ޢާއިލާއިން ކާންބޯންދިނުމަކީ އާމްދަނީ ހޯދަން މަސައްކަތްނުކޮށް ހުންނަން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢާއިލާއިން ކާންބޯންދިނުމަކީ އާމްދަނީ ހޯދަން މަސައްކަތްނުކޮށް ހުންނަން ހުއްދަވާ ސަބަބެއް ނޫން!

"އަޅުގަނޑުގެ 5 ދަރިންގެ ތެރެއިން އެއް ދަރިފުޅުގެ ޢުމުރަކީ މިހާރު 30 އަހަރެވެ. ހުރީ ކިޔަވައިގެންނެވެ. އެކަމަކު އަދިވެސް ވަޒީފާއަކަށް ނުދެއެވެ. ވަޒީފާއެއް ހޯދަން ބުންޏަސް އަންނަނީ ރުޅިއެވެ. ދެން ކުރެވޭނީ ކޮންކަމެއްތޯ؟" 

ވިސްނޭ ގޮތުން ދަރިފުޅަށް ހަމައެކަނި ކާންބޯން ލިބެނީއެއް ނޫނެވެ. އެހެން ބޭނުންތައްވެސް ފުދެނީއެވެ. ނުފުދޭނަމަ ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރާނެއެވެ. ދަރިން ދެކެ ލޯބިވުމަކީ ތިއަގޮތަށް ކަންތައް ކުރުމެއް ނޫނެވެ. ޒިންމާދާރުކުރުވުމެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް އޭނާގެ ބޭނުންތަކަށް އެހެން މީހުން ފައިސާ ޚަރަދުނުކުރާށެވެ!  

ތަނަވަސްކަން ހުރެ ފުދިގެން ދިރިއުޅޭ ބައެއް ގޭގައިވެސް ވަޒީފާއަދާކުރާ ޢުމުރުގެ ދަރިންގެ އަތުން ގޭގެ ޚަރަދަށް ފައިސާ އަތުލައެވެ. ފެންބިލާއި ކަރަންޓްބިލަށްވެސް ފައިސާ ހަމަކުރަނީ ހުރިހާ ކުދިންގެ އަތުންނެވެ. އެއީ މައިންބަފައިން ނުބައިކަމަކުން ނޫނެވެ. ދިރިއުޅުމުގެ ޒިންމާތައް ދަސްކޮށްދިނުމަށެވެ. ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުވުމަށެވެ.  

ގުޅުންހުރި ލިޔުމެއް-:  

މިއަދު މިފެންނަނީ ޢާއިލާއިން ކާންބޯން ދޭނަމަ މަސައްކަތްކުރަން ފަރުވާކުޑަކޮށްލައި، ވަޒީފާއަދާނުކޮށް ތިބޭ ޒުވާނުން ގިނަވަމުން އަންނަތަނެވެ. މިއީ އިސްލާމް ދީނުގައި މިކަން އޮތްގޮތެއް ނޫނެވެ.

ވަޒީފާއަދާކުރަންވީ ހަމައެކަނި ބޯން ނުލިބިގެނެއް ނޫނެވެ. ތިމާއަށް މަސައްކަތްކުރެވޭވަރުވުމުން ކާންބޯންދޭން ޢާއިލާއަށް ޖެއްސުމެއް ނެތެވެ. މަސައްކަތްކުރަންޖެހޭނީ އެބުރައިން ޢާއިލާ ސަލާމަތްކުރުމަށެވެ. ކޮންމެ މީހަކަށްވެސް އެންމެ ޙަލާލު ރިޒުޤަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤެވެ.  

މައިންބަފައިން ކާންދިނުމަކީ ތިމާ މަސައްކަތްނުކޮށް އަތް އުރާލައިގެން ހުންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ފުރިހަމަ މިނިވަނަކަށް ވެވޭނީވެސް އެމީހެއްގެ އަމިއްލަ ކަންކަން އަމިއްލައަށް ބެލެހެއްޓޭނަމައެވެ. ނޫނީ އެމީހަކު އެވަނީ އަޅުވެތިކަމެއްގައެވެ.  

ސުންނަތުގައި އޮތީ އެމީހެއްގެ އަމިއްލަކަންކަން އަމިއްލައަށް ބެލެހެއްޓޭނެ މީހަކު ކަމުގައިވުމަށް މަސައްކަތްކުރުމަށެވެ. އެހެން މީޙުންގެ ކިބައިން އެއްވެސް ކަމަކަށް ނުއެދި ދިރިއުޅެވޭނެ މީހަކުކަމުގައިވުމަށް މަސައްކަތްކުރުމަށެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ގިނައިން ދުޢާކުރެއްވެވި އެއްކަމަކީ އެހެން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދިވަޑައިނުގެން ދިރިއުޅުއެއްވެވުމުގެ މަގުތަނަވަސްކޮށްދެއްވެވުމެވެ. އެކަމުން ވެސް އެނގެނީ އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަންތައް ކަމެވެ. 

ވީމާ ހަމައެކަނި ކެއުން ބުއިމެއް ނޫނެވެ. މަސައްކަތްކުރެވޭ ވަރަށް ބޮޑެތިވުމުން އެއްވެސް  ބޭނުމެއްގައި މައިންބަފައިންގެ ކިބައިން އެދުމެއް ނެތެވެ. މަސައްކަތްކުރަންޖެހޭނީ އަމިއްލައަށް ތިމާގެ ބޭނުންތައް ފުއްދައިގެން އުޅެވޭނެ މީހަކު ކަމުގައިވުމަށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން