ނަމާދަށް ހުއްޓާ ދަރިން ރޯނަމަ ޢަމަލުކުރަންވީ ގޮތާ ސަމާލުކަންދޭންވީ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަމާދަށް ހުއްޓާ ދަރިން ރޯނަމަ ޢަމަލުކުރަންވީ ގޮތާ ސަމާލުކަންދޭންވީ ކަންތައް!

އެކަނި ދިރިއުޅޭ މައިން ނުވަތަ އެވަޤުތު ގޭގައި އިތުރު މީހަކު ނެތް ވަޤުތެއްގައި ނަމާދުކުރަން ޖެހިގެން ނަމާދަށް ހުއްޓައި ކުޑަދަރިފުޅު ރޯން ފަށައިފިނަމަ ބައެއް މައިން ކަންބޮޑުވެ ދަރިފުޅުދެކެ ރުޅި އައުދެވޭގޮތްވެއެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރުޅިއަންނަން ޖެހެންވީ ކަމެއް ނޫނެވެ. 

މިޘާލަކަށް ކުދިން ރޯނީ ކޮންމެވެސް ކަމެއް މެދުވެރިވުމުންނެވެ. ހަމަ ހުރެފައެއް ނުރޯނެއެވެ. ނަމާދަށް ހުއްޓައި ކުޑަދަރިފުޅު ރޯންފަށައިފިނަމަ، ދަރިފުޅު ހުރީ ނުވަތަ އޮތީ އަތްފޯރާފަށުގައިކަމަށްވާނަމަ އުރާލައިގެން ނަމަވެސް ހުއްޓުވޭތޯ ބަލާށެވެ. ދުރުގައިކަމަށްވާނަމަ ނަމާދު ދޫކޮށްލާފައި ގޮސް ދަރިފުޅު ހުއްޓުވަން މަސައްކަތްކުރާށެވެ. 

ބައެއް މައިން ދަރިފުޅު ނިންދަވާފައި ނަމާދަށް ހުއްޓައި ދަރިފުޅަށް ހޭލެވިގެން ރޯންފަށައެވެ. އެފަދަ އެއްވެސް ޙާލަތެއް މެދުވެރިވިނަމަވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. ތިބާހުރީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ނަމާދުކުރާށެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެޙާލަތު އެގޮތަށް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އެއީ ތިބާ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެހެނަސް ފުރުޞަތު ލިބުނުހައި އަވަހަކަށް ނަމާދުކުރަން ޖެހޭނެއެވެ. ނަމާދުނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ.  

އެކަމަކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް މައިން ކަންބޮޑުވަނީ ނަމާދު ނުކުރެވި އުޅެނިކޮށް ނަމާދުގެ ވަޤުތު ފާއިތުވެގެން ހިނގައިދާނެތީއެވެ. އެކަމުން ސަލާމަތްވެވޭނެ ގޮތަކީ ވަޤުތުޖެހުމުން ނަމާދުކުރުން އަވަސްކުރުމެވެ. އެންމެ ފަހުވަޤުތުކުރަން ނުވަތަ ދެނަމާދު އެކުގައި ކުރަން މަޑުނުކުރުމެވެ. ވަޤުތުގެ ކުރީކޮޅުގައި ނަމާދުކުރަން މަސައްކަތްކުރާނަމަ މިބަޔާންކުރި ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ވަޤުތުފާއިތުވެދާނެތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޑރ. ޝައިޚާ ޔޫނިސްގެ ދަރުސަކުން

 

މިއަދު އޮންލައިން