމުން ދަރިފުޅަށް ދެރައެއް ލިބިދާނެ ނުވަތަ ދެރަގޮތެއް މެދުވެރިވެދާނެ އެއްވެސް ކަމެއް ކުރަން މައިން ބަފައިން ނުއެދޭތީއެވެ. 

ވީމާ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މައިންބަފައިން ކަމެއް މަނާކޮށްފިނަމަ ދަރިންނަށް އޮތީ ސުވާލުތައް ގިނަކޮށް ޖަދަލުކުރުމެއް ނޫނެވެ. އަޑުއަހައި ކިޔަމަންތެރިވުމެވެ. އެކަން އެގޮތަށް ކުރެވޭނީ މައިންބަފައިންނަށް އިތުބާރުކޮށްގެންނެވެ. 

ދެން ވިސްނާލަންވީ ﷲ ތަޢާލާ އަހުރެމެންނަށް ވަކި ކަންތައްތަކެއް ނުކުރަން ނުވަތަ ޙަރާމް ކުރައްވަވާފައި އޮތް އޮތުމަށެވެ. އެކަމުގެ ސަބަބުތަކަކީވެސް ހަމަ ކުރިން މި ބަޔާންކުރިފަދައިން އޮތް ކަމެކެވެ. އަހުރެމެންނަށް ފައިދާކުރާނެ ކަންތައްތަކާއި ގެއްލުންލިބޭނެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާ ކަމެއް ޙަރާމްކުރެއްވެވުމުން އެކަމުގެ ސަބަބާއިމެދު ސުވާލު ނުއުފައްދާށެވެ. އެއީ އުފެއްދިގެންވާނެ ސުވާލެއް ނޫނެވެ. 

ޔަޤީންކުރަންޖެހޭނެ ކަމަކީ މައިންބަފައިންނަށް ކުރެވިފައިވާ ތަޖުރިބާތައް ގިނަވާނެކަމެވެ. ތަޖުރިބާގެ ސަބަބުން ފައިދާކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ދެނެގަންނަންވެސް މޮޅުވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން