އެނގިތިބެ ދަރިންނާ އެކުވެރިންގެ ގައިގަ ހުޅުޖަހާ ބައަކަށްނުވަމާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެނގިތިބެ ދަރިންނާ އެކުވެރިންގެ ގައިގަ ހުޅުޖަހާ ބައަކަށްނުވަމާ ހެއްޔެވެ؟

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މީހަކު މަސްތުވާތަކެތި ބޭނުންކުރަން ފަށައިފިއެވެ. އެހީއަށް އެދުމުން ފައިސާ ނުދިނީމާ ބުނަނީ އޭނާ ދެރަވީމާ ނިކަމެތިކޮށްލަނީ ކަމަށެވެ. އޭނާގެ އަތުގައި ހުރިއިރު އެހީވިކަންވެސް ހަނދާންކޮށްދެއެވެ. އަޅުގަނޑުގެ ސުވާލަކީ އެއެކުވެރިޔާއަށް އެހީނުވުމަކީ ކުށަކަށްވާނެތޯއެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އޭނާ މިހާރު އެބުނާ ބަސްތަކަށް ކަންބޮޑުނުވާށެވެ! މިހާރު އޭނާއަށް ފައިސާ ނުދޭށެވެ. އެޙާލަތުން އޭނާ ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އޭނާއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެއީއެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން މަސްތުވާ ތަކެތީގެ އަޅަކަށްވާ މީހުންގެ ޢަދަދުވެސް މިދަނީ ހަމައެބާރުމިނުގައި އިތުރުވަމުންނެވެ. 

މަސްތުވާތަކެތި ބޭނުންކުރަން ފަށަނީ އެކަމުން އުފާލިބޭކަމަށް ބަލައިގެންނެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މަސްތުވާތަކެތި ބޭނުންކުރަން އާދަވެ މަސްތުވާތަކެތީގެ އަޅަކަށްވެފައިވާ މީހުންނާއި ނިކަން ސުވާލުކޮށްބަލާށެވެ! މަސްތުވާ ތަކެތި ބޭނުންކުރަން ފެށުނީތީ އުފާކުރަނީތޯ ނުވަތަ ހިތާމަކުރަނީތޯ އެވެ؟ 

މިދެސުވާލު އަހުރެން ވަރަށް ގިނަ މީހުންނާ ކޮށްފީމެވެ. ހަމަ ކޮންމެ މީހަކުވެސް ބުނަނީ ކުރަނީ ހިތާމަ ކަމަށެވެ. އުފާކުރާ ކަމަކަށް ހަމައެކަކުވެސް ނުބުނެއެވެ. ކޮންމެ މީހަކުވެސް ބުނަނީ މިހާރު ބޭނުންކުރަނީ ބޭނުން ނުކޮށްފިނަމަ ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން ކެތްނުކުރެވޭތީކަމަށެވެ. އަދި ބޭނުންވަނީ ބޭނުންކުރުން ހުއްޓާލައި އެކަމުން ސަލާމަތްވާން ކަމަށެވެ. 

އެމީހުންގެ މުޅި ދިރިއުޅުން ބަރުބާދުވެފައިވާކަން އެމީހުން ޤަބޫލުކުރެއެވެ. ޙަޤީޤީ އެއްވެސް އުފާވެރިކަމެއް ނުލިބޭކަންވެސް އެމީހުން ޤަބޫލުކުރެއެވެ. 

މަސްތުވާތަކެތި ބޭނުންކުރަން މިހާރު ވަކިޢުމުރެއްވެސް ނެތެވެ. ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންވެސް ބޭނުންކުރެއެވެ. އެމީހުންނަށް ގެއްލިގެންދާ ނަމާދުތަކަށްއެކަނި ބެލިނަމަވެސް މިއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ ނަމާދު ނުކޮށް ސުވަރުގެ ވަންނާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މަސްތުވާތަކެތި ބޭނުންކުރަން ފެށުމަކީ އެނގިއެނގިހުރެ އަލިފާން ގަނޑަކަށް އަމިއްލައަށް ވެއްޓިގަތުން ފަދަ ކަމެކެވެ. އަހުރެމެން މަސައްކަތްކުރަންވީ މިއަލިފާންގަނޑުން ހަމަ އެންމެ މީހަކު ނަމަވެސް ސަލާމަތްކުރެވޭތޯއެވެ. މާޔޫސްކޮށްނުލައި އެމީހުންނަށް ހިތްވަރުދޭށެވެ. އެހީތެރިވެދޭށެވެ. އެމީހުންގެ އަތުގައި ހިފައި ގަދަކަމުން ނަމަވެސް އެއަލިފާންގަނޑުން ނެގޭތޯ މަސައްކަތްކުރާށެވެ! އެމަސައްކަތްކުރި މީހަކަށް ﷲ ތަޢާލާ ގިނަގުނަ ހެޔޮކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން