އެބޭކަލަކު އަވަހާރަވުމުން "ރަޙްމާނުވަންތަ ރަސްކަލާނގެ އަރުޝުފުޅު ތުރުތުރު އަޅައިގެންދިއަ" ޞަޙާބީގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 5މ 10ސ
އެބޭކަލަކު އަވަހާރަވުމުން "ރަޙްމާނުވަންތަ ރަސްކަލާނގެ އަރުޝުފުޅު ތުރުތުރު އަޅައިގެންދިއަ" ޞަޙާބީގެ ވާހަކަ-

ޢަލީ އިޙްސާން ފިރާޤު

 

ޞަޙީޙު ބުޚާރީގައި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ސަޢުދުގެފާނު އަވަހާރަވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. [ اهْتَزَّ عَرْشُ الرَّحْمَنِ لِمَوْتِ سَعْدِ بْنِ مُعَاذٍ 

މާނައީ: "ސަޢުދު ބުނު މުޢާޛު އަހަވާރަވުމުގެ ސަބަބުން ރަޙްމާނުވަންތަ ރަސްކަލާނގެ އަރުޝުފުޅު ތުރުތުރު އަޅައިގެން ދިޔައެވެ." 

ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ ޢަންހުއަކީ، އިސްލާމްދީނުގެ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ނުހަނު އަރިސް ޞަޙާބީބޭކަލެކެވެ. މާތްކަމާއި މަތިވެރިކަމުގެ ރޮނގުން އެހެން ޞަޙާބީންގެ މައްޗަށް ވަރަށް ޚާއްޞަ އިމްތިޔާޒުތަކެއް ހޯއްދަވައިފައިވާ ބޭކަލެކެވެ.  

ސަޢުދުގެފާނަކީ މަދީނާގެ އައުސުވަންހައިގެ ރައީސެވެ. އެކަލޭގެފާނުވަނީ އިސްލާމްދީން ކުރިއަރުވާ ފެތުރުއްވުމަށްޓަކައި، ނުހަނު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. މަދަނީ ދައުރުގެ ކުރީކޮޅުގައި ކުރެވުނު ބޮޑެތި ބޮޑެތި ހަނގުރާމަތަކުގައި އެކަލޭގެފާނުވަނީ ބައިވެރިވެވަޑައިގެންފައެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން ފަސްވަނަ އަހަރުގެ ތެރޭގައެވެ. 

ބަރާއު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވެދުމަކަށް ހެދުކޮޅެއް ގެނެވުނެވެ. ޞަޙާބީން އެ ހެދުންކޮޅުގެ މަޑުކަމުން އަޖާއިބުވެ، އޭގައި އަތްޕުޅުޖައްސަވަން ފެއްޓެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ.

[ތިޔަބައިމީހުން ތިޔަ އަޖާއިބުވަނީ އެ ހެދުމުގެ މަޑުކަމުން ހެއްޔެވެ؟. ސުވަރުގޭގައި ސަޢުދު ބުނު މުޢާޛަށް ލިބިވަޑައިގެންފައިވަނީ ތިޔަ ވުރެން މާ މަޑު ރުމާކޮޅުތަކެކެވެ." 

ގަބުރުގެ އަޛާބު ނުވަތަ ކަށްވަޅުގެ ޢަޛާބުން ރައްކާތެރިވުމަށް އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ ވަރަށް ގިނައިން އިރްޝާދު ދެއްވައިފައެވެ. އަދި ކަށްވަޅުގެ ޢަޛާބުލިބޭނެ ފަދަ ނޭދެވާ އަމަލުތަކުން ދުރުހެލިވުމަށް އެކަލޭގެފާނު މި އުއްމަތަށް އަންގަވައިފައިވެއެވެ.  

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ސަޢުދު ބުނު މުޢާޛު ރަޟިޔަﷲ އަންހު އާ ބެހޭ ގޮތުން މާތް ނަބިއްޔާ ޙަދީޘު ކުރައްވައިފައިވެއެވެ. 

لَوْ نَجَا أَحَدٌ مِنْ فِتْنَةِ الْقَبْرِ لَنَجَا سَعْدُ بْنُ مُعَاذٍ، وَلَقَدْ ضُمَّ ضَمَّةً ثُمَّ رُخِّيَ عَنْهُ  {المعجم الکبیرطبرانی، ޙަދީޘް ނަންބަރު  10827} 

މާނައީ: ކަށްވަޅުގެ ފިއްތާލުމުން މީހަކު ސަލާމަތްވާނެ ނަމަ، ސަޢުދު ބުނު މުޢާޛު ކަށްވަޅުގެ ފިއްތުމުން ސަލާމަތްވީހެވެ. އެކަލޭގެފާނު ކަށްވަޅުގައި ކުޑަކުޑަކޮށް ފިއްތައިލެވުމަށްފަހު ސަލާމަތްވެވަޑައިގެންނެވިއެވެ." 

އަދި ހަމަ މި މާނައިގެ ޙަދީޘެއް އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުން އިމާމު އަޙްމަދުވެސް ރިވާކުރައްވައިފައެވެ. 

އަނަސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަޢުދުގެފާނުގެ ޖަނާޒާ ގެންދާން ފެށުމުން މުނާފިޤުން ބުނަންފެށިއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ހާދަ ލުޔެވެ. (އެމީހުން މިމޭރުމުން ބުނީ ސަޢުދުގެފާނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަން ބަޔާންކޮށް އެކަލޭގެފާނާއިމެދު މީސްތަކުންގެ ހިތުގައި ޝައްކާއި ފިތުނަ އުފެއްދުމުގެ ގޮތުންނެވެ.)  

އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އަޑުއިވިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [إِنَّ المَلَائِكَةَ كَانَتْ تَحْمِلُهُ] 

މާނައީ: [ހަމަކަށަވަރުން މަލާއިކަތްބޭކަލުން އެކަލޭގެފާނުގެ ހަށިކޮޅު އުފުލުމުގައި ބައިވެރިވެވަޑައިގަތެވެ." {ސުނަނު ތިރުމިޒީ 3849} 

(ބައެއް ޢލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޞަޙާބީން އުފުއްލެވީ ހަށިކޮޅު ބޭއްވިފައި އޮތް އަށިކޮޅެވެ. ހަށިކޮޅު އުފުއްލެވީ މަލާއިކަތުންނެވެ. ލުއިވީ އެސަބަބަށްޓަކައެވެ.)  

ތަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ. ސަޢުދުގެފާނު އަވަހާރަވި ދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. "ސަޢުދުގެފާނުގެ ޖަނާޒާގެ ކަންތައްތައް ހިނގަމުން ދިޔައިރު ހަތްދިހަ ހާސް މަލާއިކަތުން ހާޒިރުވެވަޑައިގެން ތިއްބެވިއެވެ. އެ މަލާއިކަތްބޭކަލުންނަކީ މީގެ ކުރިން ދުވަހަކުވެސް ބިމަށް ފައިބައި ވަޑައިގެންނެވި ބޭކަލުންނެއް ނޫނެވެ." 

އަދިވެސް އިބްނު ސަޢުދު ރިވާކުރައްވައިފައިވެއެވެ. އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ސަޢުދު ބުނު މުޢާޛު ވަޅުލެއްވުމަށްޓަކައި ކަށްވަޅު ކޮނުނު މީހުންގެ ތެރޭގައި އަހަރެންވީމެވެ. އަހަރެމެން ކަށްވަޅު ކޮންނަމުން ދިޔައިރު ވަރަށް މީރުވަހެއް ދުވަމުން ދިޔައެވެ.]

ޝައްކެތް ނެތްގޮތުގައި، ސަޢުދުގެފާނަށް މިދެންނެވި މަތިވެރި އިމްތިޔާޒުތައް ލިބިވަޑައިގެންނެވީ އިސްލާމްދީނަށްޓަކައި އެކަލޭގެފާނު ޖާނާއި މާލުން ގުރުބާން ވެވަޑައިގެންނެވުމުގެ ސަބަބުންނެވެ. ސިއްރާއި ފާޅުގައި މާތްﷲ އާއި އެކަލާނގެ ރަސޫލާ صلّى اللّـه عليه وسلّم އަށް ކިޔަމަންތެރިވެވަޑައިގެންނެވުމުގެ ސަބަބުންނެވެ.

 

މިއަދު އޮންލައިން